(27 މާރިޗު 2019 އާ ގުޅޭ)
"މުޅިން ފޫހިވެއްޖެ ދޯ" މަންހާ ކޮޓަރިތެރެއަށް ވަންނަމުން ޖެނީއަށް ބުނެލިއެވެ. އޭނަގެ ފަހަތުން ވިޝާލްވެސް ވަނެވެ.
"ނޫނޭ، މަންކޮގެ ތިއްތޭއަކީ ހަމަ ގުޑް ކޮމްޕެނީއެއް، އަހަރެން ފޫހިވިޔަކަ ނުދޭ" ޖެނީ ހިނިތުންވެލަމުން ބުނެލިއެވެ.
ރޭގަނޑުގެ ނުވައެއްޖެހިއިރުވެސް އެއްވެސް ދަރިއެއްގެ ހަބަރެއްނުވެގެން ވަސީމާ ޝަރަފްގެ ކޮޓަރީގައި ޓަކިދިނެވެ. މިރޭ ނުކާ ރެއަކީތޯ ސުވާލުކުރިއެވެ. ނާޒިޔާގެ ފޯނެއް އައިވާހަކަވެސް ބުންޏެވެ. ޖެނީ އާއި ވިޝާލް ގޭގައި ނެތުމުން އެކަނިވެގެން އުޅޭވާހަކަ ބުންޏެވެ. އެކަމަކު ވަސީމާ އެކުދިންނަށް ކާންނުދީ ފޮނުވާލާކަށް ގަސްދެއްނުކުރިއެވެ. އެންމެފަހުން ކަންތައްވީވެސް އެހެންނެވެ. ވިޝާލް ވަކިވެގެން ދިޔައީ މަންހާއަށް ގުޅާނަން ކަމުގައި ބުނަމުންނެވެ. ޖެނީ އާއި ޝަރަފްގެ މެދުގައި ބަދަލުކޮއްލެވުނީ ލުއި ހިނިތުންވުމެކެވެ. އެކަމަކު އެހިނިތުންވުމަށް ބަސްމޮށުންތެރިކަން ލިބިފައިވާކަހަލައެވެ.
"ޝިމާދުނެތީމަ ހާދަ ފަޅުހެން ހީވެޔޭ، ހިތަށް އަރާ އެކުއްޖާ އަވަހަށް އަންނާނެ ނަމައޭ" ނިދަން އޮށޯވެލައިގެން އޮތް ވަސީމާބުނެލިއެވެ.
"ހެ ހެ ހެ.........އެއީ އެވަރު ކަމެއްނޫން، އެހެންވާނެ، އެހާގާތްކޮށް ކައިރީގައި އުޅެފަ ދުރަށް ދިޔައީމަ ބައްޕަޔަށް ވުރެ ކުދިންގެ މައިމީހާގެ ހިތަށް އަސަރުކުރާނެ، އަނެއްކާ ކުރިން ދަރިފުޅުގެ މައްޗަށް ބަސްބުނާނެ ހަމައެކަނި ފަރާތަކީ އަހަރުމެން، އެކަމަކު ދެން ޖޫންއަކީވެސް ޝިމާދުގެ އެއްބައި، އޭނަގެ ނިންމުންތަކަށް އަހަރުމެންވެސް ގަދަރު ކުރަންޖެހޭނެ، އެދެކުދިންގެ ދިރިއުޅުން ބައްޓަން ކުރާނެ ގޮތް އެނގޭނީ ހަމައެދެކުދިންނަށް، ގޯސްމަގަކުން ދަނީނަމަ އަހަރުމެން އެކަމަށް އެއްޗެއް ބުނާނީ، އަހަރެން ހަނދާން އެބަހުރި، ކޮންމެ ދަރިއަކު ރާއްޖޭން ބޭރަށް ކިޔަވަން ދިއުމުން ވަސީ ވަރަށް ދެރަވެގެން އުޅެމެންނު، އެކަމަކު އެދުވަސްވެސް އެދިޔައީނު، މިހާރު އަހަރުމެންގެ ހުރިހާ ކުދިން ބޮޑެތިވެއްޖެ........އަހަރެން ވަސީދެކެ ވަރަށް ލޯބިވޭ، އިނގޭތަ، އެފަދަ ކިޔަމަންތެރި މޮޅު، މުޖުތަމަޢަށް ފައިދާކުރުވަނިވި ދަރިންތަކެއް ބޮޑުކުރުމުގައި އަހަރެންދެކެނީ އެއީ ވަސީގެ މިންނަތް މަސައްކަތްކަމުގައި، އެކުދިންގެ ގާތުގައި އަހަރެން ބޭނުންވާވަރަށް ވަގުތު ހޭދަނުކުރެވުނު ކަމުގައިވިޔަސް އެކުދިން އަހަރެންނަށް ކުރާ ގަދަރު ކުޑަކޮށްވެސް އުނިވިޔަނުދޭ، އެއީ ހަމަ ވަސީގެ ތަރުބިއްޔަތު........." ސަޢީދު ބަލަމުންދިޔަ ލިޔުންތައް އެނދުކައިރީ ހުރި ކުޑަ ކަބަޑުގެ މަތީ ބަހައްޓާލަމުން ވަސީމާގެ ގާތުގައި އޮށޯވެ އޭނަގެ އަތުގެތެރެއަށް ވަސީމާ ލަމުން ވާހަކަދެއްކިއެވެ.
