ވިޔަފާރި

ދުސިތު ތާނީ ރިސޯޓު 63 މިލިއަން ޑޮލަރަށް ވިއްކާލައިފި

Mar 27, 2019

ބ. މުއްދޫގައި ތައިލެންޑުގެ ކުންފުންޏަކުން ހިންގާ ދުސިތު ތާނީ ރިސޯޓް 63 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 971 މިލިއަން ރުފިޔާ) އަށް ވިއްކާލައިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ "މޯލްޑިވްސް އިންސައިޑާ" ގައިވާ ތައިލެންޑުގެ ދުސިތު ތާނީ ޕަބްލިކް ކޮމްޕެނީ ލިމިޓެޑުން ހިންގާ މި ރިސޯޓު ވިއްކާލާފައި ވަނީ އެ ކުންފުނީގެ ދަށުން ހިންގާ އެހެން ސިސްޓާ ކުންފުންޏެއް ކަމަށްވާ ދުސިތު ތާނީ ފްރީ ހޯލްޑް އެންޑް ލީސް ހޯލްޑް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ޓްރަސްޓް ކުންފުންޏަށެވެ.

ދުސިތު ތާނީ ޕަބްލިކް ކޮމްޕެނީ ލިމިޓެޑާ ހަވާލާދީ ބުނެފައިވާ ގޮތުން ރާއްޖޭގެ ދުސިތު ތާނީ، އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏަކަށް ވިއްކާލަން ނިންމީ، އިންވެސްޓަރުންގެ އިތުބާރު ބޮޑުކޮށް ހިއްސާގެ ފައިދާ ވެސް ބޮޑު ކުރާށެވެ.

ދުސިތު ތާނީ ޕަބްލިކް ކޮމްޕެނީގެ ޗީފް އެގްޒެކްޓިވް ސުޕަޖީ ސުތުމްޕު ވިދާޅުވެފައިވާ ގޮތުގައި 72 މިލިއަން ޑޮލަރުގެ ރިސޯޓު ވިއްކާލުމުން ކުންފުނީގެ ހިންގުން ހަރުދަނާ ކުރަން އިތުރު ފައިސާ ލިބޭނެ އެވެ.

ދުސިތު ތާނީން ފިލިޕީންސާއި ތައިލެންޑް އަދި ރާއްޖެ އާއި އެމެރިކާ އަދި މިސްރު ފަދަ ގިނަ ގައުމުތަކުގައި ރިސޯޓު އޮޕަރޭޓްކޮށް ހިންގަ އެވެ.