"ގައުމުގެ ކަރަށް ދަން މަޅިއެއް މަހާލާފައި އެ އޮތީ. ދެން ޖެހޭނީ އެއަށް ދަމައި ބާރުކޮށްލަން،" މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ސަރުކާރުން އާންމުކޮށްފައިވާ "މިނިވަން 50" ލޯގޯއާ މެދު ދެކެނީ ކިހިނެތްތޯ ސުވާލުކޮށްލުމުން، މިނިވަން ހިޔާލުގެ ޒުވާނަކު ދިނީ މި ޖަވާބެވެ.
އަނެއްކާވެސް ލޯގޯއެއް އާންމުވެ، އާންމުންގެ ފާޑުކިޔުން އެއަށް އަމާޒުވީ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ސަރުކާރުން އާންމުކުރި މި ފެންވަރުގެ ލޯގޯއެއްގެ މައްސަލަ އާންމުން ބޮޑުކޮށް ހޫނުކޮށްލި އެވެ. އެފަހަރު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ، ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ޒަމާނުއްސުރެ މި ރާއްޖޭގައި ބޭނުންކުރަމުން ދިޔަ "ސަނީ ސައިޑް އޮފް ލައިފް" ޓެގްލައިންގެ ދަށުން ބޭނުންކުރި ލޯގޯ ދޫކޮށް ތިމާވެއްޓާ ރަށްޓެހި އާ ލޯގޯއެއް ނަޝީދުގެ ސަރުކާރުން އާންމުކުރުމުންނެވެ.
ފާޑުކިޔުން އަމާޒުވީ "ކޮޕީކޮށްގެން އުފައްދާފައިވާ ލޯގޯ" އަކަށް އާ ލޯގޯ ވުމުންނެވެ. އެންމެފަހުން މި އާޚިރުގައި މި މައްސަލަ ނިމިގެން ދިޔައިރު އެންމެ ކުރިން ބޭނުންކުރަމުން ދިޔަ ޓޫރިޒަމްގެ ޕްރޮމޯޝަނަލް ލޯގޯ އަކީ ވެސް އެހާ މާތް އަމިއްލަވަންތަ ލޯގޯއެއް ނޫނެވެ.
ކޮންމެއަކަސް ލޯގޯގެ މައްސަލަ އެފަހަރު ވެސް ވަރަށް ބޮޑަށް ސިޔާސީވެގެން ދިޔަ އެވެ. ރާއްޖޭގައި މި އޮންނަނީ ހަމަ އަޖާއިބެއް ކަހަލަ ސިޔާސޯ ރޯގާއެކެވެ.
އެންމެފަހުން ނަޝީދުގެ ވެރިކަން ވެއްޓިގެން އަލަށް ވެރިކަމަށް ވަޑައިގެންނެވި އޭރުގެ ނާއިބު ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު، އަލުން ކުރީގެ ލޯގޯ، ޓޫރިޒަމްގެ މޫނުބަލާ ލޯގަނޑަށް އަލުން ހެއްދެވީ އެވެ. އެ ވާހަކަ އެ ހިސާބުން ނިމުނީ އެވެ.
ދެން މި އޮތީ "މިނިވަން 50" ލޯގޯގެ ވާހަކަ އެވެ. މި ލޯގޯ އަށް ވެސް ގިނަ ފާޑުކިޔުންތަކެއް އާންމުވަމުން އަންނައިރު މި ވެސް މި ވަނީ "ކޮޕީ ލޯގޯ" އަކަށެވެ. އެހެންވީމަ ސަލާމަތެއް ނެތެއް ނޫން ހެއްޔެވެ؟
އެހެންވީމަ ޒުވާން ޑިޒައިނަރެއްގެ ހިޔާލު ހުރި ގޮތް ވެސް ބަލާލަމާ ހިނގާށެވެ.
"މިއީ އަސްލު މި އަހަރުގެ ޓްރެންޑެއް. މި އަހަރު ވަރަށް ގިނަ ބައެއްގެ މެދުގައި މަގްބޫލުވި ސްޓައިލެއް މިއީ،" ރިބަންފަށެއްގެ ސިފަ އަށް ކުރެހުން އެޅިފައިވާ ލޯގޯއާ ބެހޭ ގޮތުން ހިޔާލު ބަދަލުކުރަމުން ޒުވާން ޑިޒައިނަރު ބުނީ މިހެންނެވެ.
