ހަބަރު

ކޯލިޝަންގެ އެއްބަސްވުން: އެމްޑީޕީއަށް 35 ދާއިރާ، ޖޭޕީއަށް 22

އިދިކޮޅު ހަތަރު ލީޑަރުން ގުޅިގެން ރިޔާސީ އިންތިހާބަށް ވާދަކޮށް ސަރުކާރެއް އެކުލަވާލުމުގައި އަމަލު ކުރާނެ ގޮތާ ގުޅޭ ގޮތުން އެކުލަވާލި ސިއްރު އެއްބަސްވުން، "އަވަސް"އަށް ލިބިއްޖެ އެވެ.

ހަތަރު ލީޑަރުންނާއި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ވަކިވަކިން ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން 12 ޖުލައި 2018 ގައި ބޭއްވި "18-19" ކޮމިޓީގެ 20 ވަނަ ބައްދަލުވުމުގައި ހަތަރު ޕާޓީ އިން ވަނީ ރިޔާސީ އިންތިހާބުގައި ނެރޭނެ ކެންޑިޑޭޓާއި، ރައްޔިތުންގެ މަޖިލިސް ރައީސް އާއި ނައިބު ރައީސް އަދި ސަރުކާރު ބަހާނެ ގޮތްތަކާ މެދު އެއްބަސްވެފަ އެވެ. މީގެ އިތުރުން ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބަށް އެކުގައި ވާދަކުރުމާއި ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އެކުގައި ވާދަކުުރާނެ އުސޫލު އެ އެއްބަސްވުމުގައި ވަނީ ބަޔާންކޮށްފަ އެވެ.

އެ އެއްބަސްވުމުގައިވާ ގޮތުން ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި އިއްތިހާދުގެ ބައިވެރިން ހިއްސާވާ ހަމައަކީ އެމްޑީޕީއަށް 40 ޕަސަންޓު، ޖުމްހޫރީ ޕާޓީއަށް 25 ޕަސަންޓު، އަދާލަތު ޕާޓީއަށް 15 ޕަސަންޓު އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް 20 ޕަސަންޓެވެ. ހުރިހާ ވުޒާރާތަކާއި ރައިސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މަގާމްތަކާއި ރުހުންދޭ އެންމެހާ މަގާމްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން އައްޔަން ކުރުމުގައި ވެސް އަމަލު ކުރާނީ އެ ހަމައަށެވެ. އޭގެ އިތުރުން އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބާއި 2020 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ޕާޓީތަކުން ވާދަކުރާނެ ދާއިރާތައް ބަހާނީ އެގޮތުގެ މަތިން ކަމަށް އެއްބަސްވުމުގައި ބުނެފައިވެ އެވެ.

އެހެންކަމުން އެއްބަސްވުމާ އޮތް ހަމައަށް ޕާޓީތަކުން އަމަލު ކުރާ ނަމަ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި އެމްޑީޕީ ވާދަ ކުރާނީ 35 ދާއިރާއަށެވެ. އަދި ޖުމްހޫރީ ޕާޓީ ވާދަ ކުރާނީ 22 ދާއިރާއަށެވެ. އަދާލަތު ޕާޓީއަށް 13 ދާއިރާ ލިބޭއިރު މައުމޫންއަށް ލިބޭނީ 17 ދާއިރާ އެވެ.

ޕާޓީތަކުން ވެފައިވާ އެއްބަސްވުމުގައި އިތުރަށް ބުނެފައި ވަނީ މަޖިލިސް ރައީސްއަކަށް ހުންނަވާނީ ޖުމްހޫރީ ޕާޓީ އިން ކަނޑައަޅާ މެންބަރެއް ކަމަށެވެ. އަދި ނައިބު ރައީސްއަކަށް ހުންނަވާނީ ރައީސް މައުމޫން ކަނޑައަޅާ މެންބަރެއް ކަމަށް އެއްބަސްވުމުގައި ބުނެފައިވެ އެވެ. ނަމަވެސް މިހާރު މަޖިލީހުގެ ނައިބު ރައީސްއަކީ ކުރިން ވެސް އެ މަގާމުގައި ހުންނެވި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކެވެ. އެނގިފައިވާ ގޮތުގައި މަޝްވަރާތަކަށް ފަހު ރައީސް މައުމޫން ވަނީ
އެކަން ދޫކޮށްލައްވާފަ އެވެ.

ކޯލިޝަން އެ އެއްބަސްވުން ހަތަރު ޕާޓީއަށް ވަނީ ފޮނުވައިފަ އެވެ. އެގޮތުން އެ ޕާޓީތަކުގެ އިސް ފަރާތްތަކުން ވަނީ ކޯލިޝަން އެއްބަސްވުމުގައި ސޮއިކޮށް، އެގޮތަށް ކުރިޔަށް ދިޔުމަށް އެއްބަސްވެފަ އެވެ.

ނަމަވެސް "އަވަސް"އަށް ކަށަވަރުވެފައިވާ ގޮތުގައި މަޖިލިސް އިންތިހާބުގައި އެމްޑީޕީ އިން ވާދަ ކުރާނެ ކަމަށް ބުނެ ކޯލިޝަން ޕާޓްނަރުންނާ އިއްޔެ ހިއްސާކޮށްފައިވާ ލިޔުމުގައި ވަނީ ކޯލިޝަނުން ކުރިން އެއްބަސްވި ގޮތާ ހިލާފަށް، ގިނަ ދާއިރާތަކަށް ވާދަ ކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެގޮތުން އެމްޑީޕީ އިން ޖުމުލަ 61 ދާއިރާއަކަށް ވާދަ ކުރަން ހުށަހެޅި އިރު އެ ދާއިރާތަކުގެ ތެރެއިން 20 ދާއިރާއެއްގައި އިއްތިހާދުގެ އެހީތެރިކަން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ. އެމްޑީޕީ އިން ވާދަ ނުކޮށް އެހެން ޕާޓީތަކަށް ދޫކޮށްލަނީ 20 ދާއިރާ ކަމަށް އެ ޕާޓީ އިން ހުށަހެޅި ލިޔުމުގައި ބުނެފައިވެ އެވެ.

އެމްޑީޕީ އިން ކުރިން ބުނެފައި ވަނީ އެ ޕާޓީ އިން ވާދަ ކުރާނެ ދާއިރާތައް މިއަދު އިއުލާން ކުރާނެ ކަމަށެވެ. ނަމަވެސް ފަހުން ވަނީ ވާދަ ކުރާނެ ދާއިރާތަކާ ބެހޭ ގޮތުން ގައުމީ މަޖިލީހުން ކަނޑައަޅާ ގޮތަކަށް ކުރިޔަށް ދިޔުމަށް ނިންމައިފަ އެވެ. އެހެންކަމުން މިރޭ ބޭއްވޭ ގައުމީ މަޖިލީހުގައި އެ ޕާޓީ އިން ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނެތޯ
ނުވަތަ ނޫންތޯ އެނގޭނެ އެވެ.