މަންހާ ނިދަން އޮށޯތީ ހެނދުނުން އޮފީހަށް ދިއުމަށް ލާނެ ހެދުމާއި ބޭނުންކުރާނެ ގަހާނާއަކަށްދަންދެން ތައްޔާރުކޮއްފައެވެ. ވިޝާލް ގުޅާނަމޭ ބުނެފައިވިއެއްކަމަކު އޭނަ އެކަމެއް ހަނދާނެއްނެތެވެ. އެނދުގައި އޮށޯވެ ނިދީގެ އަރާމުކަން ލިބިގަތުމަށް ތައްޔާރުވިއެވެ. ބަރުކަން އިހުސާސްކުރެވިފައިވާ އެސްފިޔަތަކާއިއެކު މަންހާގެ ދެލޯ މަޑުމަޑުން މެރެމުންދިޔައެވެ. އެއާއިކު އެފުރިހަމަ ޒުވާނާގެ ތަސްވީރު ކުލަފޮޓައެއްހެން ލޯކުރިމަތީ ކުރެހެންފެށިއެވެ. މަންހާގެ ތުންފަތަށް ވަރުބަލިކަން އެކުލެވިފައިވި ލުއި ހިނިތުންވުމެއްވެސް ވެރިކުރުވަމުންދިޔައެވެ. އިޙްތިޔާރަކާއި ނުލާ އެދިމާލަށް އަތްދިއްކޮއްލެވުނީ އެޒުވާނާގެ ގާތުގައި އެއަތުގައި ހިފާދޭށޭ ބުނާފަދަ ގޮތަކަށެވެ. ލޮލުގެ ކުރިމަތީގައި ވީކަމުގައިވިޔަސް ތިބާވަނީ މިހިތުގެތެރޭ ފޮރުވާފައޭ ބުނަން މަންހާ އަނގަހުޅުވާލިއެވެ. އެކަމަކު ދުލެއް ހަރަކާތެއް ނުކުރިއެވެ. އެއަށްވުރެ ނިދިވަނީ އޭނަގެ ހަށިގަނޑަށް ވެރިވެގަނެފައެވެ. ބާލީސް ކައިރީގައި އޮތް ފޯނު އޭރު ރިންގުވަމުންދިޔައެވެ.
"ހެލޯ، ނުނިދިގެންދޯ ތިއުޅެނީ، އަހަރެން މަތިން ހަނދާންވާތިތަ؟" ޖެނީ އޭނަގެ ފޯނު ނުނަގަން ހުރެފަވެސް ނަގާ ހެލޯއޭ ބުނެލުމާއިއެކު އަނެއްކޮޅުން ވާހަކަދެއްކި ޒުވާނާ ބުނެލިއެވެ.
"ކާކު" ޖެނީއަށް އަހާލެވުނެވެ.
"އަހަރެން، ދެން އެހެން ކާކު، އަހަރެން ނޫނީ ޖެނީ އާއިމެދު ވިސްނާ އެހެން ފަރާތެއްނެތެއްނު، ނުބުންޏަސް އަހަންނަށް އެނގޭ ޖެނީ އަހަރެންގެ މަތިން ހަނދާންވެ ނުނިދިފަކަން ތިއޮތީ؟" ޝަރަފް ބުނެލިއެވެ.
"އޯ.....ޝަރަފް..........ކިހިނެތް ނަންބަރު ލިބުނީ؟ މިގަޑީގަ ކިހިނެތްވީ ތިގުޅީ" ޖެނީއަށް ޝަރަފްކަން އެނގުމުން އުފާވިއެވެ. އެކަމަކު އެކަން ފާޅުނުކުރުމަށް ޝަރަފްއާއި ސުވާލުކޮއްލިއެވެ. ހަގީގަތުގައި ޝަރަފް އެބުނީ ތެދެކެވެ. އޭނަ ނުނިދިފައި އޮތީ ހަމް ޝަރަފްގެ މަތިން ހަނދާންވާތިއެވެ.
