ހަބަރު

އެމްއޭއެޗްއާރުޕީން އިންސާނީ ވަސީލަތް ތަރައްގީ ކުރަން ސޮއިކޮށްފި

Mar 29, 2019

މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރުޕީ) އިން ބޭރުގެ ޖަމިއްޔާއެއް ކަމަށްވާ ޗާޓަޑް އިންސްޓިޓިއުޓް އޮފް ޕާސަނަލް ޑިވެލޮޕްމަންޓް (ސީއައިޕީޑީ) އާއެކު ރާއްޖޭގައި އިންސާނީ ވަސީލަތް ތަރައްގީ ކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި އެޗްއާރުގެ ދާއިރާއިން މީހުން ބިނާ ކުރާ ޖަމިއްޔާއެއް ކަމަށްވާ ސީއައިޑީޕީއާއެކު އެމްއޭއެޗްއާރްޕީގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ނައިބު ރައީސް އަހުމަދު އިބްރާހިމެވެ. ސީއައިޕީޑީގެ ފަރާތުން ސޮއި ކުރެއްވީ ހެޑް އޮފް ރީސަޗް އެޑްވާ ހޯޓަން އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގައި އެޗްއާރު ކޮންވެންޝަންއެއް ބޭއްވި ޖަމިއްޔާއިން ބުނި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ސީއައިޑީޕީ އިން ރާއްޖޭގައި ހިއުމަން ރިސޯސް ވަރުގަދަ ކުރުމާއި މި ދާއިރާގެ ޑާޓާ ބޭސްއެއް ގާއިމް ކުރެވިގެންދާނެ ކަމަށެވެ.

އެމްއޭއެޗްއާރްޕީ އަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރި ކުރަން މަސައްކަތް ކުރާ ޖަމިއްޔާކެ އެވެ. މި ޖަމިއްޔާގައި މި ދާއިރާގެ ގިނަ މާހިރުން މަސައްކަތް ކުރެ އެވެ. އެ ޖަމިއްޔާއިން މި މަހުގެ ކުރީކޮޅު ދަރުބާރުގޭގައި ބޭއްވި ފޯރަމްގައި 400 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ.