އީރާން، ޕާކިސްތާން ބޯޑަރު ސަރަހައްދުގައި -- އީރާން ފަޅިގައި ފޯރިމަރަން ތިބި ގާޑުން ދިން ހަމަލާއެއްގައި ޕާކިސްތާނުން ހަތަރު މީހަކު މަރުވެއްޖެ އެވެ. މި ހަމަލާ ދޭން ޖެހުނު ސަބަބު އަދި އޮޅުންފިލާ ގޮތެއް ނުވެ އެވެ.
މި ހާދިސާ ހިނގާފައި ވަނީ އިރާންއާއި ޕާކިސްތާން ގުޅޭ ސަރަހަދީ އިމުގައި، ޕާކިސްތާންގެ ބަލޫޗިސްތާންގަ އެވެ.
ޕާކިސްތާން ފަޅިން ދުއްވާފައި ދިޔަ ވެހިކަލަކަށް އިރާންގެ ބޯޑަރު ގާޑުން ހަމަލާދިނުމުން އިތުރު ދެ މީހަކުވެސް ވަނީ ޒަހަމްވެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ދެ ގައުމު ގުޅޭ މި ސަރަހައްދަކީ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ސަރަހައްދެކެވެ. މަސްތުވާތަކެތީގެ އިތުރުން ހަނގުރާމަވެރި ގުރޫޕްތަކުން ހަތިޔާރު ވިއްކުމަކީވެސް މި ސަރަހައްދުގައި ކުރެވޭ ވިޔަފާރި އެކެވެ.
ޕާކިސްތާންއާއި އީރާން އަކީ ވަރަށް ގާތް ދެ ގައުމެވެ. ދެ ގައުމު ދެ ގައުމަށް ހަމަލާ ބަދަލުކުރުމަކީ އާންމު ގޮތެއްގައި ކުރާ ކަމެއް ނޫނެވެ. ނަމަވެސް މަސްތުވާތަކެތި ސްމަގްލްކުރާ ގުރޫޕްތަކަށް ހަމަލާދިނުމަކީ އާންމު ކަމެކެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ބެހޭ ގޮތުން ޕާކިސްތާންގެ ހާރިޖީ ވުޒާރާއިން އަދި އިރާންގެ ހާރިޖީ ވުޒާރާއިން ވެސް އަދި އެކައްޗެކޭވެސް ނުބުނެ އެވެ.
ޕާކިސްތާންއާއި އީރާންއާ ދެމެދު މި އަހަރުގެ ކުރީކޮޅުގައިވެސް ވަނީ ހަމަނުޖެހުންތަކެއް ހިނގާފަ އެވެ. ދެ ގައުމު ގުޅޭ ބޯޑަރުގައި ހަރަކާތްތެރިވި ހަނގުރާމަވެރި ގުރޫޕަކަށް އިރާނުން ހަމަލާދިނުމުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ވަނީ ލޮޅުންއަރާފަ އެވެ.
އީރާނުން އަސްކަރީ ޑްރޯން ބޭނުންކޮށްގެން ޕާކިސްތާން އިމުގެ ތެރޭގައި ހަމަލާބަދަލުކުރުމުން، ޕާކިސްތާނުންވެސް ވަނީ ރައްދު ދީފަ އެވެ.
ޕާކިސްތާނުން އީރާނަށް ހަމަލާދިނީ އަސްކަރީ ޑްރޯނާއި މިސައިލުންނެވެ. ޕާކިސްތާނުންވެސް ބުނީ ހަމަލާދިނީ ހަނގުރާމަވެރި ގުރޫޕަކަށް ކަމަށެވެ.
އީރާނުން ކުއްލި ގޮތަކަށް ދިން މި ހަމަލާއަށް ރައްދު ދިނުމަށް ޕާކިސްތާނުން ވަނީ އިރާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގައުމަށް ގެންދަވާފަ އެވެ. އަދި ޕާކިސްތާންގައި ހުންނަވާ އީރާންގެ ސަފީރު، އީރާންގައި މަޑުކުރެއްވުމަށް ދަންނަވާފަ އެވެ. އެއަށްފަހު ދެ ގައުމުގެ ހާރިޖީ ވަޒީރުން ބައްދަލުކުރައްވައި މަސްރަހު އޮތީ ފިނިކޮށްފަ އެވެ.