ގިނަ ރިސޯޓު ތަކެއް ހިންގާ އެނބޫދޫ ފަޅުގައި މަޝްހޫރު އެކޯ ހޮޓެލްސްގެ ލައިސްޓައިލް ބްރޭންޑް "ސޯ" ހޮޓެލްގެ ރިސޯޓެއް ހުޅުވަން ނިންމައިފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެކޯ ހޮޓެލްސް އިން އަވަސް އަށް ފޮނުވާފައިވާ ނޫސް ބަޔާނެއްގައިވާ ގޮތުން ރާއްޖޭގެ އެނބޫދޫ ފަޅުގައި 80 ވިލާގެ ރިސޯޓެއް ތަރައްގީ ކުރުމުގެ ގޮތުން އެ ކުންފުނީގެ ލައިފް ސްޓައިލް ބްރޭންޑް "އެސް ހޮޓެލްސް" އާއި އެނބޫދު ފަޅު ތަރައްގީ ކުރާ ތައިލެންޑުގެ ޕަބްލިކް ކުންފުންޏެއް ކަމަށްވާ ސިންހަ އެސްޓޭޓްގެ އެސް ކުންފުންޏާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. މި މަޝްރޫއަށް އެ ކުންފުނިން 60 މިލިއަން ޑޮލަރު އިންވެސްޓް ކުރާނެ އެވެ.
މި އެއްބަސްވުމުގެ ދަށުން އެނބޫދު ފަޅުގައި ތަރައްގީ ކުރާ ރަށް 2023 ގައި ހުޅުވަން ނިންމާފައިވާއިރު، އެ ރަށުގައި ޖުމްލަ 80 ވިލާ ހުންނާނެ އެވެ. މި ވިލާތަކުގައި މޫދު ވިލާގެ އިތުރުން ބީޗުވިލާތައް ވެސް ހުންނާނެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 15 މިނެޓުން ދެވޭ ރާސްތާގައި ތަރައްގީ ކޮށްފައިވާ ރިސޯޓެކެވެ.
"ސޯ" ހޮޓެލްގެ މައި ކުންފުނި، އެކޯ ހޮޓެލްސްއަކީ 110 ގައުމެއްގައި 5,100 ޕްރޮޕަޓީ ހިންގާ ކުންފުންޏެކެވެ. މި ކުންފުނީގެ ދަށުން ދުނިޔޭގެ އެކި ގައުމުތަކުގައި 10،000 ފުޑް އެންޑް ބެވަރޭޖަސް ހިދުމަތްދޭ ތަންތަން ވެސް ހިންގަ އެވެ. މި ކުންފުނީގެ މުވައްޒަފުންގެ އަދަދު 260،000 އަށްވުރެ ގިނަ އެވެ.
އެނބޫދޫ ފަޅުން ހަތް ކިލޯ މީޓަރުގެ ސަރަހައްދެއް ހިއްކައިގެން 2017 ވަނަ އަހަރު ފެށި، "ކްރޮސްރޯޑް މޯލްޑިވްސް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުވާފައިވަނީ "މިއުޒިކީ ފުށި - ހާޑްރޮކް ހޮޓެލް" އާއި "ހިލްޓަން ކަލެކްޝަންގެ ސައި ލެގޫން މޯލްޑިވްސް" އަދި ރާއްޖޭގައި ހަދާފައިވާ އެންމެ ބޮޑު ޔޮޓް މެރީނާ "ދަ މެރީނާ މޯލްޑިވްސް" އެވެ. މި މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ހިންގި "އިންޓަގްރޭޑެޑް ޓޫރިޒަމް"ގެ ހަމައެކަނި މަޝްރޫ އެވެ.
ފަޅު ހިއްކައިގެން ހިންގާ މި މަޝްރޫއުގެ ދަށުން، ޖުމްލަ ނުވަ ރަށް ހިމެނެ އެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވައްސަށް 311 މިލިއަން ޑޮލަރު (4.7 ބިލިއަން ރުފިޔާ) ހަރަދުވެ އެވެ. އަދި 2021 ވަނަ އަހަރު މުޅި މަޝްރޫއު ނިމޭއިރު މުޅި މަޝްރޫއަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) ހަރަދުވާނެ އެވެ.