ރިޕޯޓް

އުންމީދުގެ ސަހަރުން ނާއުންމީދުގެ މަންޒަރު!

މާލެ ފުރި، މީހުންނާއި އުޅަނދު ތަކާއިގެން ބަންޑުންވެއްޖެ އެވެ. މަގުތައް މި އޮތީ ތޮއްޖެހިފަ އެވެ. ފަސޭހައަށް ހޯދި އެއްގަމު އުޅަނދުތައް ގިނަ ކަމުން އެވެސް އާއްމު އުނދަގުލަކަށް ވެއްޖެ އެވެ. އެހެންވެ، ވެރި ރަށުގައި ދިރިއުޅޭ މީހުންގެ އުންމީދަކީ އާ ސަހަރު ހުޅުމާލެ އެވެ. ނުވަތަ "ސިޓީ އޮފް ހޯޕް" އެވެ. ހުޅުމާލެގައި މީހުން އާބާދުވިތާ ބާރަ އަހަރު ވެގެންދާއިރު، އެ ރަށަށް ބޮޑު ބަދަލުތަކެއް އަތުވެއްޖެ އެވެ. ހުޅުމާލޭގެ އާބާދީ ދަނީ ބާރަށް އިތުރު ވަމުންނެވެ. ކުރިން ބޮޑު ޖާގައެއް އޮތް ކަމަށް ހީކުރި "ބޮޑު ހުޅުމާލެ" ކުޑަ ވެއްޖެ އެވެ. މީހުން ގިނަވެ ޕާކު ކުރަން ކުރިން އޮތް ޖާގަ ކުޑަ ވެއްޖެ އެވެ. މިއާއެކު ސިޓީ އޮފް ހޯޕުން ނާއުންމީދީ މަންޒަރުތައް ފެންނަން ފަށައިފި އެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟

އެޗްޑީސީގެ ހިސާބުތައް ދައްކާ ގޮތުގައި ހުޅުމާލޭގެ މިހާރުގެ އާބާދީ ބައިލައްކަ އެވެ. އެ ރަށުގައި ބައި ލައްކަ މީހުން އެބަ ދިރިއުޅެ އެވެ. މިހާރު ދަތުރުފަތުރުގެ ވައްޓަފާޅި އޮންނަ ގޮތުން ކޮންމެ އާއިލާއެއްގައި ސައިކަލެއް ގެންގުޅެ އެވެ. އަދި މަސައްކަތެއް ކުރާ، ކިރިޔާ ވެސް އާމްދަނީއެއް ލިބޭ މީހެއްނަމަ ދަރަންޏަށް ފައިސާ ދައްކާ ހަލާސް ކުރާ އުސޫލުން ސައިކަލް ހޯދަ އެވެ. އަދި ކިރިޔާ ތަނަވަސް ކަމެއް ލިބޭއިރަށް ޕްރައިވެޓް ކާރެއް ނޫނީ ދެ ކާރު ނަގާނެ އެވެ. މިކަން މަޖުބޫރުވާ މައިގަނޑު ސަބަބަކީ ރާއްޖޭގައި އެފިޝެންޓް ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް ނެތުމެވެ.

ހުޅުމާލޭގައި ދިރިއުޅޭ 50،000 މީހުންގެ އާބާދީ އަށް ލަފާކޮށްލައި ބަލާލާނަމަ ގާތްގަނޑަކަށް 20،000 ސައިކަލް ހަމައެކަނި އެ ރަށުގައި ގެންގުޅޭނެ އެވެ. ހަގީގީ މައްސަލައަކީ މިއެވެ. މާލެއަށް ވެސް މިހާރު ކުރިމަތިވެފައިވަނީ މި މައްސަލަ އެވެ. މާލޭގައި 6،000 ކާރާއި ލައްކަ އަކަށް ވުރެ ގިނަ ސައިކަލް ދުއްވާއިރު، ޕާކު ކުރެވޭނެ ގޮތެއް ނެތެވެ. ހުޅުމާލޭގައި ބޮޑު ޖާގަ އޮތްއިރު، ޕާކިން މައްސަލަ ބޮޑު މައްސަލައެއްގެ ގޮތުގުގައި ފާހަގަވެ އެވެ.

