ވިޔަފާރި

ސިންގަޕޫރު ކުންފުންޏެއްގެ 100 މުވައްޒަފުންނަށް ރާއްޖޭން ހިލޭ ޗުއްޓީ ދީފި

Mar 30, 2019
2

ސިންގަޕޫރު ކުންފުންޏެއްގައި މަސައްކަތް ކުރާ 100 މުވައްޒަފަކަށް އެ ކުންފުނީގެ ވެރިޔާގެ ހަރަދުގައި ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ދީފި އެވެ.

ސިންގަޕޫރުގެ ނޫސްތަކުގައިވާ ގޮތުން އޭޝިއާގެ އެއް ނަންބަރު މާޝަލް އާޓް ޖިމް ކަމަށްވާ އެވޯވް އެމްއެމްއޭ މިކްސް މާޝަލް އާޓަސް ޖިމްގެ ވެރިޔާ، އަދި މަލްޓި މިލިއަނާ، ޗަޓްރިސިޓީ އޮޑޮންގް ވަނީ އެ ކުންފުނީގެ 100 މުވައްޒަފުން ރާއްޖޭގެ ލަގްޒަރީ ރިސޯޓެއްގައި ޗުއްޓީ ހޭދަ ކޮށްފަ އެވެ. އެހެން ނަމަވެސް އެއީ ކޮން ރިސޯޓެއް ކަމެއް ސާފެއް ނުވެއެވެ.

ޗުއްޓީގެ މި ފުރުސަތު ދިނުމުގެ މައިގަނޑު ސަބަބަކީ މިދިއަ އަހަރު އެ ކުންފުނީގެ ފައިދާ 30 ޕަސެންޓަށް އިތުރުވެފައިވާތީ މުވައްޒަފުންގެ މަސައްކަތް ބަލައިގަނެ، ހަދިޔާއެއް ދިނުމުގެ ގޮތުންނެވެ.

ސިންގަޕޫރުގެ މި ކުންފުނީގެ މުވައްޒަފުން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށްޓަކައި ކުރީގެ މަޝްހޫރު މުއިތައި ފައިޓަރު ޗަޓްރިސިޓީ ގާތްގަނޑަކަށް 475,233 ޑޮލަރު (7.7 މިލިއަން ރުފިޔާ) ހޭދަކުރެއްވި ކަމަށްވެ އެވެ.

ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ މުވައްޒަފުންނަށް ރާއްޖޭން ޗުއްޓީ ދެ އެވެ. ނިމިދިޔަ އަހަރު ޗައިނާގެ ކުންފުންޏަކުން ވަނީ ދެ ބުރަށް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަން މުވައްޒަފުން ފޮނުވާފަ އެވެ. މިގޮތުން އެއްބުރުގައި 1000 އަށްވުރެ ގިނަ މުވައްޒަފުންނަށް ރާއްޖޭން ޗުއްޓީ ދީފައިވެ އެވެ.