ރާއްޖޭގެ ކައިޓް ސާފަރުން ބައިނަލްއަގްވާމީ މައިދާނުގައި ވާދަކުރާ މަންޒަރު ދެކެން ބޭނުންވާ ކަމަށް ކައިޓް ސާފިންގައި ދުނިޔޭގެ ޗެމްޕިއަންކަން ދެ ފަހަރަށް ހޯދާފައިވާ ޔޫރީ ޒޫން ބުނެފި އެވެ.
ޔޫރީ ޒޫން ވަނީ ރާއްޖޭގެ ތިން އެތުލީޓަކާއެކު ރާއްޖޭގެ ދެކުނުން އުތުރަށް ކައިޓް ސާފަރުކުރުމުގެ ހަރަކާތުގައި ބައިވެރިވެ، ބޮޑު ބައެއްގައި ކައިޓް ދުއްވާފަ އެވެ. އަދި ގިނަ ރަށްތަކަށް ޒިޔާރަތް ވެސް ކޮށްފައިވެ އެވެ. ޔޫރީއަށް ގިނަ ރަށްރަށުން ހޫނު މަރުހަބާއެއް ކިޔެ އެވެ.
ފަނަރަ ދުވަހުގެ ދަތުރަށްފަހު މިއަދު ހެނދުނު ޔޫރީ ވަނީ ރާއްޖެއިން ފުރާފަ އެވެ. ފުރުމުގެ ކުރިން ޔޫރީ ބުނީ ދިވެހި ޒުވާނުންގެ ފަރާތުން ވަރަށް އުއްމީދީ މަންޒަރުތައް ފެންނަ ކަމަށާއި އޭނާ އުއްމީދު ކުރަނީ ދިވެހި ކައިޓް ސާފަރެއް ވޯލްޑް ޗެމްޕިއަންޝިޕްގައި ނޫނީ އޮލިމްޕިކްސްގައި ބައިވެރިވުން ކަމަށެވެ.
ޔޫރީ ބުނީ ރާއްޖެއަކީ ކައިޓް ސާފުކުރުމަށް ވަރަށް ރަނގަޅު ތަނެއް ކަމަށެވެ. ކައިޓް ސާފިންގެ ކުޅިވަރު ރާއްޖޭގައި ކުރިއެރުވޭނެ ކަމަށް ވެސް ބުންޏެވެ. ޔޫރީ އިތުރަށް ބުނީ އޭނާއަށް ރާއްޖޭގެ ރީތިކަން ވަރަށް ގާތުން ފެނިއްޖެ ކަމަށާއި ރާއްޖޭގެ ރީތިކަމާއި ހިތްގައިމުކަން ދިވެހި ޒުވާނުންނަށް ވެސް އެނގެންޖެހޭ ކަމަށެވެ.
"ރާޅުގުޑި" ހަރަކާތްތަކުގައި މީގެކުރިން ވެސް ބައިވެރިވާން ރާއްޖެ ދަތުރުކޮށްފައިވާ ޔޫރީ ބުނީ މިފަހަރުގެ އިވެންޓަކީ އޭނާއަށް ވަރަށް ގިނަ އާ ތަޖުރިބާތަކެއް ކުރެވުނު އިވެންޓެއް ކަމަށެވެ. ރަށްރަށުގެ ރައްޔިތުންކީ ހޫނު މަރުހަބާއިން ވަރަށް އުފާވާ ކަމަށެވެ. އަދި ރަށްރަށުގެ ކުޑަކުދިން މިކަމަށް ދޭ ޝައުގުވެރިކަން ފެނުނުން ވެސް ހިތްހަމަޖެހޭ ކަމަށެވެ.
ރާޅުގުޑި އިވެންޓްގެ ސަބަބުން ރާއްޖޭގައި ކައިޓް ސާފިންއަށް ދިރުން ލިބިފައިވާކަން ގަބޫލު ކުރާ ކަމަށާއި މިއީ މި ކުޅިވަރު އިތުރަށް ކުރިއަރުވަން އެންމެ ރަނގަޅު ވަގުތުކަން ވެސް ޔޫރީ ފާހަގަކުރި އެވެ.
ޔޫރީ ބުނި ގޮތުގައި އޭނާ އަދިވެސް ހުރީ ރާއްޖެ އަންނަ ގޮތަށެވެ. އަންނަ އަހަރު ވެސް ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށާއި މުޅި ރާއްޖޭގައި ކައިޓް ސާފުކުރުމުގެ ވިސްނުން ވެސް އެބަހުރި ކަމަށް އޭނާ ބުންޏެވެ. އޭނާއަށް ރާއްޖެއަކީ ވަރަށް ހާއްސަ ތަނެއްކަން ތަކުރާރުކޮށް ފާހަގަކުރި އެވެ.