ގިނަ އުޅަނދުތައް މަގުމަތީގައި

މައިގަނޑު މައްސަލަ ފެށެނީ މި ހިސާބުންނެވެ. ހުޅުމާލޭގައި މި ފަހުން ހެދި ބޮޑު އިމާރާތްތަކަށް ބަލާއިރު ޕާކު ކުރެވޭނެ ގޮތެއް ނެތެވެ. ބައެއް އިމާރާތްތަކުގައި ކާރު ޕާކު ކުރެވޭނެ ގޮތް ހުއްޓަސް އިމާރާތަކުގައި ދިރިއުޅޭ މީހުން ދުއްވާ ސައިކަލްތައް ހުންނަނީ މަގުމަތީގަ އެވެ.

ފަހުން ހެދި އެންމެ ބޮޑު އެއް އިމާރާތަކީ "އަމީން އެވެނިއު" އެވެ. މި ތަނުގައި 260 އަށް ވުރެ ގިނަ އެޕާޓްމަންޓު ހުރެ އެވެ. އަދި މިތަނުގައި މިހާރު އެތައް ހާސް ބަޔަކު ދިރިއުޅެ އެވެ. މި ހުރިހާ އެންމެންގެ އުޅަނދުތައް ޕާކު ކުރަނީ މަގުމަތީގަ އެވެ. އަދި މިހާރު އިމާރާތް ކުރަމުންދާ ގިނަ ތަންތަނަަށް ނިމުމުން މި މައްސަލަ އިތުރަށް ބޮޑު ވެގެންދާނެ ކަމަށް ބެލެވެ އެވެ.

ހުޅުމާލޭގައި މިހާރު އެންމެ ހަލުވިކޮށް ކުރި އަށް ދަނީ ސިފައިންނާއި ފުލުހުންގެ ފްލެޓް ތަކެވެ. މި ފްލެޓުތަކުގެ ޖުމްލަ އަދަދު 700 އަށް ވުރެ އިތުރުވެ އެވެ. މި ފްލެޓުތައް މި އަހަރު ނިމޭއިރު ގާތްގަނޑަކަށް 2،800 މީހުން މި ތަނަނަށް ދިރިއުޅޭނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

ދެވަނަ ފިޔަވަހީގައި އަޅާ 7،000 ފްލެޓުގެ ކޮޓަރިތައް، ތިން ކޮޓަރިއަށް ކުޑަކޮށްލި ނަމަވެސް އެތަނުގެ 3،588 ފްލެޓުގައި 34،400 މީހުން ދިރިއުޅޭނެ އެވެ. މި ފްލެޓުތައް ވެސް މި އަހަރު ނިމޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. މި އަދަދު ތަކަށް ބަލާއިރު އަހަރު ނިމޭއިރު ހުޅުމާލޭގެ އާބާދީ އެއް ލައްކަ ފަހަނަ އަޅައިދާނެ އެވެ.

ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގެ ބޮޑު ކުންފުންޏެއްގެ އިސް ވެރިއަކު ވިދާޅުވި ގޮތުގައި ބޮޑެތި އިމާރާތްތައް ހަދާއިރު އެ އިމާރާތަށް ވަންނަ މީހުންގެ އުޅަނދުތައް ޕާކު ކުރެވޭނެ ނިޒާމެއް ނުހޯދިއްޖެނަމަ މުސްތަގުބަލުގައި ބޮޑު މައްސަލައެއް ކުރިމަތިވާނެ ކަމަށެވެ.

"ބޮޑެތި އިމާރާތްތަށް މިހާރު ވެސް ދަނީ ހަދަމުން. އެކަމަކު އެ އިމާރާތްތަކުގެ ތިރީގައި މި ހުންނަނީ ފިހާރަ. މިއީ ބޮޑު މައްސަލައެއް. ކޮންމެ އިމާރާތެއްގައި އުޅޭ މީހުން ދުއްވާ ވެހިކަލް މި ހުންނަނީ މަގުމަތީގައި ބަހައްޓާފަ. މިކަން އެބަޖެހޭ ހައްލު ކުރަން. އެހެންނޫނީ ހަމަ މާލެއަށް ދިމާވި މައްސަލަ ހުޅުމާލެއަށް ވެސް ނުކުންނާނެ،" އޭނާ ވިދާޅުވި އެވެ.