"މަންކޮ ފޯނުން" ޝަރަފް ލާނެތްގޮތަކަށް ހީލަމުން ބުނެލިއެވެ.
"ޝަރަފް އަހަރެންމަތިން ހަނދާންވާތިތަ ތިގުޅީ" ޖެނީ އަހާލިއެވެ.
"އާ.......ޔަގީން ނުވަނީތަ، އަހަރެންނަށް ހީވަނީ..............ނޫން، ނޫން، ހީވަނީއޭ ބުނުމުން އޭރުން ގޯސްކޮށް ކަންނޭގެ މިބުނެވެނީ، އަހަންނަށް ޔަގީން އަހަންނަށް ޖެނީދެކެ ލޯބިވެވިއްޖެކަން............އެހެންނޫންނަމަ ޖެނީ މަތިން މިވަރަށް އަހަރެން ހަނދާނެއްނުވާނެ، އައި އެމް މިސިންގ ޔޫ އަލޮޓް.........ހިތަށް ވިސްނާދޭނެ ގޮތެއް ނޭގުނު، މިދެމެދުގައިވާ ދުރުމިން ކައިރި ކުރުމަށްޓަކައި ފޯނުގެ އެހީ އަހަރެންނަށް ހިޔާރުކުރަން ޖެހުނީ، މިހާރު އަހަންނަށް ޖެނީގެ އަޑުއަހާލެވޭނެއެއްނު، މިވަގުތަށް އެވަރުން ފުދޭ......." ޝަރަފްބުނެލިއެވެ. ގިނަ ވާހަކަދެއްކީ ޝަރަފްއެވެ. ދޭތެރެއަކުން އެއްޗެއް ޖެނީ ބުނެލިއެއްކަމަކު ގިނަފަހަރަށް ޝަރަފް އެއްޗެއް ބުނެލުމާއިއެކު ހީލާއަޑުއިވޭނެއެވެ.
އާދުވަހަކަށް އިރުގެ ދޯދިތައް ދުނިޔެމައްޗަށް ފެތުރެމުންދިޔައިރު މަންހާ މަގެއް ހިފައިގެން ބެލްކަނީގައި މަޑުކޮއްލައިގެން ހުއްޓެވެ. ދުނިޔެމައްޗަށް ވެރިފެވައިވާ ފިނިކަމުގައި ކުޑަހޫނުކަމެއް ހަރުލަމުންދިޔައިރު އެގުދުރަތީ ހިތްގައިމުކަމުން މަންހާ އުފާލިބިގަންނަމުންދިޔައެވެ. މަޑު މަޑުން ބޮލުގައި ޖަހާފައިވާ ދަތިނައްޓާލުމާއިއެކު ލައިގެން ހުރި ޓީޝާރޓުކޮޅުގެ ތިރީ ކައިރީގައި ހަރުކޮއްލިއެވެ. މަންހާގެ ދިގުއިސްތަށިގަނޑު އޭނަގެ އަތުން ކުޑަކުޑަކޮށް ނިއުޅާލިއެވެ. ފެންވަރައިގެން ނުކުމެ އިސްތަށިގަނޑު ތެތްކޮށްހުއްޓައި ހުޅިއެއް ގޮތަށް އޮޅާލާފައި ދަތިޖެހުމުގެ ސަބަބުން އިސްތަށިގަނޑު އަދިވެސް އޮތީ ތެތްކޮށެވެ. އަތުން ވިހުރުވާލާ އިސްތަށިތައް ވަކިވަކި ކޮއްލަން މަންހާ މަސައްކަތް ކުރަމުން ދިޔައީ އޮފީހަށް ދިއުމުގެ ކުރިން އިސްތަށިގަނޑު ގުދުރަތީ ވައިގެ ތެރޭ ހިތްކާލުމުގެ ބޭނުމުގައެވެ.
އެހެން ދުވަސް ދުވަހާއި ހިލާފަށް މަންހާ ކުރިން އޮފީހަށް ދިޔައެވެ. އެހެނީ ދާއިން އޮފީހަށް ވަނުމުގެ ކުރިން ކުރަންޖެހޭ ބައެއްކަންތައްތައް ހުރުމުންނެވެ. އޭނަގެ އަތުގައި އޮފީހުގެ ތަޅުދަނޑިނެތުމުން އެންމެފަހުން ޖެހުނީ ކާއިލްއަށް ގުޅަންށެވެ. ވިޝާލްގެ ކާރު އިރުކޮޅަކު މަޑުކޮއްލައިގެން ތިބީ ކާއިލް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އެހެން ތިބިއިރު ވިޝާލް ކާއިލްއާއި ބެހޭގޮތުން އޮޅުންފިލުވިއެވެ. ކުރިން މަންހާ ކާއިލްގެ ވާހަކައެއް ނުދައްކައެވެ. އެހެންނޫނަސް އޮފީހުގައި ވާކަންތައްތަކުގެ ވާހަކަ މަންހާ ދައްކައެއްނޫޅެއެވެ. ވިޝާލް އަހާލުމުން ނޫނީ އޮފީހުގެ ވާހަކައެއް ނުބުނާނެއެވެ.
