ހަބަރު

"ދަންމާނު" ގްރޫޕުން ބިއުޓިފުލް އައިސް ކުދިންނަށް ބެރުޖަހަން ދަސްކޮށްދެނީ

Mar 26, 2019
1

މަޝްހޫރު ބޮޑުބެރު ގްރޫޕު، "ދަންމާނު" ބޮޑުބެރު ގްރޫޕުގެ ފަރާތުން ބިއުޓިފުލް އައިޒް ކުދިންނަށް ބޮޑުބެރު ޖަހަން ދަސްކޮށްދިނުމަށް ނިންމައި އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި މި ހޮނިހިރު ދުވަހު ބޭއްވި ހާއްސަ ކުޑަކުދިންގެ ހަވީރުގައި ވަނީ މި އެއްބަސްވުމުގައި ސޮއި ކޮށްފަ އެެވެ. ދަންމާނުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޑައުން ސިންޑުރޯމް ކުދިންގެ ހައްގުގައި މަސައްކަތްކުރާ ބިއުޓިފުލް އައިސްގެ ކުދިންނަށް ބޮޑުބެރު ހުނަރު ދަސްކޮށް ދިނުމުގެ ސެޝަންތަކެއް ބޭއްވުމަށް އެއްބަސްވެފައިވަނީ އެކުދިންނަކީވެސް އެހެން ކުދިންފަދައިން މިކަހަލަ ހަރަަކާތްތަކުގައި ބައިވެރިވުމަށް ބޭނުންވާ ކުދިން ކަމަށް ވާތީ ކަމަށް އެ ގްރޫޕުން ބުންޏެވެ.

މި އެއްބަސްވުމުގައިި، "ދަންމާނު" ބޮޑުބެރު ގޮރޫޕްގެ ފަރާތުން ހަވާލުކޮށްދެއްވީ އެސިސްޓެންޓް މެނޭޖާ އަލީ މިޝްއަލް އެވެ. "ބިއުޓިފުލް އައިސް" އިން މި ލިޔުމާ ހަވާލުވީ ފައުންޑަ އައިޝަތު ޝިފާ އެވެ.

"ދަންމާނު" ބޮޑުބެރު ގްރޫޕުގެ ފަރާތުން ވާހަކަދައްކަވަމުން، އަލީ މިޝަލް ބުނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިން މުޖުތަމައުއިން ބަލައި ގަންނަ ގޮތް އަދިވެސް ވަރަށް މަދު ކަމަށާއި އެކުދިންނަށް އެހެން ކުދިންނާ އެއްކޮށް ވަގުތު ހޭދަކޮށްލެވޭނެ ގޮތެއް އަދިވެސް ހަމަޖެހިފައި ނެތް ކަމަށެވެ. އަދި، އެ ގްރޫޕުގެ އުއްމީދަކީ މިފަދަ ކަމަކުން ވިޔަސް އެކުދިންނަކީ އެހެން ކުދިންނެކޭ ތަފާތެއް ނެތް ބަައެއްކަން އަންގައިދިނުން ކަމަށް އޭނާ ބުންޏެވެ.

"އެކުދިން ބޮޑުވަމުން އަންނައިރު ނަފްސާނީގޮތުން ބައިވަރު އުދަގޫތަކާ ކުރިމަތި ލާންޖެހޭ. އަޅުގަނޑުމެން ގުރޫމްގެ މި އިސްނެގުމަކީ އެކުދިން ގެ މޫނުމަށްޗަށް ހިނިތުން ވުމެއް ގެނެސް ދިނުން. އަދި އެކުދިންނެކޭ އެހެން ކުދިން ނެކޭ އެއްވެސް ތަފާތެއް ނެތަކަން އެކުދިނަށް ވެސް އިހުސާސް ކޮށް ދިނުން. އަޅުގަނޑުމެން ބޭނުންވަނީ އެންޓަޓެއިންމަންޓް އިންޑަސްޓްރީގައި އުޅޭ އާޓިސްޓުން ވެސް އަދި އެހެން ގްރޫޕްތަކުންވެސް މި ކުދިންނަށް އެހީތެރި ވުމަށް" މިޝަލް ބުންޏެވެ.

"ދަންމާނު" ބޮޑުބެރު ގޮރޫޕްއަކީ މީގެ ކުރިންވެސް ގިނަ ޗެރިޓީ ޝޯތަކެއް ކުޅެ އަދި މިކަހަލަ ހާއްސަ އެހީހައަށް ބޭނުންވާ ކުދިންގެ އިވެންޓުތަކުގައި ބޮޑުބެރު ޝޯތައް ހުށައަޅާއި ދީފައިވާ ގުރޫޕްއެކެވެ. "ބިއުޓިފުލް އައިސް"ގެ ކުދިންނަށް ބޮޑުބެރުގެ ހުނަރުތައް ދަސްކޮށް ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ މުޅި މި އަހަރަށް ބަހާލާފަ އެވެ.