ބޮޑެތި އިމާރާތްތަށް މިހާރު ވެސް ދަނީ ހަދަމުން. އެކަމަކު އެ އިމާރާތްތަކުގެ ތިރީގައި މި ހުންނަނީ ފިހާރަ. މިއީ ބޮޑު މައްސަލައެއް. ކޮންމެ އިމާރާތެއްގައި އުޅޭ މީހުން ދުއްވާ ވެހިކަލް މި ހުންނަނީ މަގުމަތީގައި ބަހައްޓާފަ. މިކަން އެބަޖެހޭ ހައްލު ކުރަން. އެހެންނޫނީ ހަމަ މާލެ އަށް ދިމާވި މައްސަލަ ހުޅުމާލެއަށް ވެސް ނުކުންނާނެ
ކޮންސްޓްރަކްޝަން ކުންފުންޏެއްގެ ވެރިއެއް

ޕާކިން މައްސަލަ ހުޅުމާލޭގައި އިތުރަށް ބޮޑުވެެގެން ދާނެ އަނެއް ސަބަބަކީ ހުޅުލެ- މާލެ ބްރިޖުން ގުޅައިލުމެވެ. ޕާކިން މައްސަލަ ބޮޑުވަމުންދާތީ އެޗްޑީސީ އިން މިހާރު ވަނީ ހުޅުމާލޭގައި އުޅަނދު ފަހަރު ރަޖިސްޓްރީ ކުރުން މެދުކަނޑާލާފަ އެވެ.

ހުޅުޅާލެ ތަރައްގީ ކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި، މިހާރުގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި އަމިއްލަ ފަރާތްތަކުން ހަދާ އިމާރާތްތަކުގައި ވެސް ޕާކިން ހުންނަން ޖެހެ އެވެ.

"ފުރަތަމަ ސްޓޭޖުގައި ރަނގަޅަށް އެކަން ބެލެހެއްޓި، އެޑްރެސް ކުރެވިފައި އެބަހުރި. އެ ފްލެޓުތަކުގައި ހުންނާނެ ކޮންމެ ތިން ބެޑްރޫމްގެ އެޕާޓްމަންޓަކަށް ކާރު ޕާކިންއެއް ހުންނަން ޖެހޭނެ ކަމަށް. އޭގެ އިތުރަށް ސައިކަލް ޕާކިން ވެސް ހުންނަން ޖެހޭނެ ކަމަށް،" ސުހައިލް ވިދާޅުވި އެވެ.

މާސްޓަ ފްލޭނާ ކުޅުން

ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ހުޅުމާލެ ހިއްކައި ތަރައްގީ ކުރީ މާސްޓަ ފްލޭންއަކާއެކު އެވެ. އިމާރާތް ކުރެވޭނެ ވަކި އުސް މިނެއް ކަނޑައަޅައިގެނެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ ހުޅުމާލެ މާސްޓަ ފްލޭން އަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. އޭރު ހަތަރު ބުރިއަށް ހުރި އިމާރާތްތައް އުސް ކުރުމަށް ފުރުސަތު ދީފަ އެވެ.

ސުހައިލް ވިދާޅުވި ގޮތުގައި، އޭނާ އެޗްޑީސީގެ އެމްޑީގެ މަގާމުން ރައީސް ޔާމީންގެ ވެރިކަމުގައި ވަކިވި ފަހުން މާސްޓަ ޕްލޭނާ "ކުޅުމަކީ" މިހާރު ކުރިމަތިވެފަިއވާ މައްސަލަތައް ފެށުމުގެ އެއް ސަބަބެވެ.