ޕާކިން ޒޯންގައި ކާރު ޕާކުކޮއްލާފައި އޮފީހާއި ދިމާލަށް ހިނގައިގަތް ކާއިލް ގިނައިރުތަކެއްނުވެ މަންހާމެންނަށް އޭނަ ފެނުނެވެ. އޭނަ ފެނުމާއިއެކު މަންހާ ކާރުން ފޭބިއެވެ. ކާއިލްއަށް މަންހާ ފެނުމާއިއެކު ހިނިއައިސްފައި އަތުން ހަނާއަޅާލިއެވެ. އަދި ހިނގުން އަވަސްކޮއްލިހެން ހީވިއެވެ. ކާރުގައި ވިޝާލް އިންއިރު އޭނައިނީ ކާއިލްގެ ހަރަކާތްތަކަށް ވަރަށް ފަރުވާވެ ބަލަންށެވެ.
ސިލުއެޓް ކަޅުއައިނެއް އަޅާލާފައިވާއިރު އޭނަގެ ފަންއިސްތަށިގަނޑުވަނީ ތަތްކޮއްލާފައެވެ. ހުދުގަމީހަކާއި ކަޅުފަޓުލޫނަށް އިތުރު ފުރިހަމަކަމެއް ކަރުގައި އަޅާފައިވާ ޑިޒައިން ޓައީ ގެނެސްދެއެވެ. ވިޝާލްގެ ހިތަށް ކާއިލްގެ ޒުވާންކަމާއި ޖޯޝު އުނދަގޫކުރިއެވެ. މަންހާ އާއި ގާތްވުމާއިއެކު އޭނަ މަންހާގެ އަތުގައި އޮތް ފޮށިގަނޑު އުފުލާދިނުމުގައި އެހީތެރިވެދިނެވެ. އަދި މަންހާއަށް ބަލާލާގޮތާއި އޭނަގެ އަތުގައި ހިފާލާގޮތުން ވިޝާލްގެ ހިތްއަވަސްވާގޮތްވިއެވެ. ކާއިލް އާއިމެދު އެއްވެސް ކަމަކާއިނުލާ ހިތްހަމަ ނުޖެހެވުނެވެ. މަންހާ އާއި އެހާގާތްގޮތެއް އެހެން ފިރިހެނަކު ބެހެއްޓުމުން އެކަން ތަޙައްމަލު ކުރަން ވިޝާލްއަށް އުނދަގޫވަނީއެވެ. އޭނަ ކާރު ދުއްވާލީ މަންހާ އޮފީސް ހިންގާ އިމާރާތުގެ ތެރެއަށް ވަނުމުންނެވެ.
"ތޭންކްސް ކާއިލް" މަންހާ އަވަސް އަވަހަށް ޝުކުރުއަދާކުރިއެވެ.
"ބާބީ ވިއްޔަ، އަހަރެން އަންނާނެ އެއްނު، މީދެން އެވަރު ކަމެއްނޫނެއްނު" ކާއިލް އޭނަގެ ކޮނޑުން މަންހާގެ ކޮނޑުގައި ޖައްސާލަމުން ބުނެލިއެވެ.
"ދިސް މީންސް އަލޮޓް ޓުމީ، އެހެން ނޫނަސް ކިތަންމެ ކުޑަކަމެއްވިޔަސް ޝުކުރުއަދާކުރަންޖެހޭނެ، އިޓްސް މައިވޭ......." މަންހާވެސް ކާއިލް ހަދާލިގޮތަށް ކޮނޑުޖައްސާލަމުން ބުނެލިއެވެ.
"ބުނާނެ ބޮއީ ފުރެންޑެއް ނުހުރެއޭ، ދެން އެއީ ކާކު، ހާދަ ސްމާޓޭ...........އަނެއްކާ ބޭބެތަ؟" ކާއިލް މަންހާ އާއިއެކު ލިފްޓަށް އަރަމުން ބުނެލިއެވެ.
"އަހަރެން ދޮގެއް ނުހަދަމޭ، އެއީ އަހަރެންގެ ބޯއީ ފުރެންޑެއް ނޫނޭ، ހީސް ޖަސްޓް އަ ފުރެންޑު........ލައިކް ފެމިލީ" މަންހާ ހިނިތުންވެލަމުން ވާހަކަދެއްކިއެވެ.
