ގާތްގަނޑަކަށް 130 މިލިއަން ޑޮލަރު (ދެ ބިލިއަން ދިވެހި ރުފިޔާ) އިންވެސްޓް ކޮށްގެން ތަރައްގީ ކުރި މާލެ އަތޮޅު ކުޑަ ވިލިނގިލި ރިސޯޓް ހުޅުވައިި ހިދުމަތަށް ގެނެސްފި އެވެ.
ކުޑަވިލިނގިލި ތަރައްގީ ކުރި އެމްފާ ކުންފުނީ ވެރިޔާއަކީ އިންޑިއާއަށް އުފަން އޮމާންގެ ވިޔަފާރިވެރިއެކެވެ. ދިވެހި ވިޔަފާރިވެރިންނާ ގާތް ގުޅުމެއް އޮންނަ ޑރ. ޕީ. މުހައްމަދު އަލީ ތަރައްގީ ކުރެއްވި ކުޑަ ވިލިނގިލިއްޔަކީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަތުން އޭނާ ބައްލަވައިގެންފައިވާ ރަށެވެ. އެ ރަށް ޖާބިރުގެ އަތުން ގަނެފައި ވަނީ ގާތްގަނޑަކަށް 17 މިލިއަން އެމެރިކާ ޑޮލަރަށެވެ.
ކުޑަވިލިނގިލި ރިސޯޓު ހުޅުވުމުގެ ގޮތުން އިއްޔެ ވަނީ އެ ރިސޯޓަށް އައި ފުރަތަމަ ޓޫރިސްޓަށް މަރުހަބާ ވެސް ކިޔާފަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާ ސަރީފު ސަންޖޭ ސުދީރެވެ.
ދިވެހި ޑިޒައިނަރަކު ފަރުމާ ކޮށްފައިވާ މަތީ ފަންތީގެ މި ރިސޯޓުގައި 59 ބީޗް ވިލާ އާއި 36 މޫދު ވިލާ ހުރެ އެވެ. ޖުމްލަ 95 ވިލާ ހުރި މި ރިސޯޓު ފަރުމާ ކުރުމުގައި އޭޝިއާގެ ކުލަވަރުގެ އިތުރުން ރާއްޖޭގެ އާޓް ބޭނުން ކޮށްފައިވެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 25 މިނެޓުން ދެވޭ ރާސްތާއެއްގައި ތަރައްގީކޮށް ހުޅުވި މި ރިސޯޓުގައި އާއިލާތަކާއި ރަހުމަތްތެރިން އެކުގައި ގޮސް ޗުއްޓީ ހޭދަ ކޮށްލެވޭނެ އެންމެ ފުރިހަމަ ވަސީލަތް ގާއިމްކޮށްފައިވެ އެވެ. މި ރިސޯޓުގައި އެކި ގައުމުތަކުގެ ކެއުންތައް ހިމެނޭ ރެސްޓޯރެންޓްތައް ވެސް ހުރެ އެވެ.