ހަބަރު

ޓްރައިބިއުނަލުގެ ފުލްޓައިމް މެންބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކޮށްފި

Mar 25, 2019
1

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ފުލްޓައިމް މެންބަރު ކަމަށް ތިން ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

އެގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ފުލްޓައިމް މެންބަރު ކަމަށް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަނު ކުރެއްވި ތިން ބޭފުޅުންނަކީ:

1. ގދ. ތިނަދޫ، ގެލަ އާމިނަތު އަބްދުﷲ ޒުހައިރު
އާމިނަތު އަބްދުﷲ ޒުހައިރަކީ އިނގިރޭސިވިލާތުގެ ކިންގްސްޓަން ޔުނިވަރސިޓީއިން މާސްޓަރސް އޮފް ލޯސް – އެލް.އެލް.އެމް. އެމްޕްލޯއިމެންޓް ލޯ ހާސިލް ކުރައްވާފައިވާ ފަރާތެކެވެ. މިއަދާ ހަމައަށް ހުންނެވީ ނޭޝަނަލް ޕޭ ކޮމިޝަނުގެ ލީގަލް ކޮންސަލްޓެންޓްގެ މަގާމުގައެވެ.

2. ޅ. ހިންނަވަރު، ހިޔާވަހި ފާތިމަތު މަހީރާ މުހައްމަދު
ފާތިމަތު މަހީރާ މުހައްމަދަކީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އިން ބެޗެލަރ އޮފް ލޯސް – އެލް.އެލް.ބީ. ލޯ، ޝަރީޢާ އެންޑް ލޯ ހާސިލް ކުރައްވައި، ޤާނޫނީ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަރާތެކެވެ.

3. ގަލޮޅު އޮށްޓަރު އަބްދުﷲ މިފްރާޒް ނިޒާރު
އަބްދުﷲ މިފްރާޒް ނިޒާރަކީ ކާޑިފް މެޓްރޮޕޮލިޓަން ޔުނިވަރސިޓީ އިން މާސްޓަރ އިން ބިޒްނެސް ލޯ ވިތް އެމްޕްލޯއިމެންޓް އެންޑް ހިއުމަން ރިސޯސަސް ހާސިލު ކުރައްވާފައިވާ ފަރާތެކެވެ. އަލްއުސްތާޛު ޢަބްދުﷲ މިފްރާޒް ނިޒާރު މީގެ ކުރިން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓަރގެ މަގާމާއި، ސުޕްރީމް ކޯޓުގެ ލީގަލް އެސިސްޓެންޓްގެ މަގާމު އަދާ ކުރައްވާފައެވެ. އަދި އަމިއްލަ ގޮތުން ޤާނޫނީ ވަކީލުކަންވެސް ކުރައްވާފައިވެއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ފުލްޓައިމް މެންބަރު ކަމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން މި ތިން ބޭފުޅުންނާ ރައީސް ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްގެ ކުރިފުޅުމަތީގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި ކުރެއްވުން އޮތެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނައިބު ރައީސް ކަމަށް އައްޔަނު ކުރައްވާފައިވަނީ އާމިނަތު އަބްދުﷲ ޒުހައިރެވެ.