"ބޮސް ކައިރީ ބުނަންވީ ދޯ ބާބީއަށް ތަޅުދަނޑިއެއް ދޭށޭ........އާފްޓަރ އޯލް ތީ ބޮސްގެ ޕީއޭ ވިއްޔަ، މީދެން ކޮންހާ އެއްޗިއްސެއްތަ........މިއޮށް ހެނދުނާ ތީ ކޮން މާބޮނޑިއެއް" ކާއިލް މަންހާ ގެނައި އެއްޗިއްސާއިމެދު ސުވާލުކޮއްލިއެވެ.
"ކުޑަ ޗޭންޖެއް ބޮސްގެ އޮފީހަށް ގެންނަންވެގެން، މިހާރު އެތަނެކޭ ޑެޑް ޕްލޭސް އެކޭ އެއްގޮތް......ކޮންމެވެސް ލައިވްނެސްއެއް ހުންނަންވާނެއެއްނު، އެއީ ދާންގެ ކެބިންހެން ހީވޭތަ........" މަންހާ ބުނެލިއެވެ.
"އޯ.........މިހާރު ބޮސް ދާންއަށްވެސް ބަދަލުވީތަ، އަދި ދުވަހަކުވެސް ބޮސްގެ ވައިފް ނޫން މީހަކު އެނަމުން މުޙާތަބު ކުރާއަޑެއް ނާހަން، ހައު ވެލް ޔޫ ނޯހިމް" ކާއިލްއަށް އަހާލެވުނެވެ.
"އައި.........އައި ޑޯންޓް ނޯ ހިމް...........ދާން.........އަހަރެންގެ ފުރެންޑެއްވެސް ހުންނާނެ ދާއިން ކިޔާ، އޭނައަށް ކިޔަނީ ދާން ކުރުކޮއްލާފަ، އެހެންވެ އެހެން ކިޔުނީ، ބޮސް އާއި ބެހޭގޮތުން އެއްވެސް އެއްޗެއް އެނގިގެނެއްނޫން........" މަންހާ ހާސްވިއެވެ. އޭނަގެ ހިތުގައި ވާއެއްޗެއް ދުލުން ބޭރުވުމީ އޭނަ ބޭނުންވާގޮތެއް ނޫނެވެ. ހުދު ދާއިންއަށްވެސް އޭނަގެ ހިތުގައިވާއެއްޗެއް ހާމަކޮށް އެދުލުން ބުނާކަށް ބޭނުމެއްނޫނެވެ. އެކަމަކު އެލޯތްބަށް އެދެވެއެވެ. ދާއިންއަށް އެދެވެއެވެ.
"އެހެންތަ..........އަހަރެން މަންހާއަށް އެހީތެރިވެދޭނަން، އެންމެ ރަނގަޅުތަ؟" ކާއިލްއަށް މަންހާގެ ޖަވާބު އަޑުއިވިފައި އެކަމާ މާބޮޑު ސަމާލުކަމެއްނުދިނެވެ. އޭނައަށް ހީވި ހީވުން ގޯސްވެއްޖެކަން އެނގުމުންނެވެ.
އޮފީހުގެ ފުރަތަމަ ލައިޓު ޖައްސާލުމާއިއެކު އޭސީތައްވެސް މަންހާ ޖައްސާލިއެވެ. އަދި ދާއިންގެ ކެބިންނާއި ދިމާލަށް ހިނގައިގަތުމުން އޭނަގެ ފަހަތުން ހުރެ ކާއިލްވެސް ހިނގައިގަތެވެ. މަންހާ ކެބިންގެ ތެރެވެސް އަލިކޮއްލިއެވެ. އެއާއިއެކު ކާއިލް ހިފަހައްޓައިގެން ހުރި ފޮށިބަހައްޓާނެ ދިމާލެއް ދައްކާލިއެވެ. ދެން އޭނަ ހިނގައިގަތީ އެކެބިންގެ ތެރޭގައި ބްލައިންޑްސްއިން ނިވާ ކުރެވިފައިވާ ކުޑަދޮރާއިދިމާލަށެވެ. މަންހާ އެއްފަރާތުގައި އެލިފައި އޮތް ވާފަށަށް ދަމަމުން ދިޔަވަރަކަށް ބިއްލޫރީގެ ބޮޑު ދޮރެއް ހާމަވަމުންދިޔައެވެ. އަދި ދުނިޔެމައްޗަށް ވެރިވެފައިވާ އަލިކަން ދޮރުގައިވާ ސާފުހުދު ބިއްލޫރުގަނޑުން ކެބިންގެ ތެރެއަށް އެޅި އަލިކުރަމުންދިޔައެވެ. އެއަލިކަމުންވެސް ހިތަށް ހަމަޖެހުން އިޙްސާސްކުރުވިއެވެ.
