އިޓަލީ

ކްއަލިއަރެއްޔާ، އިޓަލީއަށް ލަނޑުޖެހި ދުވަސްވީ ކުޅުންތެރިޔާ

އަންނަ އަހަރު ބާއްވާ، ޔޫރޯ ކޮލިފިކޭޝަންގައި، ލިކްޓެންސްޓައިން ކޮޅަށް ލަނޑު ޖަހައި، އިޓަލީގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑް ފަބިއޯ ކްއަލިއަރެއްޔާ ހަދައިފި އެވެ.

އިޓަލީގެ ޕާމާގެ އެނިއޯ ޓާޑަނީ ސްޓޭޑިއަމްގައި ކުޅުނު މެޗު، އިޓަލީ ކާމިޔާބު ކުރީ 6-0 ންނެވެ. ހަ ލަނޑުގެ ތެރެއިން، ސަމްޕްޑޯރިއާގެ ފޯވަޑް ކްއަލިއަރެއްޔާ ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އަދި އިތުރު ލަނޑެއް ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނެވެ. ރޭ އޭނާ ލަނޑު ޖެހިއިރު، އޭނާގެ އުމުރަކީ 36 އަހަރާއި 54 ދުވަހެވެ. އޭގެ ކުރިން އެ ރެކޯޑް އޮތީ، ރޯމާގެ ކުރީގެ ތަރި ކްރިސްޓިއަން ޕަނޫޗީ އަތުގަގަ އެވެ. އިޓަލީގެ ގައުމީ ޓީމަށް ޕަނޫޗީ އެންމެ ފަހުން ލަނޑު ޖެހިއިރު، އޭނާގެ އުމުރަކީ 35 އަހަރާއި 62 ދުވަހެވެ.

ހަމަ މި ހަފުތާގައި، އިޓަލީގެ ކޯޗް، ރޮބާޓޯ މަންޗިނީ، ވަނީ 60 އަހަރު ތެރޭ، އިޓަލީގެ ގައުމީ ޓީމަށް ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ޔުވެންޓަސްގެ ޒުވާން ފޯވަޑް، މޮއިސް ކީން އަށް ހޯދައި ދީފަ އެވެ. ކޮލިފައިންގެ ފުރަތަމަ މެޗުގައި ކީން ވަނީ، ފިންލޭންޑް ކޮޅަށް ލަނޑު ޖަހާފަ އެވެ. އެއީ 60 އަހަރު ތެރޭ އިޓަލީގެ ގައުމީ ޓީމަށް އެންމެ ހަގު ކުޅުންތެރިޔަކު ޖެހި ފުރަތަމަ ލަނޑެވެ. އެހެންނަމަވެސް އޭނާ އަކީ އިޓަލީގެ ގައުމީ ޓީމަށް ލަނޑު ޖެހި ދެ ވަނަ އަށް އެންމެ ހަގު ކުޅުންތެރިޔާ އެވެ.

އިޓަލީގެ ގައުމީ ޓީިމަށް ލަނޑު ޖެހި، އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް އޮތީ، 1958 ވަނަ އަހަރު އިޓަލީއަށް ލަނޑު ޖަހައިދިން ބުރުނޯ ނިކޮލާ އަތުގަ އެވެ. އޭނާ އިޓަލީގެ ގައުމީ ޓީމަށް ލަނޑު ޖެހިއިރު އުމުރަކީ 18 އަހަރާއި 253 ދުވަހެވެ. މިދިޔަ ހޮނޮހިރު ދުވަހުގެ ރޭ، ފިންލެންޑް ކޮޅަށް ލަނޑު ޖެހިއިރު، މޮއީސްކީންގެ އުމުރަކީ 19 އަހަރާއި 23 ދުވަހެވެ.

ރޭ، ލިކްޓެންސްޓައިން ކޮޅަށްވެސް އޭނާ ވަނީ ލަނޑު ޖަހާފަ އެވެ. އެ ލަނޑު އޭނާ ޖެހީ، ކްއަލިއަރެއްޔާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ކްއަލިއަރެއްޔާ ޖެހި ދެ ލަނޑުވެސް ކާމިޔާބު ކުރީ ލިބުނު ދެ ޕެނަލްޓީންނެވެ. އިޓަލީގެ އަނެއް ތިން ލަނޑު ކާމިޔާބު ކުރީ، ސްޓެފާނޯ ސެންސީ، މާކޯ ވެރާޓީ އަދި ލިއަނާޑޯ ޕަވަލޮޓީ އެވެ.

ގުރޫޕް، އެފް ގައި ސްޕެއިން އާއި މާލްޓާ ކުޅުނު މެޗު، ސްޕެއިން މެޗު ކާމިޔާބު ކުރީ، އަލްވާރޯ މޮރާޓާ ޖަހައިދިން ދެ ލަނޑުން 2-0 ންނެވެ.