ވިޔަފާރި

ކޯނީ އަށް އެންމެ ގިނަ ކޮޓަރި ވިކެނީ ރާއްޖެއިން

Mar 24, 2019
1

ދުނިޔޭގެ އެންމެ މަޝްހޫރު ބޮޑު ޓްރެވަލް އޮޕަރޭޓާ ކަމަށްވާ ކޯނީއަށް އެންމެ ގިނައިން ކޮޓަރި ވިކޭ އަދި އެންމެ ވިޔަފާރިވާ ގައުމަކީ ރާއްޖެ ކަމަށް ބުނެފި އެވެ.

ކޯނީ އިން ކޮންމެ އަހަރަކު ނެރޭ ކޯނީ، ވޯލްޑް ވައިޑް ޓްރެވަލް ރިޕޯޓްގައިވާ ގޮތުން އެ ކުންފުންޏަށް އެންމެ ވިޔަފާރި ރަނގަޅު ގައުމުގެ ގޮތުގައި ރާއްޖެ އޮންނަތާ 16 އަހަރު ވެއްޖެ އެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި ރާއްޖޭގެ މަތީ ފަންތީގެ ލަގްޒަރީ ޓޫރިޒަމްގެ ގޮތުގައި ޖީލުތަކަށް ދެމިގެންދާއިރު ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ރާއްޖޭގެ ޓޫރިޒަމަށް މުޅިން އަލަށް 20 ރިސޯޓެއް ހުޅުވައިވާ ކަމަށް ބުނެފައިވެ އެވެ. އަދި މި އަހަރު ވެސް ރާއްޖޭގެ ޓޫރިޒަމްގެ ކުރިމަގު ފެންނަނީ އުޖާލާކޮށް ކަމަށް ބުނެފައިވެ އެވެ.

އިނގިރޭސިވިލާތުގެ ކޯނީ އިން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު އެ ގައުމުން ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު 10.2 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އަދި ރާއްޖެ އަންނަ ޓޫރިސްޓުންނަށް ރާއްޖޭން ލިބޭ ހިދުމަތްުތަކުގެ ތެރެއިން ސީޕްލޭންއަކީ މަގުބޫލު އެއް ހިދުމަތްތަކަށް ބުނެފައިވެ އެވެ.

ކޯނީއިން މިދިޔަ އަހަރު 7130 ސީޕްލޭން ދަތުރު ވިއްކާފައިވެ އެވެ. އަދި މިއީ މިދިޔަ އަހަރު މި ހިދުމަތް ހޯދި މީހުންނާ އަޅާ ބަލާއިރު 64 ޕަސެންޓް އިތުރު އަދަދެއް ކަމަށް ބުނެފައިވެ އެވެ.

ޓުއާ އޮޕަރޭޓަރުކަން ކުރާތާ ބައި ގަރުނަށް ވުރެ ގިނަ ދުވަސްވީ ކުންފުނިން އެކުލަވާނީ މިދިޔަ އަހަރުގެ އެންމެ ވަރުގަދަ 25 މަންޒިލްގެ އެއް ވަނަ ވެސް ލިބިފައިވަނީ ރާއްޖެ އަށެވެ. ރާއްޖޭގެ ފަހަތުން ދެން އުޅެނީ ސްރީލަންކާ އާއި ތައިލެންޑް އަދި މޮރިޝަސް އެވެ.