ހަބަރު

ރާޅުގުޑި އިވެންޓަށް ތިން ޕާޓްނަރުން ޔަގީންކޮށްފި

Mar 30, 2019

ސްޕޯޓްސް ޓޫރިޒަމް އިޝްތިހާރު ކުރަން ރާއްޖޭގެ ދެކުނުން އުތުރަށް ބާއްވާ ރާޅު ގުޑި އިވެންޓަށް ތިން ޕާޓްނަރުން ހަމަޖައްސައި، އިތުރު ޕާޓްނަރުންނާއި ސްޕޮންސަރުން ހޯދަން ފަށައިފި އެވެ.

ރާއްޖޭގައި ކައިޓް ސާފިން މޫދު ކުޅިވަރެއްގެ ގޮތުގައި ތަރައްގީކޮށް ކުރިއަށް ގެންދާ ރާޅުގުޑި އިވެންޓް ބާއްވަނީ ސްލޯޓޭޕް މާފުށި ޑައިވް އިންނެވެ. އައްޑު އަތޮޅުން ހއ. ތުރާކުނަށް ބާއްވާ "ރާޅުގުޑި އިވެންޓް" އޮންނާނީ ރާއްޖެއަށް އެންމެ ވައި ހެޔޮ މޫސުން ކަމަށްވާ ޖޫން އާއި ޖުލައި މަހުގަ އެވެ.

އަވަސް އޮންލައިން މީޑިއާ ޕާޓްނަރުގެ ގޮތުގައި މުޅި އިވެންޓް ކަވަރު ކުރާ ގޮތަށް ކުރިއަށްދާނެ، "ރާޅު ގުޑި ދެކުނުން އުތުރަށް" އިވެންޓުގެ މެނޭޖަރު މެނޭޖަރު މުހައްމަދު ފައިސަލް (ކޭވީ) ވިދާޅުވީ އިވެންޓުގައި ޕާޓްނަރުންގެ ގޮތުގައިވުމަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. އަދި މިހާތަނަށް ތިން ފަރާތެއް ޕާޓްނަރުންގެ ގޮތުގައި ހަމަޖެހިފައިވާ ކަމަށް، ހުރިހާ ޕާޓްނަރުން ހަމަޖެހުމުން ހާއްސަ ރަސްމިއްޔާތެއް ބާއްވާނެ ކަމަށެވެ.

"މި ވަގުތު ތިން ޕާޓްނަރުންނާއެކު ވަނީ އެއްބަސްވުމަކަށް އާދެވި. އެ ޕާޓްނަރުން ޔަގީންވެފައި. އެކަމަކު އަދި އިތުރު ޕާޓްނަރުންނާއި ސްޕޮންސަރުން ބޭނުންވޭ. ބައެއް ފަރާތްތަކުން ޝައުގުވެރިކަން ވަނީ ފާޅުކުރަމުންދޭ،" ފައިސަލް ވިދާޅުވި އެވެ.

ރާޅު ގުޑި ދެކުނުން އުތުރަށް އިވެންޓުގެ ޕާޓްނަރުންގެ ގޮތުގައި މިވަގުތު ހަމަޖެހިފައިވަނީ ޕާލޭ މޯލްޑިވްސް އާއި އިކްއިޕްމަންޓް ޕާޓްނަރުގެ ސީގިޔާ ވަނީ ހަމަޖައްސާފަ އެވެ. އަދި ސްލިންގްޝޮޓްގެ އިތުރުން ޕްރިންޓިން ޕާޓްނަރުގެ ގޮތުގައި އެމްސެވަން ވަނީ ހަމައްސާފަ އެވެ.

އޭނާ ވިދާޅުވީ މި އިވެންޓަކީ ރާއްޖޭގެ އުތުރުން ދެކުނަށް ބާއްވާ އިވެންޓަކަށްވުމުން ގެސްޓްހައުސްތައްވެސް ޕާޓްނަރުންގެ ގޮތުގައި ނަގަން ހަމަޖެހިފައިވާ ކަމަށެވެ.

ސާފިން ބޯޑެއް ފައިގައި ހަރުކޮށްގެން ވައި ކުޑައެއްގެ އެހީގައި ދުއްވާ ކައިޓް ސާފިންގެ މި ހާއްސަ މޫދު ކުޅިވަރުގެ އިވެންޓުގައި ހަތަރު އެތުލީޓަކު ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ބޭރު މީހަކު ވެސް ހިމެނެ އެވެ. މި އިވެންޓުގައި ބައިވެރިވާނީ އަހުމަދު ހަމްދާން ހަމީދު (ހަމްބެ) ގެ އިތުރުން އާސިމް މުހައްމަދު ފުޅު (ސިމްބެ) އާއި އަބްދުﷲ ތަސްލީމް (ޑެލިއޯ) ގެ އިތުރުން ކައިޓް ސާފިންގެ ދުނިޔޭގެ އިވެންޓުތައް ކާމިޔާބުކޮށްފައިވާ ޔޯރީ ޒޫން ހިމެނެ އެވެ. ރާޅުގުޑި އިވެންޓު އިންތިޒާމު ކުރާ މާފުށި ޑައިވް އިން ބުނި ގޮތުގައި އައްޑު އަތޮޅުން ތުރާކުނަށް ރާޅުގުޑީގައި ފަށާ މި ދަތުރުގެ ދިގު މިނަކީ 15 ދުވަހެވެ. އެ މުއްދަތުގައި 20 ރަށެއްގައި މަޑުކުރާނެ އެވެ. އަދި ހާއްސަ ބައެއް ހަރަކާތްތައް މި ރަށްރަށުގައި ހިންގާނެ އެވެ.

މި އިވެންޓު ބޭއްވުމުގެ މައިގަނޑު އެއް ސަބަބަކީ ތިމާވެއްޓަށް ހޭލުންތެރި ކުރުވުމެވެ. ރާއްޖޭގެ އިގްތިސޯދުގެ މައިގަނޑު އެއް ބަޔަކީ ރާއްޖޭގެ ތިމާވެއްޓެވެ. ހާއްސަކޮށް ކަނޑުގެ ތިމާވެއްޓެވެ. އެހެންވެ ގަނޑުތައް ހަޑިވާން މެދުވެރިވާ ކުނީގެ މައްސަލައާމެދު މީހުންގެ ހޭލުންތެރި ކުރުވުމަކީ ވެސް މި އިވެންޓު ބޭއްވުމުގެ އެއް ސަބަބެވެ. އެކަމަށްޓަކައި ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން ވެސް މި އިވެންޓުގައި ބައިވެރިވާނެ އެވެ. މި އިވެންޓުގެ ސަބަބުން ޒުވާނުންނަށް ފުރުސަތުތަކެއް ހުޅުވިގެންދާނެ އެވެ.