ހަބަރު

އެސްއޯއެފްގެ ނަގުދު ފައިސާ ލިބުނު މީހުން ހާމަކުރަން އުޅޭ ކަމުގެ ތުހުމަތު

Mar 26, 2019
12

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ހުރަސް އެޅުމުގެ ގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޮޑު ހިޔާނާތާ ގުޅިގެން ނަގުދު ފައިސާ ލިބުނު ފަރާތްތަކުގެ ލިސްޓް ހާމަ ކުރަން އުޅޭ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ އިން ބުނެފި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީި މިދިޔަ ފެބްރުއަރީ މަހު ރިޕޯޓް އާންމުކޮށްފަ އެވެ. އެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކޮށްފައިވާ 57 ތަނެއް ކުއްޔަށް ދީގެން، އެކްއިޒިޝަން ކޮސްޓްގެ ގޮތުގައި ޖުމްލަ 77.5 މިލިއަން ޑޮލަރު އެ ކުންފުންޏަށް ލިބެން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް އެމްއެމްޕީއާރްސީއަށް ލިބިފައި ވަނީ 12.5 މިލިއަން އެމެރިކާ ޑޮލަރެެވެ. އަދި ބާކީ ހުރި 64.8 މިލިއަން ޑޮލަރު ޖަމާކޮށްފައި ވަނީ، އެސްއޯއެފްގެ އެކައުންޓަށާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މަސްލަހަތު އޮންނަ، މިލޭނިއަމް ކެޕިޓަލް މެނޭޖަމަންޓްގެ އެކައުންޓް އަށެވެ. އެ ފައިސާގެ ތެރެއިން 80 މިލިއަނަށް ވުރެ ގިނަ ޑޮލަރު އެކި ފަރާތްތަކުގެ އެކައުންޓްތަކަށް ވަނީ ޖަމާކޮށްފަ އެވެ.

އެރިޕޯޓްގައި ހާމަކޮށްފައިވަނީ ހަމައެކަނި އެކައުންޓްތަކަށް ޖަމާވި ފައިސާގެ ތަފްސީލްތަކެވެ. ނަގުދު ފައިސާގެ ގޮތުގައި މީހުންނަށް ދީފައިވާ ފައިސާ އާއި އެމައްސަލަ ތަހުގީގް ކުރުމަށް އީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ވަނީ ފަށާފަ އެވެ.

ޕީއެންސީ އަދި ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕީއެންސީގެ ވަގުތީ ރައީސް އަބުދުއްރަހީމް އަބުދުﷲ (އަދުރޭ) ވިދާޅުވީ، އޭސީސީ އިން ނެރުނު އެމްއެމްޕީއާރްސީގެ ރިޕޯޓްގައި އެޕާޓީއަށް ސަޕޯޓްކުރާ ގިނަ ބަޔަކު ނުހިމެނޭ ކަމަށެވެ. އެހެން ނަމަވެސް އެމްއެމްޕީއާރްސީގެ ނަގުދު ފައިސާ ލިބުނު ފަރާތްތަކުގެ ލިސްޓެއް އާންމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.

"މިވެސް އަޅުގަނޑުމެން ގަބޫލު ކުރަނީ ވަރަށް ބޮޑު ޖަރީމާއެއް މި ހިންގަނީ، ވަރަށް ބޮޑަށް މި އިންތިހާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތް މި ކުރަނީ، ރައީސް ސޯލިހް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން މި ލިސްޓް ނެރުމަށް މަސައްކަތް ކުރަމުންދަނީ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، އެލިސްޓްގައި ކުރީގެ ރައީސް އަބުދުﷲ ޔާމީންއާ ކުރީގެ ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމްގެ ނަމުގެ އިތުރުން މަޖިލިސް އިންތިހާބަށް ކުރިމަތިލާފައިވާ ޕީޕީއެމްގެ ވަރަށް ގިނަ ކެނޑިޑޭޓުންގެ ނަންތައް ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"ކޮންމެ ފަދަ ލިސްޓެއްވެސް ނެރެވިދާނެ، އޭގެ ހެއްކެއްނެތް، މި އިންތިހާބާ ދިމާކޮށް މިފަދަ ލިސްޓެއް އާންމު ކުރުމުގެ ބޭނުމަކީ އަޅުގަނޑުމެންގެ ކެނޑިޑޭޓުންގެ އަގު ވައްޓާލުން، އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތަކީ، މި ޖަރީމާ ހިންގި ގިނަ މީހުން ދައުލަތުގެ ހެކިންނަށް ބަދަލުކޮށްފަ އެމީހުންނަށް ހިމާޔަތްދޭ ގޮތަށް ބޮޑު ލިސްޓެއް އާންމު ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއް،"

އޭނާ ވިދާޅުވީ، އިދިކޮޅު ކެނޑިޑޭޓުންނާއި އިދިކޮޅު ފަރާތްތައް ހިމެނޭ 80 މީހުންގެ ލިސްޓެއް އާންމު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކީ ހަމައެކަނި ސީދާ އިންތިބާށް ނުފޫޒު ފޯރުވަން ކުރާ ކަމެއް ކަމަށެވެ.

އަދުރޭ އިތުރަށް ވިދާޅުވީ، މަޖިލިސް އިންތިހާބަށް ހުރަސް އެޅުމުގެ ގޮތުން އެކިއެކި ކަންކަން މި ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން ރައީސް ޔާމީން ހައްޔަރު ކޮށްފައިވަނީވެސް އިންތިހާބަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ. މީގެ އިތުރުން ޕީޕީއެމަށް ލިބެންޖެހޭ ފައިސާ މިހާތަނަށް ދޫނުކޮށް ހިފަހައްޓާފައިވަނީވެސް އެސަބަބަށްޓަކައި ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.