ހަބަރު

"ގާސިމް އުޅުއްވަނީ މަޖިލިސް ތެރޭން ބަޣާވަތް ކުރަން"

Mar 27, 2019
13

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަސައްކަތް ކުރައްވަނީ މަޖިލީހުގެ ތެރެއިން ބަޣާވާތެއް ކުރަން ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.

އެ މެންބަރުން މިހެން ވިދާޅުވީ، ވަޒީރުގެ އިތުބާރު ނެތް މައްސަލާގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދުމާ ގުޅޭ ގޮތުން ބަހުސް ކުރަން މިއަދު ހުޅުވާލި ފުރުސަތުގައި ވާހަކަ ދައްކަވަމުންނެވެ.

ސުޕްރީމް ކޯޓުން މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 95 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުން ފާސް ކުރާ ގަރާރަކުން އިސްތިޝާރީ ލަފަޔަކަށް އެދެވިދާނެ ކަމަށެވެ. އަދި އެ މައްސަލައިގެ ބަހުސް ކުރިޔަށް ދިޔަ ވަގުތު ކުޑަ ހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވަނީ ގަރާރެއް ހުށަހަޅަން މަސައްކަތް ކުރައްވާފަ އެވެ.

ނަމަވެސް ބަހުސް މަރުހަލާގެ ތެރޭގައި ގަރާރެއް ހުށަނޭޅޭނެ ކަމަށާއި ގަރާރު ހުށަހަޅަން ޖެހޭނީ ބިލު ހުށަހެޅުމުގެ މަރުހަލާ ވެސް އޮންނަ ގޮތަށް ކަމަށް ވިދާޅުވެ ގިނަ މެންބަރުން ވަނީ ނިޒާމާބެހޭ މައްސަލަތައް ފާހަގަކޮށްފަ އެވެ. އެކަމާ ހިޔާލު ތަފާތުވެ ބަހުސް ހޫނުވީ، އެ ގަރާރު ހުށަހެޅިދާނެ ކަމަށް ވިދާޅުވި އެކަން ދިފާއު ކުރައްވަން ގާސިމް ފެއްޓެވުމުންނެވެ.

އެކަމާ ގުޅޭ ގޮތުން ނިޒާމީ މައްސަލައެއް ނަންގަވާ ވާހަކަދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ ގާނޫނު އަސާސީގެ 95 ވަނަ މާއްދާގައިވާ ގޮތުން ސުޕްރީމް ކޯޓުގައި އިސްތިޝާރީ ލަފަޔަކަށް އެދެން ވާނީ ގަރާރެއްގެ ދަށުން ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް އިއްޔެއާ ހަމަޔަށް މިއަދުގެ އެޖެންޑާ އޮތް އިރު އެ ވާަހަކައެއް ހިމަނާފައި ނުވާ ކަމަށާއި އެބައި ހިމެނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އެޖެންޑާކޮށްފައި ވަނީ ވެސް ގާނޫނު އަސާސީއާ ހިލާފަށް ކަމަށް އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ މަޖިލިހުގައި ނިންމަން ޖެހޭ ކޮންމެ ކަމަކީ ސުޕްރީމް ކޯޓުގައި ލަފަޔަކަށް އެދެން ޖެހޭ ކަމެއް ނޫން ކަމަށާއި މަޖިލީހުގެ ރިޔާސަތުން ރައްޔިތުންގެ ބާރުތައް އެހެން ބައެއްގެ އަތަށް ދޫކޮށްލައްވާ ކަމަށް ވަންޏާ ބާރު ހިފަހައްޓާނެ އިތުރު ބައެއް ނުހުންނާނެ ކަމަށެވެ.

"ވެރިކަން ކުރުމާއި މަޖިލިސް ހިންގުމާއި މިހުރިހާ ކަމެއް މަނިކުފާނުގެ ރަހުމަތްތެރިން ކަމަށްވާ ސުޕްރީމް ކޯޓުގައި ތިއްބެވި ބޭފުޅުންނަށް އަޅުގަނޑުމެން އެއްކޮށް ހަވާލުކޮށްފައި އެހެން އެންމެން ގެއަށް ދާންވީ ނޫންތޯ އިއްޒަތްތެރި ރައީސް. ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނާއި ފަސް ފަނޑިޔާރުންގެ ލަފަޔަކަށް ގައުމު އެއްކޮށް ހިންގަން ނިންމަންވީ ނޫންތޯ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި މަޖިލީހުގެ 85 މެންބަރުން ގެއަށް ވަޑައިގަންނަވަންވީ ނޫންތޯ،" އީވާ ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސްގެ މަގާމުގައި އިންނަވައިގެން މަޖިލީހުގެ ގަވައިދާއި ގާނޫނު އަސާސީއާ ވެސް ގާސިމް ހިލާފުވަމުން އަންނަ ކަމަށް އީވާ ވިދާޅުވި އެވެ. އޭގެ އިތުރުން ދައުލަތުގެ ތިން ބާރު ވަކިވެފައި އޮތް ނިޒާމަށް އެމަނިކުފާނު ހަރާންކޯރު ވެވަޑައިގަންނަވަނީ ކަމަށް ވެސް އީވާ ވިދާޅުވި އެވެ. އަދި ގާސިމް އުޅުއްވަނީ މަޖިލީހުގެ ތެރެއިން ބަޣާވާތެއް ގެންނަން ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވަން ދެން ޖެހޭނީ ރައްޔިތުން މަޖިލީހުން ބަޣާވާތެއް ކުރަނީއޭ، ގާނޫނު އަސާސީއާ ހިލާފާށް ބަޣާވާތެއް ކުރަނީއޭ. ރައްޔިތުން މަޖިލީހުގެ ބާރުތައް މިއޮއް ނިގުޅައި ގަންނަނީ އޭ، ތިން ބާރު ވަކިވެފައިވާ ނިޒާމު މިއޮއް އޮޅާލަނީއޭ، އެހެން ނަހައްދަވާށޭ،" އީވާ ވިދާޅުވި އެވެ.

އީވާގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ ވެސް ވަނީ އެހެން ވިދާޅުވެފަ އެވެ. ގާސިމް މަޖިލީހުގެ ތެރެއިން ބަޣާވާތެއް ގެންނަން އުޅުއްވާ ކަމަށާއި އެ ފުރުސަތެއް ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މަަނިކުފާނު ސީދާ ބަޣާވާތް ތިކުރަނީ މިތާ ތެރޭގައި، ދިވެހި ދައުލަތް ހިސާރު ކުރައްވަން ތިއުޅުއްވަނީ އެހެންވީމަ އެ ފުރުސަތެއް އަޅުގަނޑެއް ނުދޭނަން، ލާހި ކުޅަދާނަ ކަމެއް ނޫން މި ގަރާރު މިތަނަށް ހުށަހަޅާކަށް، ކޮން ގަރާރެއް ހުށާހަޅަން ތި އުޅެނީ ލާހިކެއް ނޫން ހުށަހަޅާކަށް، ޝުކުރިއްޔާ،" އިބްރާހިމް ދީދީ ވިދާޅުވި އެވެ.

ގަރާރު ހުށަހެޅުމުގައި އަމަލު ކުރަން ޖެހޭ ގޮތް ސާފުކޮށްދެއްވަމުން ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ ގަރާރާއި ބިލުތަކާއި ކުއްލި މައްސަލަތައް ހުށަހެޅުމަށް މަޖިލީހުގެ ގަވައިދުގައި ފުރުސަތު ދީފައިވާ ކަމަށާއި އޭގެ ބޭރުން ބަހުސްގެ ވަގުތުގެ ތެރޭގައި ގަރާރެއް ހުށައެއް ނޭޅޭނެ ކަމަށެވެ. ބަހުސްގެ ތެރޭގައި ކަމެއް ހުށަހެޅޭނީ ހުށަހެޅުމެއްގެ ގޮތުގައި ކަމަށާއި ގަރާރެއް ހުށަހަޅަން ބެނުން ނަމަ އެ މަރުހަލާތައް ފުރިހަަމަ ކުރަން ޖެހޭނެ ކަމަށް މޫސަ ވިދާޅުވި އެވެ.

މޫސަ ވެސް ވަނީ ގަރާރު ހުށަހެޅުމާއި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަށް އެދުމާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ ކޮންމެ ކަމަކަށް ސުޕްރީމް ކޯޓުގައި ލަފަޔަކަށް އެދޭކަށް ނުޖެހޭނެ ކަމަށާއި މަޖިލީހުގެ ބާރުތައް ވެސް ނަގަހައްޓަވަން މަޖިލީހުގެ ރައީސްއަށް ކެރިވަޑައިގަންނަވާ ކަމަށެވެ. އެ ނޫން ނަމަ މިއުޅެނީ ބަޣާވާތަކަށް ދާން ކަމަށް ޝައްކުވާން ފަށައިފި ކަމަށް މޫސަ ވެސް ވިދާޅުވި އެވެ.

މެންބަރުންގެ އެ ވާހަކަތަކައް ރައްދު ދެއްވާ ގާސިމް ވިދާޅުވީ "މިކަހަލަ ގަރާރުތައް" މަޖިލީހުގެ ތެރޭގައި ބަހުސް ކުރިޔަށް ދާއިރު ވެސް ހުށަހެޅިދާނެ ކަމަށާއި އަދި ކުރިން ވެސް އަމަލުކޮށްފައި ވަނީ އެގޮތުގެ މަތިން ކަމަށެވެ. ނަމަވެސް އެއީ ކޮން ކަހަލަ ގަރާރެއް ކަމެއް ގާސިމް ވިދާޅެއް ނުވެ އެވެ.

"މިކަހަލަ ގަރާރަކީ ބިލެއް ދައުރުވާހެން ދައުރާ މައްސަލައެއް ނޫން، ގަރާރެއް ހުށަހަޅަން އަޅުގަނޑަށް އުނދަގޫ ޖަވާބެއް އަރުވަން ތިބޭފުޅުން ބަހުސްގައި ބައިވެރިވި ކަމަށް ވެދާނެތީ، ދަންނަވާލަން މި އޮތީ ކުރިޔަށް ގެންދެވި ދާާނެކަން،" ގާސިމް ވިދާޅުވި އެވެ.

މެންބަރުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށްވެސް މަޖިލީހުގައި ވަނީ އިސްތިޝާރީ ލަފަޔަކަށް އެދޭ އެ ގަރާރު ބަލައިގަނެ އެއަށް ވޯޓަށް އަހައިފަ އެވެ. ނަަމަވެސް ވޯޓާ ހިސާބުން އެ ގަރާރު ފާހެއް ނުވި އެވެ.