"ވާވު.....ބާބީ ބުނީ ހަމަ ތެދެއް، މިހާރުވެސް މިކެބިންގަ ދިރުމެއްވާކަމުގެ އިޙުސާސް ކުރެވެން ފަށައިފި، ބާބީ ކަހަލަ ޕީއޭ އެއް ބޮސްއަށް އަސްލު ބޭނުންވަނީ، ދުވަސް ކޮޅަކުން ބޮސް ހެއްވާލާނެ ކަންނޭގެ.........." ކާއިލް ސަމާސާ ރާގަކަށް ބުނެލިއެވެ.
"ބޮސް މިހާރުވެސް ހީލައޭ، މީހަކު ހެއްވާލާކަށް ނުޖެހޭނެއެއްނު، ދެން އެއްޗެކޭ ކިޔަން ދޯ ތިއުޅެނީ" މަންހާ އޭނަގެ އަތުގައި އޮތްދަބަސް އެއްފަރާތުގައި ހުރި ކަބަޑެއްގެ މަތީ ބަހައްޓަމުން ބުނެލިއެވެ.
"ނޫނޭ، މަންހާ އަދި އާވީމަ ނުފެންނަނީ ކަންނޭގެ، ދާއިންއަކީ މިހާރު ކުރީގެ ދާއިންއެއްނޫން، މިހާރު ވަރަށް ތަފާތު، ކުރީގަހެން ހީސަމާސާ ކޮށެއް ނޫޅޭ، އަބަދުވެސް މޫނުމަތިން ފެންނާނީ މާޔޫސްކަން، މިއޮފީހުގަ އުޅޭ ގިނަ މުވައްޒަފުންނަށް އެކަން އެނގޭނެ" ކާއިލް މަންހާ ގެނައި ކަރުދާސް ފޮށީގެ މަތިގަނޑުނަގާ ދުރުގައި ބާއްވާލަމުން ބުނެލިއެވެ.
"ކާއިލް ތިހާ ކޮންސާންވަނީ ކީއްވެތަ؟ އަޑުއިވިފަ އޮތްގޮތުގަ ތީބޮސްގެ ރައިޓްހޭންޑް" މަންހާ ކާއިލްގެ ވާހަކައިގެ ތެރެއަށް ނުވަދެވޭތޯ މަސައްކަތްކުރިއެވެ. އަދި ނޫސްކަރުދާސް އޮޅާލެވިފައިވާ މާތަށް އެއްއަތުން ހިފަހައްޓާލަމުން ފޮށިގަނޑު ތެރޭގައި އޮތް ހަތަރެސްކަން ދިގު ބިއްލޫރި ވާސްނެގިއެވެ.
"ބާބީ ކައިރީ ސިއްރެއް ބުނަންތަ؟" ކާއިލް މަންހާގެ ހަރަކާތްތަކަށް ބަލަމުން ވާހަކަދެއްކިއެވެ.
"ހާމަކުރުމުން އެކަކަށްވެސް ގެއްލުމެއް ނުލިބޭވަރުގެ ސިއްރެއް ވިއްޔާ ކިޔާދިނަސް އެންމެ ރަނގަޅު" މަންހާ ބިއްލޫރި ވާސްގެ ތެރެއަށް ހުދުކުލައިގެ ޑޭޒީ އާއި ރަތްފިނިފެންމާތަށް ރީތިގޮތަކަށް އަތުރަން ހުރެ ބުނެލިއެވެ.
"ހެ ހެ ހެ..........އައި ލައިކް ޔޫ ބާބީ.........." ކާއިލް ފިރިހެންވަންތަ ކަމުން ފުރިގެންވާ ހުނުމަކާއިއެކު ބުނެލިއެވެ.
"އެއީތަ ސިއްރަކީ........." މަންހާވެސް ލޯބިގޮތަކަށް ހަމައެކަނި ބޯއެއްފަރަތާކަށް އަރިކޮއްލަމުން ބަލާލިއެވެ.
