މަޖިލިސް އިންތިހާބު 2019

އެމްޑީޕީ ނޫން ޕާޓީތައް ވާދަކުރާނީ އެއްބަސްވުމާ އެއްގޮތަށް

މަޖިލިސް އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއެކު ކޯލިޝަންގެ ލީޑަރުން ވަކިވަކިން އެއްބަސްވެފައިވާ ގޮތަށް އަމަލު ކުރުމަށް އެމްޑީޕީ ފިޔަވާ ހުރިހާ ޕާޓީތަކުން ނިންމައިފި އެވެ.

އެ އެއްބަސްވުމުގައިވާ ގޮތުން ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި އިއްތިހާދުގެ ބައިވެރިން ހިއްސާވާ ހަމައަކީ އެމްޑީޕީއަށް 40 ޕަސަންޓު، ޖުމްހޫރީ ޕާޓީއަށް 25 ޕަސަންޓު، އަދާލަތު ޕާޓީއަށް 15 ޕަސަންޓު އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް 20 ޕަސަންޓެވެ. މިނިސްޓްރީތަކަށް މީހުން އައްޔަން ކުރުމާއި ސިޔާސީ އެހެން މަގާމުތައް އަދި ކުންފުނިތަކުގެ ބޯޑް ހަމަޖެއްސުމުގައި ވެސް އެ ހަމަޔަށް އަމަލުކުރުމަށް ވަނީ އެއްބަސްވެފަ އެވެ. އޭގެ އިތުރުން އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބާއި 2020 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ޕާޓީތަކުން ވާދަކުރާނެ ދާއިރާތައް ބަހާނީ އެގޮތުގެ މަތިން ކަމަށް ވަނީ އެއްބަސްވެފަ އެވެ.

އެހެންކަމުން އެއްބަސްވުމާ އޮތް ހަމައަށް ޕާޓީތަކުން އަމަލު ކުރާ ނަމަ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި އެމްޑީޕީ ވާދަ ކުރާނީ 35 ދާއިރާއަށެވެ. އަދި ޖުމްހޫރީ ޕާޓީ ވާދަ ކުރާނީ 22 ދާއިރާއަށެވެ. އަދާލަތު ޕާޓީއަށް 13 ދާއިރާ ލިބޭއިރު މައުމޫންއަށް ލިބޭނީ 17 ދާއިރާ އެވެ.

އެހެން ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަކުން ވަނީ އެ އެއްބަސްވުން އެގޮތަށް އޮތްކަމުގައިވީނަމަވެސް 87 ދާއިރާއަށް ވާދަކުރަން ނިންމާފަ އެވެ. އަދި އެމްޑިޕީން ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކޯލިޝަން ލީޑަރުންނާއެކު ވަކިވަކިން ވެފައިވާ އެއްބަސްވުމެއް އޮތްކަމާ މެދު ދެކޮޅު ހަދައިފަ އެވެ.

ޖުމްހޫރީޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ކިނބިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒު "އަވަސް" އަށް ވިދާޅުވީ، ޖުމްހޫރީޕާޓީން ރައީސް ސޯލިހު އާއި މަޝްވަރާކުރުމަށްފަހު މަޖިލިސް އިންތިހާބުގައި ވާދަކުރުމުގައި އަމަލު ކުރާނީ ކޯލިޝަނުން ހަދާފައިވާ އެއްބަސްވުމާ އެއް ގޮތަށް ކަމަށެވެ. އެގޮތުން އެއްބަސްވުމުގައިވާ ގޮތަށް އެޕާޓީން މަޖިލިސް އިންތިހާބުގައި ވާދަކުރާނީ 22 ދާއިރާއަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް، މައުމޫންގެ ރިފޯމް މޫވްމަންޓްއިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ، ރައީސް މައުމޫންވެސް ބޭނުންފުޅުވަނީ، ރައީސް އިބޫއާއެކު މަޝްވަރާކުރަން ކަމަށާއި، މަޝްވަރާ ކުރުމަށްފަހު އެއްބަސްވެފައިވާ ގޮޮތަށް 17 ދާއިރާއަށް އެމްއާރުއެމްއިން ވާދަކުރާނެ ކަމަށެވެ.

މީގެ އިތުރުން އަދާލަތު ޕާޓީންވެސް ވަނީ އެއްބަސްވުމާއި އެއްގޮތަށް 13 ދާއިރާއަށް ވާދަކުރާނެކަން އިއުލާންކޮށްފަ އެވެ. އެމްޑީޕީން މަޖިލީހުގެ ހުރިހާ ދާއިރާއެއް ކަމަށްވާ، 87 ދާއިރާއަށް ވާދަކުރަން ނިންމާފައިވާއިރު، އެކަމުގެ ސަބަބުން ކޯލިޝަންގެ އެތެރޭގައި މައްސަަލަތަކެއް އުފެދިގެން އަންނާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ. އެއްބަސްވުމާ އެއްގޮތަށް އަމަލުކުރާ ނަމަ، އެމްޑީޕީއިން ވާދަކުރަން ޖެހޭނީ 35 އަށެވެ.