ވިޔަފާރި

ސޮނޭވާއިން ޖަޕާނުގެ މަޝްހޫރު ގަހަނާ ވިއްކަނީ

Apr 1, 2019

ސޮނޭވާއިން ރާއްޖޭގައި ހިންގާ ދެ ރިސޯޓުހައި ޖަޕާނުގެ މަޝްހޫރު ބްރޭންޑެއްގެ ގަހަނާ ވިއްކަން ފަށަން ތައްޔާރު ވެއްޖެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ މޯލްޑިވްސް އިންސައިޑާގައިވާ ގޮތުން ސޮނޭވާ ފުށީގައި ވިއްކަން ފަށަނީ، ޖަޕާނުގެ އެންމެ މަގުބޫލު އެއް ޖަވާހިރު ބްރޭންޑް ކަމަށްވާ "ކޮޑޭރާ" ބްރޭންޑުގެ ގަހަނާ އެވެ.

މި ބްރޭންޑުގެ ގަހަނާ ސޮނޭވާ ގްރޫޕުން ރާއްޖޭގައި ހިންގާ ސޮނޭވާފުށި ރިސޯޓުގައި މިހާރު ވެސް ވިއްކަން ބަހައްޓާފައިވެ އެވެ. އަދި ސޮނޭވާ ޖާނީގައި މި ގަހަނާ ވިއްކަން ފަށާނީ މި އަހަރުގެ ނޮވެމްބަރު މަހުން ފެށިގެންނެވެ.

"ކޮޑޭރާ" ގަހަނާ އަކީ ޖަޕާނުގެ މަޝްހޫރު ގަހަނާ ފަރުމާ ކުރުންތެރިއެއް ކަމަށްވާ ޓޮމޮކޯ ކޮޑޭރާ ފަރުމާ ކޮށްފައިވާ އުފެއްދުމެކެވެ. އޭނާ ފަރުމާ ކޮށްފައިވާ ގަހަނާ ބްރޭންޑަށް 1996 ވަނަ އަހަރު ޕްލެޓިނަލް ޑިޒައިން އޮފް ދި އިޔާ އެވޯޑު ވެސް ވަނީ ލިބިފަ އެވެ. މީގެ އިތުރުން ގިނަ އެވޯޑު ތަކެއް ވެސް ވަނީ އޭނާގެ ގަހަނާއަށް ލިބިފަ އެވެ.

ރިސޯޓުތަކުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ ސާމާނު ވިއްކުމަކީ ރާއްޖޭގައި ކުރާ ކަމެކެވެ. މިގޮތުން ބައެއް ރިސޯޓުތަކުގައި މަޝްހޫރު ބްރޭންޑުތަކުގެ ފިހާރަތައް ވެސް ހިންގަ އެވެ.