ކޯލިޝަން ދެ ލީޑަރުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި ގާސިމް އިބްރާހިމްއާ ވާދަ ކުރައްވާ ދެ ދާއިރާއަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކެންޑިޑޭޓުން ނުނެރުމަށް ނިންމަވައިފި އެވެ.
ރައީސް މައުމޫންގެ ތާއިދާއެކު މަޖިލީހަށް ކެންޑިޑޭޓުން ނުނެރޭނެ 11 ދާއިރާއެއް އެމަނިކުފާނު ވަނީ ކަނޑުއަޅުއްވާފަ އެވެ. އެ ދާއިރާތަކުގެ ތެރޭގައި ރައީސް ނަޝީދު ވާދަ ކުރައްވާ މަންޗަންގޯޅި މެދު ދާއިރާ އާއި ގާސިމް ވާދަ ކުރައްވާ މާމިނގިލި ދާއިރާ ހިމެނެ އެވެ.
ރައީސް މައުމޫންގެ ކެންޑިޑޭޓެއް މާމިނގިލި ދާއިރާއަށް ނުނެރޭއިރު، އެމްޑީޕީގެ ކެންޑިޑޭޓެއް ގާސިމާ ވާދަ ކުރެ އެވެ. ނަމަވެސް ރައީސް ނަޝީދާ ވާދަކުރުމަށް ޖުމްހޫރީ ޕާޓީއިން ވެސް ކެންޑިޑޭޓެއް ނުނެރެ އެވެ.
އެ ދެ ދާއިރާއަށް ރައީސް މައުމޫން ކެންޑިޑޭޓުން ނުނެރުއްވާއިރު، ދަރިކަލުން ގައްސާން މައުމޫން ވާދަ ކުރައްވާ ތ. ގުރައިދޫ ދާއިރާއަށް ކެންޑިޑޭޓަކު ނެރުއްވަ އެވެ.
މިހާތަނަށް މައުމޫންގެ ފަރާތުން ވާދަކުރާ ދާއިރާތައް
- ހެންވޭރު އުތުރު ދާއިރާ
- ގަލޮޅު ދެކުނު ދާއިރާ
- މައްޗަންގޯޅި އުތުރު ދާއިރާ
- މައްޗަންގޯޅި ދެކުނު ދާއިރާ
- މާފަންނު ހުޅަނގު ދާއިރާ
- މާފަންނު މެދު ދާއިރާ
- މާފަންނު ދެކުނު ދާއިރާ
- ވިލިމާލެ ދާއިރާ
- ކެލާ ދާއިރާ
- ނޮޅިވަރަމް ދާއިރާ
- ކޮމަންޑޫ ދާއިރާ
- ތުޅާދޫ ދާއިރާ
- ތުލުސްދޫ ދާއިރާ
- ކ. ގުދައިދޫ ދާއިރާ
- ދިއްގަރު ދާއިރާ
- މުލަކު ދާއިރާ
- ނިލަންދޫ ދާއިރާ
- ތ. ގުރައިދޫ ދާއިރާ
- އިސްދޫ ދާއިރާ
- ފޮނަދޫ ދާއިރާ
- މާވަށު ދާއިރާ
- ތިނަދޫ އުތުރު ދާއިރާ
- ގައްދޫ ދާއިރާ
- ހިތަދޫ އުތުރު ދާއިރާ
ތިރީސް އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން، ކެންޑިޑޭޓުން ނުނެރުމަށް ނިންމެވި ދާއިރާތަކުގެ ތެރޭގައި އަދާލަތު ޕާޓީއިން މިހާރު މަޖިލީހުގައި ތަމްސީލް ކުރާ ހަމައެކަނި ދާއިރާ މަކުނުދޫ ދާއިރާ ވެސް ހިމެނެ އެވެ. އޭގެއިތުރުން ހުޅުމާލެ ދާއިރާ، ދިއްދޫ ދާއިރާ، ހަނިމާދޫ ދާއިރާ، މަޑުއްވަރީ ދާއިރާ، ތިމަރަފުށި ދާއިރާ، ވިލިނގިލި ދާއިރާ، ތިނަދޫ ދެކުނު ދާއިރާ އަދި ފުވައްމުލަކު އުތުރު ދާއިރާ ހިމެނެ އެވެ.
މިއަދު ރައީސް މައުމޫން ވަނީ ވާދަކުރުމަށް ނިންމާފައިވާ ދާއިިރާތައް ވެސް އިއުލާން ކުރައްވާފަ އެވެ. އެއީ 24 ދާއިރާއެކެވެ. އޭގެ އިތުރުން ދެން ހުރި ދާއިރާތަކަށް ވެސް ރައީސް މައުމޫންގެ ތާއިދާއެކު ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން މި މަހުގެ ހަވަނަ ދުވަހުގެ ކުރިން އެކަމަށް ޝައުގުވެރިވާ މީހުން ހުށަހެޅުމަށް ވަނީ އެދިފަ އެވެ.