ހަބަރު

ސުނާމީގައި ލިބުނު ގެއްލުން ސިއްރުކުރަން އުޅުނު ކަމުގެ ތުހުމަތު

Mar 30, 2019
28

ދެހާސް ހަތަރު ވަނަ އަހަރު ރާއްޖެއަށް އެރި ސުނާމީގައި ރަށްތަކަށް ލިބުނު ބޮޑެތި ގެއްލުންތައް ރައްޔިތުންނަށާއި ދުނިޔެއަށް ސިއްރުކުރަން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުން މަސައްކަތް ކުރެއްވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ތުހުމަތު ކުރައްވައިފި އެވެ.

އެމްޑީޕީގެ ޓިކެޓުގައި ވިލިފުށީ ދާއިރާއަށް ވާދަކުރައްވާ ހަސަން އަފީފުގެ ކެމްޕެއިންގައި ތ. މަޑިފުށީ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ، ސުނާމީއަށްފަހު ރާއްޖޭގެ ގިނަ ރަށްތަކެކޭ އެއްފަދައިން މަޑިފުށީގެ ރައްޔިތުން ވެސް ތިބީ ވަރަށް ނިކަމެތި ހާލުގައި ކަމަށެވެ.

އަދި ސުނާމީގެ ހަބަރު ދިވެހި ރައްޔިތުންގެ އިތުރުން މުޅި ދުނިޔެއަށް އެންމެ ފުރަތަމަ އެންގީ ހަސަން އަފީފު ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ރައީސް މައުމޫންގެ ސަރުކާރުން އުޅުއްވީ އެ ސުނާމީގެ ހަބަރު ސިއްރުކުރައްވަން، އޭރުގައި އެއީ އާންމު ސިޔާސަތެއް، ކަންތައް ސިއްރުކުރުން،" ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ލީޑަރު މައުމޫނަށް ތުހުމަތު ކުރެއްވަމުން ނަޝީދު ވިދާޅުވި އެވެ.

"އެފަދަ ބޮޑު ކަމެއް ވެގެން ދިޔައީމާ، އެކަން އާންމު ރައްޔިތުންގެ ހާލަތާއި، ޖެހިފައި ތިބި ނިކަމެތި ގޮތް، މުޅި ރާއްޖެއަށް އަދި މުޅި ދުނިޔެއަށް އެންގެމުގެ ބަދަލުގައި އެކަންތައް ސިއްރުކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް ހަސަން އަފީފުގެ މަސައްކަތުން ފުރަތަމަ ފަހަރަށް ސުނާމީ އެރިކަން ދުނިޔޭގެ ކަންކޮޅުތަކަށް އެންގީ،" ނަޝީދު ވިދާޅުވި އެވެ.

ސުނާމީގައި ގެދޮރު ގެއްލުނު މީހުން ވަގުތީ ހިޔާތަކުން ގެތަކަށް ބަދަލުކޮށް ރަށްތައް އަލުން އާބާދު ކުރުުގެ އިތުރުން، ރާއްޖެ ބަދަލުކޮށް، ރައްޔިތުން ބޭނުންވެފައިވާ ތިބި އަސާސީ ހައްގުތަކާއި، މިނިވަންކަމާއި ތިން ބާރު ވަކިވެފައިވާ ދައުލަތެއް ދިވެހިންނަށް ލިބުމުގައި ހަސަން އަފީފުގެ ހިއްސާ ވަރަށް ބޮޑުކަމަށް ނަޝީދު ވިދާޅުވި އެވެ.