"ގޯޑް........ޔޫ އަރ ސޯ ބިއުޓިފުލް، އެކަމަކު އެއެއްވެސް ނޫން ބުނަން މިއުޅޭ ވާހަކައަކީ، އަސްލު ދާއިން އަކީ އަހަރެންގެ އަންކަލްއެއް، ތިމާގެ މީހެއް، މިއޮފީހުގަ އުޅޭ ބައެއްމީހުން އެހެންވެ ކަންނޭގެ އަހަރެންދެކެ އެހާ ހިތްހަމަ ނުޖެހިގެން އުޅެނީ ދާއިން އަހަރެން އެހާ ގާތްކޮއްގެން އުޅޭތީ، އޮފީސްތެރޭ ބޮސްކިޔަނީވެސް އެހެންވެ، އަހަރެންމީ ދާއިންގެ ތިމާގެ ކުއްޖެކޭ ކިޔާފަ ވަކި ސްޕެޝަލްއެއް ނުވާނެދޯ، އައި ލައިކް ޓުބީ މީ.......ބާބީކައިރީ މިވާހަކަ މިބުނީ އެހެންމީހެއްގެ ފަރާތުން މިކަން އެނގެން ބޭނުންނުވާތީ" ކާއިލްގެ ވާހަކައިގައި ތަފާތު އިޙްސާސްތަކެއް އެކުލެވިފައިވާހެން މަންހާއަށް ހީވިއެވެ.
"ބޮސް އާއި ކާއިލްއަކީ އަހަންނަށް ތަފާތު ދެމީހުން، ބޮސްގެ ސިފަތަކާއި ކާއިލްގެ ސިފަތަކާއި އުޅުންވެސް މުޅިން ތަފާތު، އެމީހުން ކިޔާހާ އެއްޗަކަށް ވިސްނާނެކަމެއްނެތް، ބީ ޔޯރ ސެލްފް، އައި ލައިކް އިޓް........." މަންހާ އޭނަ ކުރަން ހުރި ކަންތައްތައް ނިމުމާއިއެކު އެހެންކަމަކަށް މަސްޢޫލުވިއެވެ.
ދާއިން އޮފީހުގެ ތެރެއަށް ވަދެގެން އައިއިރު ހުރިހާ މުވައްޒަފުން އޮފީހުގައި ހަމަވެއްޖެއެވެ. އޭނަގެ ކެބިންނާއި ދިމާލަށް ދިއުމާއިއެކު ކާއިލް މަންހާއަށް ފޯނުން ގުޅާލަމުން އަންގާލިއެވެ. މަންހާ އަވަސް އަވަހަށް ލައިގެން ހުރި ޓޮޕްކޮޅަށް ދަމާލަމުން އިސްތަށިގަނޑު ރީތިކޮއްލަމުން ވަތްގަނޑުގައި ބާއްވާފައި އޮންނަ ލޯގަނޑުކޮޅު ނަގާ މޫނު ބަލާލިއެވެ. ދާއިން އަރާ ހަމަވުމާއިއެމު ހެނދުނުގެ ސަލާމުން މުހާތަބުކޮއްލިއެވެ. އަދި ދާއިން ބުނުމުގެ ކުރިން މިއަދު މަންހާ އޭނަގެ ފަހަތުން ކެބިންއަށް ވަނުމަށް ހިނގައިގަތެވެ.
ދާއިންއަށް ކެބިންގެ ދޮރު ހުޅުވާލާފައި މަޑުޖެހެވުނެވެ. އޭނަގެ ފަހަތުގައި ހުރި މަންހާއަށްވެސް ހުއްޓުންއެރިއެވެ. ދާއިން ބުނާނެ އެއްޗެކަށް މަންހާ އިންތިޒާރު ކުރަމުންދިޔައެވެ. އެހެންނަމަވެސް ވަކިއެއްޗެއް ނުބުނެ އިރުކޮޅަކު މަޑުކޮއްލުމަށްފަހު ދާއިން އޮފީހުގެ ތެރެއަށްވަދެ އޭނަގެ މޭޒުދޮށުގައި އިށީނެވެ.
"ކާކު މިހުރިހާކަމެއް ކުރީ" ދާއިން ގޮނޑީގައި ހަމަޖެހިލެވުމާއިއެކު ސުވާލުކުރިއެވެ. އޭނަ ސުވާލު ކުރިގޮތުން މަންހާއަށް ހީވީ އޭނައިނީ ހިތްހަމަނުޖެހިފަހެންނެވެ.
"ސަރ، އަޅުގަނޑު........" މަންހާ ފިނިވެފައިހުރެ ބުނެލިއެވެ.
ދާއިން އޭނަގެ އޮފީހަށް އައިސްފައިވާ ބަދަލާއި ގުޅިގެން އިތުރު އެއްވެސް ސުވާލެއް ނުކުރިއެވެ. އަދި ދުވަސް ރޭވިފައިވާ ގޮތާއިމެދު ވާހަކަދެއްކިއެވެ. މަންހާ ދަތުރު ކިހިނެތްތޯ އަހާލަމުން ދާއިންގެ ތާވަލުކިޔާލަދިނެވެ. އަދި މިއަދަށް ޚާއްސަކުރެވިފައިވާ މުހިއްމު ލިޔުންތައް ދާއިންގެ މޭޒުމަތީގައި ހުރި އިންޓްރޭގެ ތެރެއިން ދައްކާލިއެވެ. ދާއިން ދިއުމުގެ ހުއްދަ ދިނުމާއިއެކު މަންހާ އެކެބިންއިން ނުކުތެވެ. އޭރު ކާއިލް އޭނަގެ މޭޒުކައިރީ މަޑުކޮއްލައިގެން އިނެވެ.
