ޕޮއިންޓް ދޭ އުސޫލުން ފްލެޓާއި ގޯތި ދިނުން ރަނގަޅު ނޫން ކަމަށާއި އެކަމަށް އެންމެ ރަނގަޅު ގޮތަކީ ހާލަތު ބެލުން ކަމަށް މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން މިއަދު ވިދާޅުވެއްޖެ އެވެ.
ސިނާން އެހެން ވިދާޅުވީ ޓީވީއެމްގެ މަޖިލިސް ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ މައްޗަންގޯޅި ދެކުނު ދާއިރާއަށް އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލައަކީ ގޯތި ގެދޮރުގެ ދަތިކަމުގެ މައްސަލަ ކަމަށެވެ. ކޮންމެ ގެއެއްގެ ކޮންމެ މީހެއްގެ ޝަކުވާއަކީ ވެސް އެއީ ކަމަށެވެ.
މީގެ ކުރިން ގޭގެ ރަޖިސްޓްރީ ބާއްވައިގެން ލޯނު ލިބުނު ކަމުގައި ވިޔަސް މިހާރު އެކަން ކުރެވެން ނެތް ކަމަށާއި އެހެންވެ ބިންވެރިންނަށް ވެސް ގޯތި ހަދާނެ ގޮތެއް ނެތް ކަމަށް ސިނާން ވިދާޅުވި އެވެ.
"އެކަންކަން ބަދަލު ކުރެވެން އެބަ ޖެހޭ، ދާއިރާއަށް ތަރައްގީ އަންނާނީ، އުޖާލާކަން ރޯޝަނީކަން އަންނަން އޮތީ އެ ގެދޮރުތައް އެ ޖިފުޓިތައް ހެދިގެން، އެ ނޫން ގޮތަކަށް އަޅުގަނޑުމެން އެ ވާހަކަ 50 އަހަރު ދެއްކިޔަސް 100 އަހަރު ދެއްކިޔަސް ދާއިރާ އޮންނާނީ އެގޮތަށް،" ސިނާން ވިދާޅުވި އެވެ.
ސިނާން ވިދާޅުވީ އެ ދާއިރާއަކީ ވެސް ނިކަމެތިން ގިނަ ދާއިރާއެއް ކަމަށާއި ޕޮއިންޓް ދޭ އުސޫލުން ދުވަހަކު ވެސް ގޯތީގެ ދަތިކަމަށް ހައްލެއް ނުލިބޭނެ ކަމަށެވެ. އޭގެ ބަދަލުގައި މީހުން އުޅޭ ހާލާއި ލިބޭ އާމްދަނީއަށް ބެލުމަށްފަހު ގޯއްޗާއި ފްލެޓް ލިބޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ ކަމަށެވެ.
"ޕޮއިންޓް ދީގެން މިކަމެއް ނުވާނެ، ހާލަތަށް ބަލާށޭ، އެމީހަކު ދިރިއުޅޭ ހާލާއި ތަންކޮޅާއި ލިބޭ ފައިސާ އާއި އެ ގެއަށް ވަންނަ އާމްދަނީއަކަށް ބަލާފައި އެބަޔަކަށް ޕޮއިންޓް ދޭ އުސޫލު އެއްކައިރީގައި ބާއްވާފަ ހާލަތަށް ބަލައި ގޯތި ދެވޭނެ ގޮތް ހަމަޖައްސާށޭ، އެ ނޫން ގޮތަކަށް ތަރައްގީއެއް ނެތް، ކުރިއެރުމެއް ނެތް،" ސިނާން ވިދާޅުވި އެވެ.
ސިނާން އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ސަރުކާރު ހިންގުން ދަތިވާނެ ގޮތަށް އަމަލުކޮށްގެން ވާނެ ބައެއް ނޫން ކަމަށެވެ. އެހެންނަމަވެސް މަޖިލީހުގެ ތެރޭގައި އޮތް ނިޒާމްގެ ތެރެއިން ސަރުކާރު ޖަވާބުދާރީކުރުވަން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.