އަވަށްޓެރި ގައުމުތަކަށް ބޭސް ފަރުވާ އަށް ދާ ދިވެހިންގެ މަދުވެ، އާސިއާންގައި ހިމެނޭ ގައުމުތަކުގައި ދިވެހިން ބޭސް ފަރުވާއަށް ކުރާ ހަރަދު އިތުރުވަމުންދާ ކަމަށް މަރުކަޒީ ބޭންކުގެ ސާވޭ އިން ދައްކައިފި އެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުރި ސާވޭ އިން ދެއްކި ގޮތުގައި ބޭސް ފަރުވާ އަށް ރާއްޖޭން ބޭރަށް ދާ މީހުންގެ އަދަދު ވަނީ ދަށްވެފަ އެވެ. މި ސާވޭގައިވާ ގޮތުން ކުރިން އިންޑިއާ އާއި ސްރީލަންކާ އަށް ދިވެހިންގެ ބޭސް ފަރުވާގެ ދަތުރުގައި ބޮޑު ހޭދައެއް ކުރިނަމަވެސް، ވޭތުވެދިޔަ ދެ އަހަރުތެރޭގައި މި ހޭދަ ވަނީ، އެސޯސިއޭޝަން އޮފް ސައުތު އޭޝިއާން ނޭޝަން (އާސިއާން) ގައި ހިމެނޭ މެލޭޝިއާ ތައިލެންޑް އަދި ސިންގަޕޫރު ފަދަ ގައުމުތަކުގައި މަތިވާން ފަށާފަ އެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި 2015 ވަނަ އަހަރު ބޭސް ފަރުވާއަށް މެލޭޝިއާއަށް ދިޔަ މީހުންގެ ހޭދަކޮށްފައިވަނީ އެވްރެޖު ގޮތެއްގައި ބޮލަކަށް 973 ޑޮލަރެވެ. ނަމަވެސް މި އަދަދު މިދިޔަ އަހަރު 589 ޑޮލަރަށް ވެއްޓުމަށްފަހު، މިދިޔަ އަހަރު ވަނީ 1،320 ޑޮލަރަށް އުފުލިފަ އެވެ. އަދި ތައިލެންޑުގައި 2015 ވަނަ އަހަރު ދިވެހިންގެ ބޭސް ފަރުވާ ހޭދަ 864 ޑޮލަރުގައި ހުރިނަމަވެސް 2016 ވަނަ އަހަރު 14،16 ޑޮލަރަށް އުފުލުމަށްފަހު، މިހާރު ހުރީ 1359 ޑޮލަރުގަ އެވެ. އަދި ސިންގަޕޫގައި ދިވެހިންގެ ބޭސް ފަރުވާ ހޭދަތައް 2015 ވަނަ އަހަރު 663 ޑޮލަރުގައި ހުރިނަމަވެސް 2016 ވަނަ އަހަރު 1،186 ޑޮލަރަށް އެރުމަށްފަހު، 2017 ވަނަ އަހަރު ވަނީ 2،500 ޑޮލަރަށް އިތުރުވެފަ އެވެ.
ދިވެހިންގެ ބޭސް ފަރުވާ ހޭދަ އާސިއާންގައި އިތުރުވިނަމަވެސް އެންމެ ގިނައިން ދިވެހިން މިހާރުވެސް ދަތުރުކުރާ އެއް ގައުމަކީ އިންޑިއާ އެވެ. ނަމަވެސް ބޭސް ފަރުވާ އަށް ދާ އާބާދީ ވަނީ ދަށަށް ގޮސްފަ އެވެ. ސާވޭ އިން ދެއްކި ގޮތުގައި މިދިޔަ އަހަރު ރާއްޖޭން ބޭސްފަރުވާ އަށް މިދިޔަ އަހަރު 1،889 މީހުން ބޭރަށް ދަތުރުކުރި އެވެ. އެކަމަކު 2016 ވަނަ އަހަރު ދަތުކުރީ 2،281 މީހުންނެވެ. މިއީ 20 ޕަސެންޓް ދަށްވުމެކެވެ. އަދި 2015 ވަނަ އަހަރު ދަތުރުކުރީ 2،247 މީހުންނެވެ.