ހަބަރު

ކޮކޫން "ޔޫ އެންޑް މީ" ރިސޯޓް ހުޅުވައިފި

ކޮކޫން އިންވެސްޓްމަންޓުގެ ދެވަނަ ޕްރޮޕަޓީ "ޔޫ އެންޑް މީ ބައި ކޮކޫން މޯލްޑިވްސް" ރިސޯޓް ހުޅުވައިފި އެވެ.

ރ. އުތުރުމާފަރުގައި ތަރައްގީ ކުރި ޔޫ އެންޑް މީ- ބައި ކޮކޫން ކުރިން ހުޅުވަން ކުރިން ނިންމާފައި އޮތީ ޑިސެމްބަރު މަހު އެވެ. ނަމަވެސް ހުޅުވުން ލަސްވުމަށް ފަހު ރިސޯޓް މިހާރު މިވަނީ ހުޅުވާފަ އެވެ.

ރ. އުތުރުމާފަރުގައި އަލަށް ތަރައްގީ ކުރި ޔޫ އެންޑް މީ ރިސޯޓް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ ރޭ އެވެ. އެ ރިސޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

"މޯލްޑިވްސް އިންސައިޑާ" ގައިވާ ގޮތުން މި ރިސޯޓުގައި 111 ވިލާ ހުރެ އެވެ. މީގެތެރެއިން 97 ވިލާއަކީ މޫދުވިލާ އެވެ. މި ރިސޯޓުގައި މަންތާ ވިލާ އާއި ޑޮލްފިން ވިލާ ޑޮލްފިން ވިލާ ވިޕް ޕޫލްގެ އިތުރުން އަކްއާ ވިލާ އަދި ބީޗް ސުއިޓް ވިތް ޕޫލް އަދި އަކުއާ ޕޫލް ވިލާ އާއި ރިސޯޓްގެ ނަމުން ނަން ދީފައިވަނީ "ޔޫ އެންޑް މީ" ގެ ނަމުގައި ވެސް ހާއްސަ ބޮޑު ވިލާއެއް ހުރެ އެވެ.

ކޮކޫންގެ މި ރިސޯޓުގައި އެކި ގައުމުތަކުގެ ކެއުންތައް ލިބޭނެ ހަ ރެސްޓޯރެންޓެއް ހުރެ އެވެ. މި ރެސްޓޯރެންޓްތަކުން ޖަޕަނީސް އާއި އިޓަލީގެ މީރު ރަހަތައް ލިބެން ހުރެ އެވެ.

"އެޗް ޓޫ އޯ"ގެ ނަމުގައި އަންޑަ ވޯޓާ ރެސްޓޯރެންޓެއް ވެސް ހުންނަ މި ރިސޯޓުގެ އެ ރެސްޓޯރެންޓަކީ ރ. އަތޮޅުގައި ހެދި ފުރަތަމަ މޫދު އަޑީގެ ރެސްޓޯރެންޓެވެ. އެތާނގައި ތިބޭއިރު މޫދު އަޑީގެ ވަށައިގެންވާ ހިތްގައިމު މަންޒަރުތައް 360 ޑިގްރީއަށް ފެނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭންގައި 45 މިނެޓުން ދެވޭ ރާސްތާގައި ހުޅުވި ފަސްތަރީގެ މި ރިސޯޓް ފަރުމާކޮށްފައި ވަނީ ހާފް ބޯޑް އަދި ފުލް ބޯޑް އަދި ފުލް ބޯޑް ޕްލަސް ޕެކޭޖް ނަގައިގެންދާ މީހުންނަށް ވެސް ހިދުމަތް ދެވޭނެ ގޮތަކަށެވެ. މިގޮތުން ރިސޯޓަށްދާ ޓޫރިސްޓުންނަށް އަލަކާޓޭ ރެސްޓޯރެންތައް ހުރެ އެވެ. އަދި ރިސޯޓްގައި ކަރޯކޭ ލައުންޖާއި ތަފާތު ކުޅިވަރުތައް ކުޅެވޭނެ ވަސީލަތް ގާއިމްކޮށްފައި ވެއެވެ.

ކޮކޫންގެ ފުރަތަމަ އިންވެސްޓްމަންޓުގެ ގޮތުގައި ރިސޯޓެއް ހުޅުވީ 2017 ވަނަ އަހަރު އެވެ. ޅ. އަތޮޅުގައި ހުޅުވި މި ރެސްޓޯރެންޓުގައި 150 ވިލާ ހުރެ އެވެ.

މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން ރާއްޖޭގައި ހުޅުވިގެންދިޔަ ފަސް ވަނަ ރިސޯޓެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ، މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު މުޅިން އާ 10 ރިސޯޓަށް އޮޕަރޭޓިން ލައިސަންސް ދޫ ކޮށްފައިވާ ކަމަށެވެ. އެ 10 ރިސޯޓާއެކު ޖުމްލަ 1410 އެނދު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރުވެގެން ދާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.