"ލޯގޯއެއް ވާން ޖެހޭނީ އެ ލޯގޯއެއް ފެނުމާ އެކު، ބުނެދޭން ބޭނުންވާ ހުރިހާ ވާހަކައެއް ބަންޑުކޮށްލާވަރުގެ ލޯގޯއަކަށް. މިއީ އެކަހަލަ ލޯގޯއެއް ނޫން. ސްލޯގަންގެ ގޮތުގައި ބޭނުންކުރާ އެއްޗަކާ ލޯގޯއާ އޮތް ގުޅުމެއް ނޭނގޭ."
މި ލޯގޯއާ އެކު އާންމުކޮށްފައިވާ ސްލޯގަން އަކީ "ދިވެހިން ދިވެހިންގެ ގޮތުގައި – މިނިވަންކަންމަތީ އަބަދަށް" މި އެވެ.
މި ސްލޯގަންއާ ލޯގޯއާ ގުޅުމެއް ނެތް ކަމަށް ބުނެ ވާހަކަ ދެއްކި ޑިޒައިނަރު ބުނީ ލޯގޯގައި ދައްކުވައިދީފައިވާ ރިބަންގައި ގައުމީ ކުލަތައް ބޭނުންކޮށްފައިވާއިރު ލޯގޯ އަށް އިތުރު ހުތުރުކަމެއް ވެރިވަނީ ގައުމީ ދިދަ ރިބަންގެ ތެރެއަށް ލާފައިވާތީ ކަމަށެވެ.
މި ރިބަން ފަށުގެ ބުރުތަކަށް ވަކިން ހާއްސަކޮށް ފާޑުކިޔުން އަމާޒުވެފައިވާކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން ރިބަން ފަށް ކަށިނަރުތަކެއްގެ ގޮތުގައި ސިފަކޮށް ސިޔާސީ ގޮތުން ސަރުކާރަށް ހަމަލާ ދޭ ފާޑުކިޔުންތައް ވެސް ފާހަގަކޮށްލެވެ އެވެ. ނަމަވެސް މި ލޯގޯ ކަމުދާ މީހުން ތިބިކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.
އަދި ލޯގޯގެ ޕޮސިޓިވް ކަންކަމަށް ވެސް ބަލާލުން ނެތީކީއެއް ނޫނެވެ.
އެހެން ޑިޒައިނަރަކު ބުނީ ލޯގޯ އަކީ ހަފުލާގެ ކުލަގަދަކަން ރަމްޒުކޮށްދޭ ލޯގޯއެއް ކަމަށެވެ. އަދި ފަހުގެ ޑިޒައިން ޓްރެންޑްތަކަށް ލޯގޯގައި ސަމާލުކަން ދީފައިވާކަން އޭނާ ފާހަގަކުރި އެވެ.
ނަމަވެސް ތައުރީފަށް ވުރެ ބޮޑަށް މި ލޯގޯ އަށް އަމާޒުވެފައި ވަނީ ފާޑުކިޔުންކަން ފާހަގަކޮށްލަން ޖެހެ އެވެ. މިއީ ދެން ދިވެހިންގެ ވައްތަރެއް ނޫން ހެއްޔެވެ؟ ކަމުނުދާ ކަމެއް ފާހަގަކުރެވިއްޖެ ނަމަ ދެން ހުރި ހުރިހާ ކަމެއް މަތިން ހަނދާން ނައްތާލާފައި ޖައްސާލާނީ ގޯސް ކަމަށް ފާހަގަކުރެވުނު މައްސަލައާ އެވެ.
ކޮންމެއަކަސް "މިނިވަން 50" ގެ ލޯގޯ އަށް ހިޔާލު ފާޅުކުރުން ތިޔަ ބޭފުޅުންނަށް ދޫކޮށްލާފައި މި ވާހަކަ ނިންމާލާނީ އެވެ.