އަންނަ މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުންވެފައިވާ އެއްބަސްވުމާ ހިލާފަށް، އެމްޑީޕީ އިން ހުރިހާ ދާއިރާއަކަށް ވާދަ ކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ހުށަހެޅުވީ މަޖިލީސް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް، 87 ދާއިރާއަށް ވާދަ ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުުރުމަށެވެ. އެ ހުށަހެޅުމަށް ވޯޓްގައި ބައިވެރިވެ ވަޑައިގަތް 80 މެންބަރުންގެ ތެރެއިން 72 މެންބަރުން ވަނީ ތާއީދު ކުރައްވައިފަ އެވެ.
ހުރިހާ ދާއިރާއަކަށް ވާދަ ކުރުމަށް ގައުމީ މަޖިލީހުން ފާސްކޮށްފައިވަ އިރު އެ ޕާޓީގެ ގިނަ މެންބަރުން ވެސް ވަނީ އެކަމަށް ތާއީދު ކުރައްވާ ވާހަކަދައްކަވައިފަ އެވެ. އެގޮތުން ބައެއް މެންބަރުން ވިދާޅުވީ އެމްޑީޕީއަށް އެންމެ ދާއިރާއަކަށް ވެސް ވާދަ ނުކުރެވުމަކީ އެ ޕާޓީއަށް ތާއީދު ކުރާ އެތަށް ބައެއްގެ ހައްގުތަކަކަށް އަރައިގަތުން ކަމަށެވެ. އަދި ޕާޓީތަކުން އެމްޑީޕީއަށް އެންމެ 35 ދާއިރާ ދޭން ނިންމުމަކީ ހަދާ ވަރަށް ބޮޑު ގޯހެއް ކަމަށާއި އެގޮތަށް އެއްބަހެއް ނުވެވޭނެ ކަމަށް މެންބަރުން ވިދާޅުވި އެވެ.
ނަމަވެސް ކޯލިޝަން ސަރުކާރަކާއެކު އައުމަށް ފަހު ކޯލިޝަން ދަމަހައްޓަން ޖެހޭ ކަމަށް ވެސް ބައެއް މެންބަރުން ދެކެ އެވެ. އެމްޑީޕީ އިން އިތުރު ގޮނޑިތަކަށް ވެސް ވާދަ ކުރަން ބޭނުން ނަމަ މިއަދުން މިއަދަށް ގޮތެއް ނުނިންމަވާ، އެ ހިޔާލުތައް ހިފައިގެން ޕާޓީތަކުގެ ކަައިރިއަށް އަލުން ދިޔުމަށް ބައެއް މެންބަރުން ހުށަހެޅި އެވެ. އަދި ޕާޓީތަކާއެކު އާ އެއްބަސްވުމެއް އެކުލަވާލާ އެމްޑީޕީއަށް ވެސް ގިނަ ދާއިރާތަކަށް ވާދަ ކުރެވޭ ގޮތަށް އެދުމަށް ބައެއް މެންބަރުން އެދުނެވެ. ނަަމަވެސް އެގޮތަށް ހަދާއިރު ކޯލިޝަނަށް އެއްވެސް ބުރުލެއް އެރިއަ ދީގެން ނުވާނެ ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފް އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއި ކުރައްވާފައިވާ އެއްބަސްވުމުގައިވާ ގޮތުން އެމްޑީޕީ އިން މަޖިލިސް އިންތިހާބާއި އެއަށް ފަހު އޮޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ވާދަ ކުރާނީ 35 ދާއިރާއަށެވެ. އަދި ޖުމްހޫރީ ޕާޓީއަށް 22 ދާއިރާ ދޭން އެއްބަސްވި އިރު އެމްއާރްއެމްއަށް 20 އަދި އަދާލަތަށް 13 ދާއިރާ ދިނުމަށް ވަނީ އެއްބަސްވެފަ އެވެ.
އެ އެއްބަސްވުމާ ހިލާފަށް އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަ ކުރަން ފާސް ކުރި އިރު އެއީ ޖުމްހޫރީ ޕާޓީއާ އެމްއާރްއެމް އަދި އަދާލަތުން ބޭނުންވާ ގޮތެއް ނޫން ކަމަށާއި ކޯލިޝަންގެ މަސްލަހަތު ހުރި ގޮތެއް ނޫން ކަމަށް މިރޭ ވާހަކަދެއްކެވި ބައެއް މެންބަރުން ވިދާޅުވި އެވެ.
ރައްޔިތުން މަޖިލީހުގެ އިންތިހާބު އޮންނާނީ އަންނަ އަހަރު މާޗު މަހުގަ އެވެ.