އެމްއެސްއެސް

އެމްއެސްއެސްއިން މެލޭޝިއާ އާއި ސިންގަޕޫރަށް ދަތުރުތައް ފަށަނީ

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ދަތުރުތައް އިތުރަށް ފުޅާކޮށްފި އެވެ.

އެގޮތުން މެލޭޝިއާގެ ޕޯޓް ކިލާންގުން މިމަހުގެ 13 ވަނަ ދުވަހު ކޮންޓެއިނަރުގައި މުދާ ހިފައިގެން އެމްއެސްއެސްގެ ބޯޓު ފުރާނެ އެވެ.

މިދަތުރު ކުރުމަށް ހަމަޖެހިފައިވަނީ މެލޭޝިއާ އިން ސިންގަޕޫރަށް އަދި ސިންގަޕޫރުން ލަންކާއަށެވެ. ރާއްޖެއަށް މުދާ ގެންނާނީ ލަންކާގެ ކޮލަމްބޯ މަގުންނެވެ.

މިދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެއްފަހަރާ 500 ކޮންޓެއިނަރު އުފުލޭ އެމްއެސްއެސްގެ އަމިއްލަ ބޯޓެކެވެ.

މިދަތުރާ ގުޅޭގޮތުން އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ މިދަތުރު ރާވާފައިވަނީ ކޮންމެ ކޮޅަކަށް ހަތް ދުވަސް ހިމަނައިގެން 15 ވަރަކަށް ދުވަސް ތެރޭ މުޅި ދަތުރު އެއްކޮށް ނިންމޭ ގޮތަށް ކަމަށެވެ.

"ވިޔަފާރި އިތުރަށް ކުރިއަށްދާ ވަރަކަށް އިތުރު ބަނދަރުތައް މީގެތެރެއަށް ވަދެގެންދާނެ. ޑިމާންޑު އެބައޮތް. ފުރިގެން މިހާރު އިތުރަށް ނުނަގަން،" ޝަރީފް ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އުފެއްދެވި ކުންފުނި -- އެމްއެސްއެސްގައި މިހާރު ފަސް ބޯޓު އެބައޮތެވެ. އަދި އެ ކުންފުނީގެ އެޖެންޓުން 30 އަށް ވުރެ ގިނަ ގައުމުތަކުގައި އެބަތިއްބެވެ.

ގައުމީ ޝިޕިން ކުންފުންޏެއް އުފެއްދުމަކީ 2020ގެ ތަސައްވުރުގައިވެސް ހިމަނާފައި އޮތް ކަމެކެވެ. ރާއްޖެއަކީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ދުވަސްވަރު ވަރުގަދަ ޝިޕިން ކުންފުންޏެއް އޮތް ގައުމެވެ. މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް)ގެ ނަމުގައި އެންމެ ފަހުން ހިންގި ޝިޕިން ކުންފުނި އުވާލިތާ ގާތްގަނޑަކަށް 10 އަހަރު ފަހުން އޭޕްރީލް 5، 2020 ގައި އިފްތިތާހު ކުރި ގައުމީ ޝިޕިން ކުންފުނި -- އެމްއެސްއެސްގެ އޮޕަރޭޝަން ފުޅާކޮށް ފްލީޓްތަކުގެ އަދަދު ދަނީ އިތުރުކުރަމުންނެވެ. އަދި ޝިޕިން ދާއިރާއަށް ބޭނުންވާ ދިވެހިން ތަމްރީން ކުރުމަށް އެމްއެސްއެސް އިން ވަރަށް ބޮޑު އިސްކަމެއްވެސް ދެއެވެ.