ކުޑަ ވިލިނގިލި

ކުޑަ ވިލިނގިލި ރިސޯޓް މި އަހަރު ހުޅުވަނީ

Feb 8, 2020
1

ޗީޑީގެ ނަމުގައި ބްރޭންޑް ކޮށްގެން ކުޑަ ވިލިނގިލީގެ ރިސޯޓް މި އަހަރު ހުޅުވުގެ މަސައްކަތް ފަށައިފި އެވެ.

އަލަށް ހުޅުވާ ރިސޯޓު / ހޮޓާތަކުގެ މައުލޫމާތު ގެނެސްދޭ ހޮޓެލް ނިއުސް ރިސޯސަސްގައިވާ ގޮތުން ސިންގަޕޫރުގެ ޖީއެޗްއެމް ކުންފުނި ރާއްޖޭގެ ކުޑަ ވިލިނގިލި މެނޭޖު ކުރަން ނިންމައި، އެ ރަށް މި އަހަރުގެ ފަހުކޮޅު ހުޅުވާނެކަން ވަނީ އިއުލާނު ކޮށްފަ އެވެ. ނަމަވެސް އެ ރިސޯޓު ހުޅުވާނެ ތާރީހެއް އެ ކުންފުނިން ބުނެފައެއް ނުވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 25 މިނެޓުން ދެވޭ ރާސްތާގައި ހުޅުވާ ޗީޑީ ކުޑަ ވިލިނގިލި ރިސޯޓު ހުޅުވާއިރު 99 ވިލާ ހުންނާނެ އެވެ. ވިލާތައް ހުންނާނީ މޫދުގަ އެވެ. އަދި މި ރިސޯޓުގައި 150 މީޓަރުގެ ބޮޑު ސުވިމިން ޕޫލެއް ވެސް އޮންނާނެ އެވެ. އަދި ވޯޓާވިލާ ޓްރީޓްމަންޓް ހިމެނޭ މޫދު ސްޕާ ތަކެއް ވެސް ހުންނާނެ އެވެ.

ޖީއެޗްއެމް ކުންފުނިން ބުނެފައިވާ ގޮތުގައި ދިވެހި ޑިޒައިނަރެއްގެ ހުނަރު ފެނިގެންދާ މި ރިސޯޓުގެ މަަސައްކަތްތައް ކުރާނީ ޖީއެޗްއެމް ކުންފުނީގެ ހުނަރުވެރި ޓީމެއްގެ ބެލުމުގެ ދަށުންނެވެ.

ޖީއެޗްއެމް ކުންފުންޏަކީ 1992 ވަނަ އަހަރުން ފެށިގެން ހޮޓެލް މެނޭޖް ކުރުމުގެ ވިޔަފާރި ކުރާ ކުންފުންޏެކެވެ. އެ ކުންފުނިން ވިއެޓްނާމްގެ އިތުރުން އޮމާން އަދި ސުވިޒަލޭންޑުގައި ވެސް ރިސޯޓު ހިންގަ އެވެ.

ރާއްޖޭގައި މިދިޔަ އަހަރު 20 ރިސޯޓު ހުޅުވާފައިވެ އެވެ. އަދި މި އަހަރު ހުޅުވި ފުރަތަމަ ރިސޯޓަކީ ރ. އަތޮޅުގައި ހުޅުވި ކޮއްޓަފަރު ރިސޯޓެވެ. ރާއްޖޭގައި މިހާރު 150 ރިސޯޓު ހުރިއިރު، ޖުމްލަ އެނދުގެ އަދަދު ވަނީ 50،000 އަށްވުރެ މަތިވެފަ އެވެ.