"ސޯ.........." މަންހާ ނިކުތްތަން ފެނުމާއިއެކު ކާއިލް އަހާލިއެވެ.
"ފެއިލް.........." މަންހާ އަތުގެ ބޮޑުވައި އިނގިލިން ތިރިއަށް އިޝާރާތްކޮއްލަމުން ބުނެލިއެވެ.
"ވަޓް، ހީ ޝުޑް އެޕްރިޝިއޭޓް........" ކާއިލް މޫނު ހަދާލަމުން ބުނެލިއެވެ.
މަންހާ ދާއިންގެ ކެބިންއިން ނުކުތުމާއިއެކު އޭނަގެ އަތުގައި ހުރި ގަނޑުތަކަށް ދެވިފައިވާ ސަމާލުކަން އެކެބިންގެ ތެރެއަށް ދެވުނެވެ. އޭނައަށްވެސް މަންހާގެ ހުނަރުހުރިކަން ފާހަކަކުރެވުނެވެ. ދާއިން މަޑުމަޑުން ގޮނޑިން ތެދުވެގެންގޮސް ދެޖީބަށް އަތްޖަހާލަމުން ހާމަކޮއްލެވިފައިވާ ބިއްލޫރި ދޮރުގެ ކުރިމަތީ މަޑުކޮއްލިއެވެ. ހަގީގަތުގައި އޭނަގެ ހިތް މިފަދަ ހިތްހަމަޖެހުމަކަށް ބޭނުންވެއެވެ. އެކަމަކު އެހިތްހަމަޖެހުމުގައި އުފަލެއްކޮބާހެއްޔެވެ. ދާއިން އޭނަގެ ދެލޯމަރާލިއެވެ. އޭނަ މަންހާގެ މަސައްކަތަށް ޝުކުރުއަދާކުރަންޖެހޭނެއެވެ. އެކަމަކު ހިތްއެކަމާއި އެއްބަހެއްނުވިއެވެ. އޭނަގެ ކުރީގެ ކެބިން އޭނަގެ ދިރުއުޅުމާއި މާގުޅެއެވެ. މިފަދަ އުޖާލާކަމާއި އަލިކަމުން ފުރިގެންވި މާހައުލަކުން އޭނަގެ ހިތަށް އިތުރު ހިތްދަތިކަމެއް ނޫނީ ނުގެނެސްދެއެވެ. ކުރީގަ އޭނަގެ ހަޔާތުގައިވެސް އަލިކަން ނޫނީ ނުވެއެވެ. އެކަމަކު މިއަދު އެހުރިހާ އަލިކަމެއް ފަނޑުވެގެންގޮސްފިއެވެ. ދާއިން ލޯހުޅުވާލުމަށްފަހު އެއްފަރާތެއްގައި ބަހައްޓާފައި ހުރި ބިއްލޫރިވާސްގެ ކައިރިއަށް ދިޔައެވެ. އަދި އޭގައިވާ މާތަކުގައި މަޑުމަޑުން އަތްޖައްސާލިއެވެ. އަދިވެސް ވަރަށް ތާޒާއެވެ.
"ހާއި........" މަންހާ މަސައްކަތުގައި މަސްޢޫލުވެ އުޅެނިކޮށް މޭޒުގެ ކައިރިއަށް މީހަކު އައިސް ހުއްޓުމުން ބަލާލިއެވެ.
"ދާއިން އާއި ބައްދަލުކޮއްލަން މިއައީ" މަންހާގެ ކުރިމަތީ ހުރި މީހާބުނެލިއެވެ. މަންހާއަށް އޭނަ އެއްފަހަރު ފެނިފައި ހުރިވައްތަރު ޖެހިއެވެ. އެއީ ނޫރާ އާއިއެކު ޓްރޭނިންގައި އުޅުނު ފުރަތަމަ ހަފްތާގެ ތެރޭގައެވެ. އެކަމަކު އެއްގޮތަކަށްވެސް ކިޔާނަމެއް މަންހާ ހަނދާނެއްނެތެވެ. މަންހާ އޭނަގެ ކުރިމަތީ ހުރި ގޮނޑި ދައްކާލަމުން މަޑުކޮއްލުމަށްއެދުނެވެ.
(ނުނިމޭ)