ދުނިޔެ

އަފްޣާންގެ ނައިބު ރައީސަށް ދެވަނަ ހަމަލާއެއް ދީފި

އަފްގާންގެ ނައިބު ރައީސް އަބްދުލް ރާޝިދް ދޮސްތުމް ގެ ފުރާނައަށް އަމާޒުކޮށް ދިން ހަމަލައަކުން އެމަނިކުފާނު ސަލާމަތް ވެއްޖެ އެވެ.

އެގައުމުގެ ދެކުނުގައި ދިން މި ހަމަލާގައި އެމަނިކުފާނުގެ ބޮޑީގާޑެއް ވަނީ މަރާލާފަ އެވެ. އަދި އެއްގަޑިއިރު ވަަންދެން ދެވުނު މި ހަމަލާގައި އިތުރު ދެ ބޮޑީގާޑުންނަށް ވެސް ވަނީ އަނިޔާވެފަ އެވެ. އަމިއްލައަށް އަރުވާލެވިފައި ހުރުމަށްފަހު އަފްގާންއަށް އެންބުރި އައިފަހުން އެމަނިކުފާނުގެ ފުރާނައަށް އަމާޒުކޮށް ދެވުނު މިއީ ދެވަނަ ހަމަލާއެވެ.

ތާލިބާނުން ވަނީ މި ހަމަލާއަކީ އެ ޖަމާއަތުން ދިން ހަމަލާއެއްކަމަށް ބުނެފަ އެވެ.

ޖެނެރަލް ދޮސްތުމް އަފްގާނިސްތާނުގެ ސަރުކާރާާއި ގުޅިވަޑައިގަތީ 2014 ގައެެވެ. 2001 ވަނަ އަހަރު ތާލިބާނުން ބަލި ކުރުމުގައި އެމެރިކާއަށް އެހީތެރިވެފައިވާ ދޮސްތުމްގެ މައްޗަށް ވަނީ ޒަމާންތަކެއް ވަންދެން ދެމިގެންދާ އެގައުމުގެ ދާހިލީ ހަނގުރާމައިގައި ބޮޑެތި ޖަރީމާތަކެއް ހިންގާފައި ވާ ކަމަށް ތުހުމަތު ކޮށްފަ އެވެ.

މީގެ އަހަރެއް ކުރިން ދޮސްތުމްގެ އަމުރުގެ މަތިންބަޔަކު އޭނަގެ ސިޔާސީ ވާދަވެރިއަކު ވަގަށް ނަގައި ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރުމާ ގުޅިގެން ދޮސްތުމް ވަނީ ތުރުކީއަށް ބަދަލުވެފަ އެވެ. އަދި ދޮސްތުމް މި ތުހުމަތުތަކަށް އިންކާރުކުރަމުން ބުނަނީ އޭނަ ތުރުކީއަށް ދިޔައީ ބޭސްފަރުވާގެ ކަންތަކުގައި ކަމަށެވެ.

ޖެނެރަލް ދޮސްތުމް އެނބުރި އައުމުން އެގައުމުގެ ކަންތައް ހަލަބޮލި ވެފައިވާއިރު ޕޮލިޓިކްސް ދިރާސާކުރާ ފަރާތްތަކުން ބުނަނީ ރައީސް އަޝްރަފް ޤަނީ ދޮސްތުމް އަނބުރާގެންނެވި ސަބަބަކީ 28 ސެޕްޓެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް އުޒްބެކް ރައްޔިތުންގެ ސަޕޯޓު ހޯދުމަށް ކަމަށެވެ.