މީގެ ހަފްތާއެއްހާ ދުވަސް ކުރިން ދެކުނު އެފްރިކާއަށް އަރާ އެގައުމު ސުންނާފަތި ކޮށްލި ތޫފާން އިޑާއީގައި މަރުވި މިހުންގެ އަދަދު، ބޮޑު ތަނުން އިތުރުވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި އެވެ.
މޮޒެމްބިކްގެ ލޭންޑް އެންޑް އެންވަޔަރުމަންޓް މިނިސްޓަރު ކެލްސޯ ކޮރީއާ ހާމަކޮށްފައިވާ ގޮތުގައި މޮޒެމްބިކްގައި މަރުވި މީހުންގެ އަދަދު ވަނީ 242 އިން 417 އަށް އަރާފަ އެވެ.
މި އަދަދާއި އެކު މޮޒެމްބިކް، ޒިމްބާބްވޭ އަދި މަލާވީގައި އެއްކޮށް މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 700 އަށް އަރައިގެން ދިޔައީ އެވެ. ނަމަވެސް މަރުވި މީހުންގެ އަދަދު ރަނގަޅަށް ސާފުވާނީ ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެންގަނޑު ހިނދުމުން ކަމަށް އދ. އިން ބުނެ އެވެ. އދ. ގެ އޮފީސް ފޮ ކޯޑިނޭޝަން އޮފް ހިއުމަން އެފެއާޒް (އޯސީއެޗްއޭ)ގެ ކޯޑިނޭޓަރު ސެބާސްޗަން ރޯޑްސް ސްޓަމްޕާ ހޮނިހިރު ދުވަހު މައުލޫމާތު ދެމުން ބުނީ ބުޒީ އަދި ޒަމްބެޒީ ކޯރު އަނެއްކާ ބަންޑުން ވެދާނެކަމުގެ ބިރު އެބަ އޮތްކަމަށެވެ.
އެތައްހާސް ބަޔަކު އަދިވެސް ފެންގަނޑު ތެރޭ ތާށިވެފައި ވާއިރު މޮޒެމްބިކް ސަރުކާރަށް އެހީ ލިބެން ފަށާފައި ވަނީ ވަރަށް ފަހުން ނެވެ. ކަމާބެހޭ ފަރާތްތަކުން އަންދާޒާ ކުރާގޮތުގައި މި ހާދިސާގައި 1.7 މިލިއަން މީހުންނަށް ވަނީ އަސަރުކޮށްފަ އެވެ.
ގެތައް ސުންނާފަތިވެ މަގުތައް ހަލާކުވެފައިވާއިރު ކަރަންޓާއި ބޯފެން ފަދަ އެއްވެސް އަސާސީ ހިދުމަތްތަކެއް އެ ސަރަހައްދުތަކުގައިނެތެވެ. ހެލިކޮޕްޓަރު މަދުވުމުންނާއި ދަތުރު ކުރުމުގައި ހުރި އުނދަގޫކަމުގެ ސަބަބުން އެހީވެދޭ ޖަމާތައްތަކަށް އެހީ ފޯރުކޮށްދިނުމުގައި ވަނީ އުނދަގޫވެފަ އެވެ. އަދި މިހާރު މިސަރަހައްދުތަކުގައި ތާށިވެފައި ތިބި މީހުންގެ ގައިން ކޮލެރާ އަދި މެލޭރިއާ ފަދަ ބަލިތައްވެސް ވަނީ ފެނިފަ އެވެ.