ވިޔަފާރި

ސައުތު ޕާމް ރިސޯޓް ޖޫން މަހު ހުޅުވަން މުވައްޒަފުން ހޯދަނީ

އައްޑު އަތޮޅު އިސްމެހެލާ ހެރާގައި ތަރައްގީ ކޮށްފައިވާ ސައުތު ޕާމް ރިސޯޓް މި އަހަރުގެ ޖޫން މަހު ހުޅުވަން ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން ފަށައިފި އެވެ.

ދިވެހި ކުންފުންޏެއް ކަމަށްވާ ސައުތު ޕާމް ރިސޯޓުގެ އޮފިޝަލަކު އަވަސް އަށް މިއަދު ވިދާޅުވީ ރިސޯޓު ހުޅުވުމުގެ ގޮތުން 250 މުވައްޒަފުން ހޯދަން ތައްޔާރު ވަމުން އަންނަ ކަމަށެވެ. އަދި އެކަމަށް އައްޑޫގައި އޯޕަންޑޭ ތަކެއް ބާއްވަން އެ ކުންފުނިން ތައްޔާރުވެފައިވާ ކަމަށެވެ.

"ހުރިހާ ދާއިރާތަކަށް ވެސް މުވައްޒަފުން ބޭނުންވޭ. އެހެންވެ އޯޕަންޑޭއެއް ބާއްވަން މި ތައްޔާރު ވަނީ. އަޅުގަނޑުމެން ބޭނުންވަނީ ދިވެހިން،" އޮފިޝަލް ވިދާޅުވި އެވެ.

ސައުތު ޕާމް ރިސޯޓުން ބާއްވާ އޯޕަންޑޭތައް ހިތަދޫގައި ހުންނަ އަތޮޅުގެ މަދަރުސާގައި އަންނަ ހުކުރު ދުވަހުން ފެށިގެން އަންނަ މަހު ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ތަރައްގީ ކުރާ މި ރިސޯޓުގައި 240 ކޮޓަރި ހުރެ އެވެ. އެއީ 110 ވޯޓާ ވިލާ އާއި 30 އޯޝަން ވިލާގެ އިތުރުން 70 ކޮޓަރި އެވެ. މި ރިސޯޓާއެކު އިސްމެހެލާ ހެރައާ ކައިރީގައި އޮންނަ ކެޑެވާހެރަ އާއި ބްރިޖަކުން ގުޅާލައި އެރަށުގައި ވެސް މޫދު ކޮޓަރިތަކެއް ތަރައްގީ ކުރާނެ އެވެ. މި ރިސޯޓާއެކު 600 އާއި 700 ވަޒީފާ އުފެދޭނެ އެވެ.

އެ ކުންފުނީގެ އޮފިޝަލް ވިދާޅުވީ ޖޫން 25 ގައި ރިސޯޓު ފުރަތަމަ ހުޅުވާނީ 130 ކޮޓަރި ކަމަށެވެ.

އިސްމެހެލާ ހެރައިގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރު އެވެ.

އައްޑޫގައި އެނދުތައް އިތުރު ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އައްޑޫ ސިޓީގައި މިވަގުތު ހިންގަނީ ޝަންގް ރިއްލާ ރިސޯޓާއި ހެރަތެރޭގައި ކޭނަރިފް ރިސޯޓު އަދި ގަމުގައި ހިންގާ އީކްއޭޓާ ވިލެޖެވެ.