ހަބަރު

ޔާމީންގެ ހުދުމުހުތާރު ވެރިކަމަށް ނޭވާލާން ބޭނުމެއް ނުވޭ: ނަޝީދު

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ހުދުމުހުތާރު ވެރިކަމުގެ ނޭވާލާން ރައްޔިތުން އަލުން ބޭނުންނުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު އެގޮތަށް ވިދާޅުވީ، ރާއްޖެއަށް ހަމަޖެހުން އަންނާނީ ޖޭޕީ ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕްރޮގްރެސިވް ކޯލިޝަނަށް އަޣުލަބިއްޔަތު ލިބިގެން ކަމަށް ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ.

އެމްޑީޕީގެ ޓިކެޓުގައި ވިލިފުށީ ދާއިރާއަށް ވާދަކުރައްވާ ހަސަން އަފީފުގެ ކެމްޕެއިންގައި ތ. މަޑިފުށީ ރައްޔިތުންނާއި ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ، ރައީސް ޔާމީނަށް ނޭވާ ލެވޭނީ އަނެއްކާވެސް ހުދުމުހުތާރު ވެރިކަން ލިބިގެން ކަމަށެވެ.

ރައީސް ޔާމީން މިނިވަންވުމާއެކު ވިދާޅުވެފައިވަނީ ނޭވާ ލެވޭނީ ޖޭޕީއަށާއި ޕީޕީއެމަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބުނީމަ ކަމަށެވެ.

މީގެ ކުރިން މަޖިލީހުގެ 60 އަށްވުރެ ގިނަ ގޮނޑި އޮތީ ރައީސް ޔާމީން އަތްޕުޅުގައި ކަމަށާއި މެޖޯރިޓީ އޮވެގެން ރައީސް ޔާމީން ކުރެއްވި ކަންތައްތައް ރައްޔިތުން ވަނީ ދެކިފައި ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެހެންވީމަ ނޭވާ ލެވޭނީ އަމިއްލަ ބޭބެ ގެނެސް ޖަލަސް ލެވުނީމަ ކަމަށް އެވިދާޅުވަނީ، ނޭވާ ލެވޭނީ އަމިއްލަ ބޭބެގެ ދަރި ބޭބެ ކައިރީގައި ޖެހިގެން ގޮޅީގައި ބޭންދީމާ ކަމަށް އެވިދާޅުވަނީ، ނޭވާ ލެވޭނީ އެވިދާޅުވާ ގޮތުގައި ހުރިހާ ސިޔާސީ ވެރިން ހައްޔަރުކޮށް ޖަލަށް ލެވުނީމަ ކަމަށް އެވިދާޅުވަނީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ ރައީސް ޔާމީން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގުނބޯ ހައްދަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ގާސިމް ގުނބޯ ހައްދައި ރައީސް ޔާމީނަށް ހަމަނޭވާ ލެވޭނީ އަނެއްކާވެސް ގާސިމް ގެނެސް ޖަލަށް ލެވުނީމަ ކަމަށެވެ.

"ނޭވާ ލެވޭނީ އެމްއެމްޕީއާރުސީގެ ފައިސާ ގޯނި ގޯނީގައި ގެނެސް ގެއަށް ލެވުނީމަ ކަމަށް، ނޭވާ ލެވޭނީ އަޅުގަނޑުމެންނަށް އަނެއްކާވެސް ވަރަށް ގިނަ އަނިޔާ ކުރެވިގެން، ރައްޔިތުން އެނޭވާ ލާކަށް ހަމަ ކަށަވަރުން ބޭނުމެއް ނުވޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ރައީސް ޔާމީނަށް އަނެއްކާވެސް ނޭވާ ލެވޭނީ ވޭތުވެދިޔަ ފަސް އަހަރު ހިނގާދިޔަ ގޮތަށް، ގޮތް ނޭންގޭ އެތައް ބަޔަކު މަރާލައިގެން ކަމަށެވެ. އެމަނިކުފާނަށް އަނެއްކާވެސް ނޭވާ ލެވޭނީ ކޮރަޕްޝަނާއި ފަސާދަ އިންތިހާއަށް ހިންގުނީމާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ޑރ އަފްރާޝީމް އަވަހާރަކޮށްލުން، އަދިވެސް އެހެން ނޫސްވެރިންނާއި އެތައް ބައެއް ގެއްލުވާލުން، ވީނުވީ ނޭންގެ ކިތަންމެ ބައެއް މަރުވެގެން ދިއުން، ނޭވާ ލެވެން އަންނަނީ އަނެއްކާވެސް މި ޖަރީމާތައް ހިންގުނީމައޭ،"

ވޭތުވެދިޔަ ފަސް އަހަރު ރައީސް ޔާމީން ކުރެއްވި ކަންކަން ރައްޔިތުން ހަނދާނެއް ނުނެތޭނެ ކަމަށާއި ރައްޔިތުން އެފުރުސަތު ނުދޭނެ ކަަމަށްވެސް ނަޝީދު ވިދާޅުުވި އެވެ.