ދުނިޔެ

ޕާކިސްތާނުގެ އަސްކަރީ ބާރު ދައްކާލަމުން ސުލްހައަށް ގޮވާލައިފި

Mar 24, 2019
1

އިސްލާމްއާބާދު (މާޗް 24) - ސިއްހަތާއި ތައުލީމަށް އިސްކަންދީގެން ޕާކިސްތާނުން ބޭނުންވަނީ އަވަށްޓެރި އިންޑިއާއާއެކު ސުލްހަ ގާއިމުކުރަންކަމަށް ޕާކިސްތާނުގެ އަސްކަރީ ބާރު ދައްކާލުމަށް ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަރަކާތުގައި ރައީސް ޢަރިފް އަލްވީ ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހު ކަޝްމީރު ސަރަހައްދުގައި އިންޑިއާ ސިފައިންތަކެއް ގޮވައިގެން ދަތުރުކުރި ބަހަކަށް ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތަކުން ހަމަލާދިނުމުން ދެގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ކޯޅުން ހަނގުރާމައަކަށް ބަދަލުވެދާނެކަމުގެ ބިރުހީވި އެވެ.

"އަހަރެމެންނަކީ ހަނގުރާމަ ގަބޫލުކުރާ ބައެއް ނޫން، އަހަރެމެން ބޭނުންވަނީ މަޝްވަރާކޮށްގެން މައްސަލަތައް ހައްލުކުރަން،" ޖުމްހޫރީ ދުވަހުގެ ހިތާބުގައި ރައީސް އާރިފް ވިދާޅުވި އެވެ.

އެ ހާދިސާގައި 42 އިންޑިއާ ސިފައިން މަރުވެފައިވާއިރު، ފަހުގެ ތާރީހެއްގައި އިންޑިއާ ސިފައިންނަށް ދިން އެންމެ ނުރައްކާތެރި ހަމަލާގެ ފަހަތުގައިވާ ޖަމާއަތަށް ވާގި ދޭ ކަމަށް ބުނެ އިންޑިއާ ސަރުކާރުން ވަނީ އަވަށްޓެރި ޕާކިސްތާނަށް ނުރައްކާތެރި އިންޒާރުތައް ދީފަ އެވެ.

އެ އަރައިރުމުގެ ތެރޭގައި، ދެ ގައުމުން ވައިގެ ހަމަލާތައް ބަދަލުކޮށްފައިވާއިރު، އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް ވައްޓަލާއި، އެ ބޯޓުގެ ޕައިލެޓު ޕާކިސްތާނުން ހައްޔަރުކުރި އެވެ. ނަމަވެސް، ބޮޑުވަޒީރު އިމްރާން ޚާންގެ އެންގެވުމަށް، އެ ޕައިލެޓު ވަނީ ފަހުން އިންޑިއާ އާ ހަވާލުކޮށްފަ އެވެ.

ޖުމްހޫރީ ދުވަހުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވީ، މެލޭޝިއާގެ ބޮޑުވަޒީރު މަހާތީރު މުހައްމަދެވެ. އެ ހަފްލާގައި ބައިވެރިވެވަޑައިގެންނެވި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މެސެޖެއް ލިބިވަޑައިގެންނެވި ކަމަށެވެ. އެ މެސެޖުގައި ސަރަހައްދީ ސުލްހައާ އެއްބައިވަންތަކަށް މޯދީ ގޮވާލައްވާފައިވާކަމަށް އިމްރާން ޚާން ވިދާޅުވި އެވެ.

"މޯދީގެ މެސެޖަށް ޕާކިސްތާނުގެ ރައްޔިތުންގެ ނަމުގައި މަރުހަބާ ކިޔަން. އަދި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރަން ދެގައުމުން އިށީނަންޖެހޭ ވަގުތު ޖެހިއްޖެކަމަށް އަހަރެން ގަބޫލުކުރަން،" ޚާން ވިދާޅުވި އެވެ.