ހަބަރު

ކޯލިޝަނެއް މިހާރަކު ނުފެނޭ: ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެންނަން ހެދި ކޯލިޝަން މިހާރު ނުފެންނަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ކޯލިޝަންގެ އެންމެ ބޮޑު ޕާޓީގެ އެމްޑީޕީގެ ރައީސް ނަޝީދު މިހެން ވިދާޅުވީ ތުޅާދޫ ދާއިރާއަށް ވާދަ ކުރައްވާ ވަކީލް ހިސާން ހުސެއިންގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު މިރޭ ވަނީ ވަނީ މިހާރު ރައްޔިތުންގެ މަޖިލީހުގައި ހިންގާ ކަންކަމާމެދު ވަރަށް ބޮޑަށް ނުރުހުންފާޅު ކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.

ކޮރަޕްޝަނާއި މަރުތަކުގެ ހަގީގަތް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ދެ ކޮމިޝަނަށް ބާރު ދޭ ބިލް މަޖިލީހުން ފާސް ނުވެ އެތައް ދުވަހެއް ވަނީ ވެފަ އެވެ. އެކަމަށް މަޖިލީހުގެ ކޯރަމް ހަމަނުވާއިރު ޖުމްހޫރީ ޕާޓީގެ ބައެއް މެންބަރުން މަޖިލީހަށް ވަޑައިނުގަންނަވަ އެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވަނީ އެ ބިލް ފާސްކުރުން މަޑުޖައްސާލައި އެޖެންޑާއިން ނަންގަވާފަ އެވެ. އެގޮތަށް އަމަލު ކުރެއްވީ އެ ރިޕޯޓާ ގުޅޭ ގޮތުން ކޮމެޓީގެ ބައެއް މެންބަރުން ޝަކުވާ ހުށަހަޅާފައިވާ ކަމަށް ވިދާޅުވެ އެވެ.

ތުޅާދޫގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިހާބަށް ނުކުންނަމުން ކޯލިޝަނުންވީ ވައުދަކީ ވަގުން ހިފުމާއި ކޮރަޕްޝަނާއި ފަސާދަ ނައްތާލައި ރާއްޖޭގެ މުއްސަނދިކަން ބީވެގެންދިޔުން ހުއްޓުވުން ކަމަށެވެ.

"އިންތިހާބަށްފަހު ބިލް މަޖިލީހަށް ދިޔައީމަ ހަމަ އެއް އިއްތިހާދުގައި އަޅުގަނޑުމެންނާ ބައިވެރިވި މީހުން ބިލަކަށް ވޯޓެއް ނުދޭ، ދެން އަޅުގަނޑުމެން ބަލާލާއިރުގައި އެ ބޭފުޅުންނާއި އެ ބޭފުޅުންނާ ނަގޫ ގޮއްޖެހިފަ، އެ އިންތިހާބެއް އެ އިއްތިހާދެއް އަޅުގަނޑުމެންނަކަށް ނުފެނުނު،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ދޭން ޖެހެނީ އެހެންވެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މިހާރު އެ ފެންނަމުންދާ އަމަލުތަކުން އެކަން ރައްޔިތުންނަށް ވަރަށް ސާފުވާނެ ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުންނަށް އިންސާފު ހޯދައިދޭން ޖެހޭނެ، ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހު ވާން ޖެހޭނެ، އެއީ މިއަދު ރައްޔިތުން އަބަދުމެ ގޮވަމުންދާ އެމީހުންގެ ބޮޑު އެދުމަކީ، ޝަރީއަތުގެ ކަންކަން މިއަދު މި ހިނގާ އުސޫލުން ކަންކަން ހިނގައިގެން ދިވެހިންގެ ހާލަތު ރަނގަޅު ކުރެވެން ނެތްކަން އެއީ ދިވެހިންނަށް ވަރަށް ސާފުވެފައި އޮތް ހަގީގަތެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިޔާނާތްތެރިވެފައިވަނީ ހަމައެކަނި އެމްއެމްޕީއާރްސީގެ ތެރެއިނެއް ނޫނެވެ. އެއީ ވަރަށް ކުޑަ މިންވަރެއް ކަމަށެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގާފައިވާ ހިޔާނާތާއި ސީދާ ދައުލަތުގެ ބައިތުލްމާލުން ނަގާފައިވާ ފައިސާ އާއި ބޭރުގެ ބޮޑެތި ޖަމާއަތްތަކުން ނާޖައިޒު ގޮތުގައި ހޯދާފައިވާ ފައިސާ، ރާއްޖެ ގެނެސް ދޮވެ ހަދާފައިވާ ވައްކަން މާބޮޑު ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ މައްސަލަތައް ބަންޑާރަ ނައިބު ތަހުގީގު ކުރަމުންދާ ކަމަށާއި އެކަމަށް ރައްޔިތުންގެ މަޖިލީހުން އެއްބާރުލުންދޭނެ މެންބަރުން ނެތްނަމަ އެކަންކަމުގެ އަޑިއެއް ފުންމިނެއް ނުހޯދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެންވެ އެމްޑީޕީއަށް ވޯޓު ދޭން ޖެހޭ ކަމަށާއި އެމްޑީޕީއަށް ވޯޓު ދޭންވީ ރައްޔިތުންގެ އުއްމީދަށްޓަކައި ކަމަށް ވިދާޅުވި އެވެ.