ދުނިޔެ

ޗައިނާގެ ސިލްކް ރޯޑު މަޝްރޫއުގައި އިޓަލީން ބައިވެރިވެއްޖެ

Mar 24, 2019
1

ބެއިޖިންގް (މާޗް 24) - ޗައިނާގެ ރައީސް ޝީ ޖިންޕިންގެ މޭސްތިރިކަމުގެ ދަށުން އެގައުމުގެ ވިޔަފާރީގެ ނާރެސް ދުނިޔެއަށް ފުޅާކުރަން ފަށާފައިވާ ސިލްކް ރޯޑް، ނުވަތަ "ވަން ބެލްޓް ވަން ރޯޑް" މަޝްރޫއުގައި ބައިވެރިވި ފުރަތަމަ ޔޫރަޕުގެ ގައުމަށް އިޓަލީވެއްޖެ އެވެ.

ޝީ އިޓަލީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޖުމްލަ 2.8 ބިލިއަން ޑޮލަރުގެތަފާތު 29 މަޝްރޫއުއެއްގައި ވަނީ ސޮއި ކުރެވިފަ އެވެ.

ޗައިނާގެ ބިޔަ މަޝްރޫއުގެ އަމާޒަކީ މުޅި ދުނިޔޭގައި ޗައިނާގެ ނުފޫޒު ފެތުރުން ކަމަށް އެމެރިކާގެ އިތުރުން ހުޅަނގުގެ ގިނަ ގައުމުތަކުން ވަނީ ތަކުރާރުކޮށް ތުހުމަތު ކުރަމުންނެވެ.

ޗައިނާގެ ބިޔަ މަޝްރޫއުގެ މޫތައް، ދުނިޔޭގެ 115 ގައުމަކަށް މިހާރު ފެތުރިފައިވާއިރު، މިދިޔަ ޖޫން މަހާއި ހަމައަށް 39 ޕަސަންޓާއެކު ޗައިނާގެ ހިޔަނި އެންމެ ބޮޑީ އޭޝިއާ ސަރަހައްދުގަ އެވެ. ދެވަނައަށް 30 ޕަސަންޓާއެކު އޮތީ އެފްރިކާގެ ބައްރެވެ.

އިޓަލީއަކީ ދުނިޔޭގައި ކުރިއަރާފައިވާ އިގުތިސޯދުތަކުގެ ތެރެއިން ޗައިނާގެ މަޝްރޫއުގައި ބައިވެރިވި ފުރަތަމަ ގައުމެވެ. ދުނިޔޭގެ އެންމެ މުއްސަނދި އިގުތިސޯދުތަކުގެ ތެރޭގައި ހިމެނޭ އިޓަލީގެ މާލީ ހާލަތު މިފަހުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ޔޫރަޕުގެ އެންމެ ދަރަނި ބޮޑުއެއް ގައުމުގެ ލަގަބު މިދިޔަ އަހަރު އިޓަލީއަށް ލިބިފައިވާއިރު، އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތައް ސަރުކާރަށް ނުހިންގި އާންމުންގެ ޝަކުވާތައް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.