ބޭރު ކުޅިވަރު

ލިވަޕޫލާއެކު ދާން ސްޓާލިން ދެކޮޅު ހެދުމުން ކަރެގާ ފާޑުކިޔައިފި

Jul 9, 2015

އިނގިރޭސި އާ ފުޓްބޯޅަ ސީޒަން ފެށުމުގެ ކުރިން އިރުމައްޗަށް ލިވަޕޫލް ކުރާ ދަތުރުގައި ބައިވެރިވާން ރަހީމް ސްޓާލިން ދެކޮޅު ހެދުން އެ ޓީމުގެ ކުރީގެ ޑިފެންޑަރު ޖެމައިން ކެރެގާގެ ފާޑުކިއުންތައް އޭނާ އަށް އަމާޒުވެއްޖެ އެވެ.

މުޅި ކެރިއަރު ލިވަޕޫލްގައި ހޭދަކުރި އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު އަދި މިހާރު މަޝްހޫރު ފުޓްބޯޅަ އެނަލިސްޓް ކަރެގާ ބުނީ "ސްޓާލިން އޭނާގެ ގަދަރު އަމިއްލަ އަށް ގެއްލުވާލަނީ،" ކަމަށެވެ.

އުމުރުން އެންމެ 20 އަހަރުގެ ސްޓާލިން ލިވަޕޫލާއެކު ނުދާން އުޅެނީ ބަލިވެ އުޅޭތީ ކަމަށްބުނެ އެވެ. ނަމަވެސް މިއީ ލިވަޕޫލް ދޫކޮށް އެހެން ކުލަބަކަށް ބަދަލުވުމަށް އޭނާ ބޭނުންކުރާ އުކުޅެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ސްޓާލިން ގަތުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އެވެ. އެކުލަބުން މިހާތަނަށް އޭނާ އަށް ހުށަހެޅި ދެ ބިޑަށް ވެސް ލިވަޕޫލުން ވަނީ ނޫނެކޭ ބުނެފަ އެވެ. ނަމަވެސް ގާތްގަނޑަކަށް 50 މިލިއަން ޕައުންޑްގެ އަގެއް އަނެއްކާ ވެސް ހުށަހަޅަން ސިޓީން ތައްޔާރުވާ ކަމަށްވެ އެވެ.

"އޭނާ އަމިއްލަ އަށް އޭނާގެ ގަދަރު ގެއްލުވާލަނީ. އޭނާ އަށް އަދި ކިރިޔާ އިހްތިރާމް ލިބެންފެށީ. މިހާ އަވަހަށް އޭނާގެ އަމަލުތަކުން މިކަން ގެއްލުވާލަން އެއުޅެނީ. މިއަދު ލިވަޕޫލާ ދޭތެރޭ އޭނާ ކަންތައްއެކުރާ ގޮތް ބަލަން ސިޓީގެ ސަޕޯޓަރުން ވެސް އެތިބީ. އެމީހުން ހިތަށް އަރާނެ [ސްޓާލިން ސިޓީ އަށް ބަދަލުވެއްޖެނަމަ] އަހަރުތަކެއް  ފަހުން ތިމަންނަމެންނަށް [ސިޓީދޫކޮށްދާން އޭނާ ގަދަހަދާފައި އުޅޭތަން] ފެންނާނެއޭ،" ކަރެގާ ބުންޏެވެ.

މެލޭޝިޔާ އާއި އޮސްޓްރޭލިޔާ އަށް ލިވަޕޫލް ކުރާ ދަތުރުގައި ފިޓްކޮށްތިބި ކުޅުންތެރިންނާއެކު ޓީމަށް އަރާނެ ކުޅުންތެރިން ބައިވެރިވުމަށް ލިވަޕޫލުން ދަނީ ބާރުއަޅަމުންނެވެ.