"މިތަނަކީ 2001 އިން ފެށިގެން މާސްޓަ ޕްލޭންއެއްގެ ދަށުން ކުރިއަށް ދާ ތަނެއް. ނަމަވެސް ކުރީގެ [ރައީސް ޔާމީން] ގެ ވެރިކަމުގައި ވަނީ މާސްޓަ ޕްލޭން ބަދަލުކޮށްފަ. ފުރަތަމަ ފިޔަވަހީ ހަދާފައިވަނީ 60،000 މީހުންގެ އާބާދީ އަކަށް. އެކަމަކު މިހާރު މިވަނީ އެ އާބާދީ 80،000 އަށް އިތުރުވެފަ. އާބާދީ ކޮންޓްރޯލް ކުރަނީ ހައުސިން ޔުނިޓް ކޮންޓްރޯލް ކޮށްގެން. އިމާރާތެއް ހަތަރު ބުރި އަށް ހެދީމަ އެނގޭ، އެތަނުގައި އުޅޭނީ ހަތަރު އާއިލާ ކަން. އެހެން ހުރި ތަންތަން ހަ ބުރިއަށް ހެދީމަ 50 ޕަސެންޓް އިތުރުވީ އާބާދީ ވެސް،" ސުހައިލް ވިދާޅުވި އެވެ.

ހުޅުމާލެއަކީ 2001 އިން ފެށިގެން މާސްޓަ ޕްލޭންއެއްގެ ދަށުން ކުރިއަށް ދާ ތަނެއް. އެކަމަކު ކުރީގެ ވެރިކަމުގައި ވަނީ މާސްޓަ ޕްލޭން ބަދަލުކޮށްފަ. ފުރަތަމަ ފިޔަވަހީ ހަދާފައިވަނީ 60،000 މީހުންގެ އާބާދީ އަކަށް. އެކަމަކު މިހާރު މިވަނީ އެ އާބާދީ 80،000 އަށް އިތުރުވެފަ.
ސުހައިލް އަހުމަދު | އެޗްޑީސީގެ އެމްޑީ

ސުވާލަކީ ހުޅުމާލޭގެ ޓްރެފިކް މައްސަލަ ގޯހުން ގޯހަށް ދިއުމުގެ ކުރިން ރަނގަޅު ކުރެވިދާނެ ހެއްޔެވެ؟ އެކަމަށް އެޗްޑީސީއިން މިހާރު ވަނީ ފިޔަވަޅު އަޅަން ފަށާފަ އެވެ. އެގޮތުން އެޅި ފުރަތަމަ ފިޔަވަޅީ ބްރިޖު ހުޅުވުމާއެކު ހުޅުމާލޭގައި މާލޭގައި އުޅަނދު ރަޖިސްޓްރީކޮށްދިނުން ހުއްޓާލުމެވެ. އަދި ކާރު ޕާކު ކުރަން އެޗްޑީސީން ދަނީ އިލެކްޓްރޯނިކް ޕާކިން ސިސްޓަމް ވެސް ބަހައްޓަމުންނެވެ.

ސުހައިލް ވިދާޅުވި ގޮތުގައި ޕާކު ކުރަން ފީއެއް ނަގައިގެން ނަމަވެސް މަގުމަތީގައި އުޅަނދުތައް ބެހެއްޓުން ހުއްޓުވުމަކީ އަމާޒެކެވެ.

ހުޅުމާލޭގެ އާބާދީ ވާނީ އިތުރެވެ. މިހާރު ހަދަމުންދާ ގިނަ ލަގްޒަރީ އެޕާޓްމަންޓްތަކާއި މެދުފަންތީގެ ފްލެޓްތައް ނިމުމުން ގިނަ ބަޔަކު އަނެއްކާވެސް ހުޅުމާލެއަށް ހިޖުރަކުރާނެ އެވެ. އެހެންވެ މިހާރު ވިސްނަންޖެހޭ އެއް ކަމަކީ އެ ރަށުގެ ޓްރެފިކް މައިތިރި ކުރާނެ ގޮތެއް ހޯދާށެވެ. އެހެންނޫންނަމަ ދެވަނަ މާލެއަށް ހުޅުމާލެ ވުމުގެ ފުރުސަތު އޮންނާނެ އެވެ.