ޕާކިސްތާން

ޕާކިސްތާނުން ފިޔާ ބޭރުކުރާ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެ

ޕާކިސްތާނުން ދުނިޔޭގެ ބާޒާރަށް ފިޔާ ބޭރުކުރާ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.

ޕާކިސްތާންގެ ފިޔާ ހައްދާ ދަނޑުވެރިން އަންނަނީ މިކަމާ ގުޅިގެން ވަރަށް ބޮޑަށް އުފާފާޅުކުރަމުންނެވެ.

ޕާކިސްތާނުން ދުނިޔޭގެ ބާޒާރަށް ފިޔާ ބޭރުކުރާ އަދަދު އިތުރުވެފައި މިވަނީ ކޮންމެހެން ބޭރުކުރަންޖެހޭ ހާލަތެއްގައި ނޫނީ އިންޑިއާ އިން ފިޔާ ބޭރުކުރުން މިވަގުތަށް އެ ގައުމުން މަނާކުރުމުންނެވެ.

އިންޑިއާ އިން މިފަދަ ފިޔަވަޅެއް އެޅީ އެގައުމުގައި ފިޔާ ހައްދާ މިންވަރު ވަރަށް ބޮޑަށް ދަށްވެ އިންޑިއާ ރައްޔިތުން ބޭނުންކުރާނެ ވަރަށް އެތެރޭގެ މާކެޓުގައި ފިޔާ ލިބުން ދަތިވެ ފިޔާގެ އަގު އުފުލުން ހުއްޓުވުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު އިންޑިއާ އިން އެޅި މި ފިޔަވަޅުގެ ސަބަބުން އެ ގައުމުން ދުނިޔޭގެ ބާޒާރަށް ފިޔާ ބޭރުކުރުން ދަށްވެގެން ދިޔަ ވަގުތު ޕާކިސްތާނުން ވަނީ ވަގުތުގެ ބޭޭނުން ވަރަށް ރަނގަޅަށް ހިފާފަ އެވެ.

ޕާކިސްތާނުން ދުނިޔޭގެ ބާޒާރަށް ފިޔައި ނެރޭ މިންވަރު ބޮޑުތަނުން އިތުރުކޮށް އެކަމުން އެކަށީގެންވާ މިންވަރެއްގެ އާމްދަނީއެއްވެސް އެގައުމުގެ ދަނޑުވެރިން ވަނީ ހޯދާފަ އެވެ.

މިދިޔަ އަހަރު އިންޑިއާ އިން 2.5 މިލިއަން ޓަނުގެ ފިޔައި ދުނިޔޭގެ ގައުމުތަކަށް ބޭރުކުރި އެވެ. ކުއްލިއަކަށް އިންްޑިއާއިން ފިޔައި ބޭރުކުރުން ހުއްޓުމަކަށް އައުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައިވެސް ފިޔާ ލިބުން ދަތިވި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް ޕާކިސްތާނުން ވަނީ 220،000 ޓަނުގެ ފިޔާ ބޭރުކޮށްފަ އެވެ. މީގެ ކުރީ އަހަރުތަކުގެ ތަފާސްހިސާބަށް ބަލާއިރު މިއީ އެއް އަހަރުގެ ތެރޭގައި ޕާކިސްތާނުން ބޭރުކުރާ ވަރުގެ އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޑިސެމްބަރު މަހުން ފެށިގެން މާޗު މަހާއި ހަމައަށް، ފިޔައި ބޭރުކޮށްގެން ޕާކިސްތާނުން 200 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދާފައިވެ އެވެ. އަދި މިއަހަރުގެ ނިޔަލަށް އެގައުމުން ފިޔައި ބޭރުކޮށްގެން 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާނެ ކަމަށް ބެލެވެ އެވެ

ޕާކިސްތާންގެ އިގްތިސާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާތީ މިވަގުތަކީ އެ ގައުމަށް ވަރަށް ބޮޑަށް ބޭރު ފައިސާވެސް ބޭނުންވާ ވަގުތެކެވެ. ޕާކިސްތާންގެ އިގްތިސާދު ހީނަރުވެފައި އޮތުމަށްފަހު މިހާރު އިގްތިސާދު ރަނގަޅުވަމުން އަންނަ ކަމަށް ވޯލްޑް ބޭންކުން ހާމަކޮށްފައިވެ އެވެ.

މިދިޔަ އަހަރު ނިމުނުއިރު ތިން ބިލިއަން ޑޮލަރުގައި ހުރި ޕާކިސްތާންގެ ރިޒާވު މިއަހަރުގެ މިހާތަނަށް އައި އިރު ވަނީ ނުވަ ބިލިއަނަަށް ވުރެ މައްޗަށް ޖެހިފަ އެވެ. އެއީ ގާތްގަނޑަކަށް އެ ގައުމުން ހަތް ހަފުތާގެ މުދާ އިމްޕޯޓު ކުރުމަށް ބޭނުންވާނެ ވަރުގެ އަދަދެކެވެ.