ބޭރު ކުޅިވަރު

މެސީ ގައުމީ ޓީމުން ބޭރު ކުރަން އާޖެންޓީނާގައި ގޮވާލަނީ

Jul 9, 2015

ބާސެލޯނާގައި ދައްކާ މޮޅު ކުޅުން ގައުމީ ޓީމުގައި ނުދެއްކޭތީވެ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ގައުމީ ޓީމުން ބޭރުކުރުމަށް އޭނާގެ ގައުމުގައި ގޮވާލަން ފަށައިފި އެވެ.

ސަޕޯޓަރުން މެސީއާމެދު ނުރުހުން ފާޅުކުރަން ފެށީ ވިދިވިދިގެން ދެ އަހަރަކު ބޮޑު ދެ ފައިނަލުން އާޖެންޓީނާ ބަލިވުމުންނެވެ. މެސީގެ ކެޕްޓަން ކަމުގައި އާޖެންޓީނާ ބަލިވީ މިދިޔަ އަހަރުގެ ވޯލްޑް ކަޕް ފައިނަލާއި މިދިޔަ ހަފުތާގައި ކުޅުނު ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގަ އެވެ.

މިއާއެކު ތައްޓެއް ނުލިބި އާޖެންޓީނާ ގުނަމުންދާ ދުވަސްތައް 20 އަހަރަށްވުރެ މައްޗަށް ގޮސްފަ އެވެ.

މެސީ ގައުމީ ޓީމުން ބޭރުކުރުމަށް ގޮވާލާތީވެ އޭނާގެ ދިފާއުގައި ނުކުމެފައިވަނީ ގޯލްޑޮޓްކޮމްގެ އާޖެންޓީނާ ގޮތްޕެވެ. އެ އޮންލައިނުން ވަނީ އަހަރެން ވެސް މެސީ އަށް ސަޕޯޓްކުރަން ކަމަށްވުނެ ފޭސްބުކުގައި ބޮޑު ކެމްޕޭނެއް ފަށައިފަ އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަތަރު ފަހަރު ހޯދާފައިވާ މެސީ ވަނީ ހުސްވި ސީޒަނުގައި ބާސެލޯނާއާއެކު ސްޕެނިޝް ކަޕާއި ލީގު އަދި ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ. ނަމަވެސް ގައުމީ ޓީމުގައި އޭނާ އަށް ކާމިޔާބީއެއްނެތެވެ. މިއާއެކު މެސީ ވަނީ ކޮޕާ އެމެރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު އޭނާ އަށް ދޭން އުޅުމުން އެކަން ގަބޫލުނުކޮށްފަ އެވެ.