ދުނިޔެ

ޣައްޒާ ރޮކެޓު ހަމަލާގެ ރައްދު އިޒްރޭލުން ދީފި

Mar 26, 2019

ޓެލް އަވީވް (މާޗް 26) - އިޒްރޭލުގެ ވެރިރަށް ޓެލް އަވީވަށް އިއްޔެ ހަމާސް އިން ފޮނުވާލިކަމަށް ތުހުމަތުކުރާ ރޮކެޓުގެ ރައްދުގައި، އިޒްރޭލުން ޣައްޒާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއްދީފި އެވެ.

ޣައްްޒާ ކޮންޓްރޯލްކުރާ ހަމާސް ޖަމާއަތުން ދިން ރޮކެޓު ހަމަލާގައި، ހަތް މީހަކު ވަނީ ޒަހަމްވެފަ އެވެ. އެ ހަމަލާގެ ރައްދުގައި، ހަމާސްގެ ލީޑަރުގެ އޮފީހަށާއި، އަސްކަރީ ޖާސޫސީ މައި އިދާރާ ހުންނަ އިމާރާތަށް އަމާޒުކޮށް ވައިގެ ހަމަލާތައް އިޒްރޭލު ސިފައިން ވަނީ ދިފަ އެވެ.

އެ ހަމަލާތަކުގައި ހަތް މީހަކު ޒަހަމްވެފައިވާކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

"އިޒްރޭލުން މިކަން ބަލައެއްނުގަންނާނެ. އަހަރެންވެސް މިކަން ބަލައެއްނުގަންނާނަން،" ހަމާސްއިން ދިން ހަމަލާއާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައިވެ އެވެ.

ނަމަވެސް، ޣައްޒާގައި ހަރަކާތްތެރިވާ އެއްވެސް ޖަމާއަތަކުން އެ ރޮކެޓް ފޮނުވާލިކަމަށް އެއްބަހެއްނުވެ އެވެ.

އިޒްރޭލަށް ވާގިދޭ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އެ ހަމަލާ ކުށްވެރިކުރައްވައި، އަމިއްލައަށް ދިފާއުވުމުގެ ފުރިހަމަ ހައްގު އިޒްރޭލަށް ލިބިގެންވާކަމަށް ވިދާޅުވެފަ އެވެ.

އިނގިރޭސިން ފަލަސްތީނު ހިފައި، އެ ބިމުގައި ޔަހޫދީން އާބާދުކޮށް އެއަށް ފަހު އެ މީހުންނަށް އެތަނުގައި ދައުލަތެއް ގާއިމު ކޮށްދިނީ މީގެ 70 އަހަރު ކުރިންނެވެ. ފަލަސްތީނުގެ އަސްލު ވަޒަންވެރިން އެމީހުންގެ ގެދޮރުން ނެރެލައި އިޒްރޭލުގެ ދައުލަތް ގާއިމްކުރުމަަށް ފަހު އެކަން ރަސްމީކޮށް އިއުލާނު ކުރީ 1948 ވަަނަ އަހަރުގެ މޭމަހުގެ 14 ވަނަ ދުވަހު އެވެ.