ހަބަރު

މައުމޫން، ނަޝީދަށް ފޯނުން ގުޅުއްވާ މަރުހަބާ ދަންނަވައިފި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި 19 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރެއްވި މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރައްވާފައިވާތީވެ، ކުރީގެ ރައީސް މައުމޫން އަބުދުލްގައްުޔޫމް މަރުހަބާ ދަންނަވައިފި އެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދުގެ ވަގުތެއްގައި ރައީސް ނަޝީދަށް ގުޅުއްވައިި އެމަނިކުފާނާއި އެމަނިކުފާނު ޕާޓީ އިން ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވާފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދު ވަނީ ފޯނުން ގުޅުއްވުމުން ހިތްހެޔޮކަމާއެކު އެކަން ބަލައިގަނެ، ކުރިއަށް އޮތް ތަނުގައިވެސް ދެބޭފުޅުންގެ ގުޅުން ބޭއްވުމަށް ނިންމަވާފައިވާ ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.

ނަޝީދު މަޖިލީހުގެ ގޮނޑިއެއް ކަށަވަރު ކުރެއްވީ، މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރެއްވި، ހަތަރު ކެންޑިޑޭޓަކާ ވާދަކުރައްވައިގެންނެވެ. އެމަނިކުފާނާ އެންމެ ކައިރިން ވާދަކުރެއްވީ، މިނިވަން ކެންޑިޑޭޓް އިބްރާހިމް މުހައްމަދެވެ.

ނަޝީދު ވެގެން ދާނީ ކުރީގެ ރައީސްއަކު މަޖިލީހުގެ މެންބަރުކަން ކުރައްވާ ފުރަތަމަ ފަހަރަށެވެ.

ދެން އެ ދާއިރާއަށް ވާދަކުރެއްވި، ޑީއާރުޕީ ކެންޑިޑޭޓް އަހުމަދު ޝާން އާއި މިނިވަން ކެންޑިޑޭޓް އަބްދުﷲ ޒިޔާދު އަދި މިނިވަން ކެންޑިޑޭޓް އަބްދުﷲ އިރުފާނެވެ.