ހަބަރު

"ކޯލިޝަނުން ވަތްކެއް ނުވޭ، ގޮތެއް ހޯދީ މަޖުބޫރު ވެގެން"

ސަރުކާރު ކޯލިޝަނުން ޖޭޕީ ވަކި ނުވާ ކަމަށާއި ނަމަވެސް ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބަށް އެހެން ގޮތެއް ހޯދަން ޖެހުނީ މަޖުބޫރު ވެގެން ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބުގައި ޕާޓީތަކުން ވަކިވަކިން ވާދަ ކުރާ އިރު ޖޭޕީން ވަނީ އިދިކޮޅު ޕީޕީއެމް / ޕީއެންސީއާއެކު ކޯލިޝަނެއް ހަދައި އެކަން ހާމަކޮށްފަ އެވެ. އެކަމާ ގުޅިގެން އެ ޕާޓީއަށް ފާޑު ކިޔާ ފަރާތްތަކުން އަންނަނީ ޖޭޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ސިފަ ކުރަމުންނެވެ.

އަމީން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖޭޕީ އަދިވެސް އޮތީ ކޯލިޝަންގައި ކަމަށާއި ކުރިޔަށް އޮތްތާނގައި އޮންނާނީ ވެސް ކޯލިޝަންގައި ކަމަށެވެ. އެމްޑީޕީގެ އިސް ވެރިން ސޮއި ކޮށްފައިވާ ކޯލިޝަން އެއްބަސްވުމާ އެ ޕާޓީން ހިލާފުވުމުން އެ އިންތިހާބަށް ޖޭޕީން އެހެން ގޮތެއް ހޯދަން މަޖުބޫރުވީ ކަމަށާއި އޭގެ އަސަރު ފޮނި ނުވެދާނެ ކަން ޖޭޕީގެ ލީޑަރު ވެސް ގަބޫލު ކުރައްވާ ކަމަށް އަމީން ވިދާޅުވި އެވެ.

"މަޖިލިސް އިންތިހާބުގައި ޖޭޕީގެ ސްޓޭންޑާ މެދު ސުވާލު އުފައްދަވާ ބޭފުޅުން ތި އުފައްދަވަނީ ޖަވާބު ނޭނގޭ ސުވާލެއްތޯ. އަމިއްލަފުޅު ޒަމީރާ ތި ސުވާލުކޮށްލައްވާ،" އަމީން ވިދާޅުވި އެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވެވަޑައިގަންނަވާ ވައުދުތަކަކީ ކޯލިޝަން ސަރުކާރުގެ ވައުދުތައް ކަމަށާއި އެއީ މަޖިލިސް އިންތިހާބާ ގުޅިގެން ވަކި ޕާޓީއަކުން ވާ ވައުދުތަކެއް ނޫން ކަމަށް އަމީން ވިދާޅުވި އެވެ. އެހެންކަމުން އެ ވައުދުތައް ފުއްދުމަށް ކޯލިޝަންގެ ލީޑަރު ދެމިތިއްބަވާނެ ކަމަށާއި ވަކި ވައުދުތަކެއް ފުއްދަން ކޯލިޝަންގެ ވަކި ޕާޓީއެއްގެ ކެންޑިޑޭޓަކު ހޮވާކަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބުގައި ކެމްޕެއިން ކުރިޔަށް ދާއިރު ހޫނު ހަމަލާތައް ބަދަލު ކުރަމުން އަންނަނީ އެމްޑީޕީ އާއި ޖޭޕީގެ ދެމެދުގަ އެވެ. ކޯލިޝަންގެ އެންމެ ބޮޑު ދެ ޕާޓީގެ ދެމެދުގައި މައްސަލަތައް ޖެހިފައިވާ އިރު ރައީސް ސޯލިހު ވަޑައިގަންނަވާ މިހާތަނަށް ކެމްޕެއިންކޮށްދީފައި ވަނީ ވެސް ހަމައެކަނި އެމްޑީޕީ ކެންޑިޑޭޓުންނަށެވެ.