ދުނިޔެ

އަނެއްކާވެސް ޕާކިސްތާނުގައި ކުއްޖަކު ވަގަށް ނަގައިފި

ޕާކިސްތާނުގެ ސިންދު ޕްރޮވިންސް ގައި އުމުރު ހަމަނުވާ ދެ އަންހެން ކުދިން ޖަހައިގަނެގެން ގަދަކަމުން ކައިވެނި ކުރުވާފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނިކޮށް މިކަހަލަ އިތުރު މައްސަލައެއް ފެންމަތި ވެއްޖެ އެވެ.

ރިޕޯޓުތައް ލިބޭ ގޮތުގައި ހިންދޫ އަންހެން ކުއްޖަކު ޕާކިސްތާނުގެ ގޮކްތީ އިން އަންގާރަ ދުވަހު ވަނީ ވަގަށް ނަގާފަ އެވެ. މި ކުއްޖާގެ ބައްޕަ ޕޮލިހަށް ރިޕޯޓު ކޮށްފައިވާ ގޮތުގައި މިކަން ހިނގާފައި ވަނީ ދަނިޝް ބުކްޝް ޕިތާފީ އަވަށުގައި މާޗް 16 ވަނަ ދުވަހުގެ ރޭގަނޑު އެވެ. ރިޕޯޓުގައި ވާގޮތުން ދަންވަރު ހަތަރު މީހަކު އެގެއަށް ވަދެ ކުއްޖާ ގަދަކަމުން ބޭރަށް ނެރެ ވޭނަކަށް އަރުވައިގެން ދިޔައީ އެވެ.

ނަމަވެސް އަވަށު މީހުން ދައްކަނީ މުޅިން އެހެން ވާހަކަ އެކެވެ. އެ އަވަށު މީހުން ބުނާގޮތުގައި އަންހެން ކުއްޖާ ފިލައިގެން ގޮސް ލޯބިވެރިޔާއާ ކައިވެނި ކުރީ އެވެ.

ސިންދު މައިނޯރިޓީޒް އެފެއާޒްގެ މިނިސްޓަރު ހަރީ ރާމް ކިޝޯރީ ލާލް ވަނީ ބަދިން ގެ އެސްއެސްޕީ ސަރުދާރް ހަސަން ނިއާޒީއަށް މި މައްސަލައިގެ ތަހުގީގު ފަށާ އަންހެން ކުއްޖާގެ އާއިލާ މެމްބަރުންގެ ސަލާމަތަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އަންގާފަ އެވެ.