ހަބަރު

ހައްގު ހޯދަން ރިސޯޓް މުވައްޒަފުން ކަނޑު މަތީ އިހްތިޖާޖު ކުރަނީ

މުސާރައިގެ އެންމެ ދަށް މިންވަރު ކަނޑައަޅައިދިނުމަށާއި ރިސޯޓް މުއައްޒަފުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ގޮވާލައި ބ. އަތޮޅު ރިސޯޓްތަކުގެ މުއައްޒަފުން ކަނޑު މަތީގައި އިހްތިޖާޖެއް ފަށައިފި އެވެ.

އިހުތިޖާޖު އިންތިހާމް ކޮށްފައިވަނީ ބ. އަތޮޅު ރިސޯޓް މުއައްޒަފުންނާއި ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގުޅިގެނެވެ. މުޒާހަރާ ފަށާފައިވަނީ މިއަދު މެންދުރުފަހު 1:30 ގައި އެވެ.

ޓީމްގެ ނައިބް ރައީސް މުހައްމަދު ސޯދިގު ވިދާޅުވީ، އެއްވެސް ސަރުކާރަކުން މިހާތަނަށް މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދީފައިނުވާ ކަމަށެވެ. އެކަންކަން ސަރުކާރަށް އަޑު އިއްވުމުގެ ގޮތުން ކުރިއަށް ގެންދާ އިހުތިޖާޖެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް އެއްވެސް ސަރުކާރަކުން އަޅައެއް ނުލާ، މަސައްކަތްތެރިންގެ ހައްގާއި މިނިމަމް ވޭޖް ކަނޑައަޅައިދިނުމަށް ކޮންމެ ސަރުކާރަކުންވެސް ވައުދުވޭ، މިއަދާ ހަމައަށްވެސް އެއްވެސް ސަރުކާރަކުން އެކަން ކޮށްފައެއްނުވޭ، މިއީ ކަނޑުފެތިގެން ކުރާ މުޒާހަރާއެއް، ހަގީގަތުގައި އަޅުގަނޑުމެން މިތިބީ ކަނޑުފެތިފަ، އެހެންވެ އެއަޑު އިއްވަން ކަނޑުފެތިގެން މި މުޒާހަރާ ކުރަނީ،" ސޯދިގު ވިދާޅުވި އެވެ.

ސޯދިގު ވިދާޅުވީ، އިހުތިޖާޖުގައި ހަ ރިސޯޓަކުން 80 އަށްވުރެ ގިނަ ސްޓާފުން ބައިވެރިވެފައިވާ ކަމަށެވެ. އެގޮތުން މުޒާހަރާ ފަށާފައިވަނީ ބ. އަތޮޅު ދިގު ރަށުގައި އެއްގަމުގައި ކަމަށެވެ. އެއަށްފަހު ކަނޑުމަތީގައި އިހުތިޖާޖު ކުރާނެ ކަމަށެވެ. އިހުތިޖާޖު މިއަދު ހަވީރު 4:30 އާ ހަމައަށް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިހުތިޖާޖުގެ ބައިވެރިން ތިބީ މަސައްކަތްތެރިންގެ ހައްގު ހޯދައިދިނުމަށާއި މިނިމަމް ވޭޖް އަވަސް ކުރުމަށް ގޮވާލައިލިޔެފައިވާ ބެނާތަކެއް ހިފައިގެނެވެ.