ރައީސް މުހައްމަދު ނަޝީދު

އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކަށް ރައީސްގެ ތާއީދެއް ނެތް: ނަޝީދު

އެމްޑީޕީ ނޫން އެހެން ޕާޓީ އެއްގެ އެއްވެސް ކެންޑިޑޭޓަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތާއީދު ނުރައްވާނެ ކަމަށާއި އެ ފަދައިން ތާއީދު ކުރުމަށް އެއްވެސް މީހެއްގެ ކިބައިން އެދި ވަޑައި ނުގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ކެންޑީޑޭޓުންގެ ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ރަސްމީ ގޮތުން ފައްޓަވައި ދެއްވައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މަޖިލިސްގެ މެޖޯރިޓީ އެމްޑީޕީއަށް ނެގޭނީ ޕާޓީގެ މެމްބަރުން ޕާޓީގެ ކެންޑިޑޭޓަށް ވޯޓު ދީގެން ކަމަށާއި ބައެއް ފަރާތްތަކުން ރައީސް ސޯލިހު އާ ގުޅުވައިގެން ދައްކާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ކަމަށެވެ.

އެމްޑީޕީ އާއެކު ކޯލިޝަން ހާދާފައިވާ ޖުމްހޫރީ ޕާޓީއިން ވަނީ މަޖިލީހުގެ 36 ދާއިރާއަކަށް ވާދަކުރަން ނިންމާފަ އެވެ. ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއިން ވަނީ 13 ދާއިރާއަކަށް ކުރިމަތިލުމަށް ނިންމާފަ އެވެ. އަދި ކޯލިޝަނަށް ނިސްބަތްވާ ކުރީގެ ރައީސް މައުމޫން އަބްދުއް ގައްޔޫމްވެސް ދަނީ ޕާޓީ އެއް އުފައްދައިގެން މަޖިލިސް އިންތިހާބަށް ކެންޑިޑޓުން ނެރުމުގެ މަސައްކަތް ކުރައްވަމުން ކަމަށެވެ. އަޑުތައް ފެތުރިފައި އޮންނަ ގޮތުން ޖުމްހޫރީ ޕާޓީ އާއި ރައީސް މައުމޫން ނެރުއްވާ ބައެއް ކެންޑިޑޭޓުންނަށް ރައީސް ސޯލިހު ތާއީދު ކުރައްވަ އެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ އެއީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ.

"ރައީސް [ސޯލިހު] ވިދާޅެއް ނުވާނެ އެމްޑީޕީ ނޫން ކެނޑިޑޭޓަކަށް ވޯޓު ދޭކަށް، އަދި ތާއީދު ކުރާ ކަށްވެސް" ނަޝީދު ވިދާޅުވިއެވެ. އަދި ނަޝީދު އިތުރަށް ވިދާޅުވީ ރައީސް ސޯލިހާ ގުޅެގޮތުން ވާހަކަ ދެއްކުން އެންމެ އައުލާކަން ބޮޑުވާނީ ވެސް އެމަނިކުފާނެ ކަމަށެވެ.