ހަބަރު

މަޖިލިސް އިންތިހާބުގައި އެމްޑީޕީއިން 87 ދާއިރާއަށް ވާދަކުރަން ޖެހޭ: ނަޝީދު

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއިން 87 ގޮނޑިއަށް ވާދަކުުރުމަށް ތާއީދުކޮށްދެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގައި އެދިވަޑައިގެންފި އެވެ.

އެމްޑީޕީއިން ވަނީ އެ ޕާޓީއިން މަޖިލިސް އިންތިހާބުގައި 61 ދާއިރާއަށް ކުރިމަތިލާން ބޭނުންވާ ކަމަށް ބުނެ ކޯލިޝަނަށް ހުށަހެޅުމެއް ހުށަހަޅާފަ އެވެ. އެ ހުށަހެޅުމާއެކު، ކުރިމަތިލާން ބޭނުންވާ ދާއިރާތައް ވެސް ބަޔާންކޮށްފައިވެ އެވެ. އޭގެ ކޮޕީއެއް "އަަވަސް"އަށް ލިބިފައިވެ އެވެ.

އީސް ނަޝީދު ވިދާޅުވި ގޮތުގައި ކޯލިޝަންގެ ތެރެއިން އެމްޑީޕީއަށް ހައްގު މިންވަރު ނުލިބޭ ކަމަށް ގަބޫލުކޮށް ކޯލިޝަންގެ އެހެން ޕާޓީތަކާއެކު ވަކިވަކިން މަޝްވަރާ ކުރެއްވި ކަމެވެ. އަދި، ހަތަރު ލީޑަރުން އެކުގައި އެމްޑީޕީ އޮފީހުގައި ވެސް މަޝްވަރާތައް ކުރައްވާފައިވާނެ ކަމަށެވެ. ނަމަވެސް އަދާލަތު ޕާޓީ އާއި ރައީސް މައުމޫން އަބްދުލްގައްޔޫމް އެމްޑީޕީގެ ހުށަހެޅުމަށް ދެކޮޅު ހަދާ ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އަދާލަތު ޕާޓީ އާއި ރައީސް މައުމޫން ދެކޭ ގޮތުގައި އެމްޑީޕީއިން ވާދަ ކުރަން ޖެހޭނީ 35 ދާއިރާއަށެވެ. އެކަމަކު، އެއީ އެމްޑީޕީއަށް ގަބޫލު ކުރެވޭނެ އަދަދެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީއިން 61 ދާއިރާއަށް ކުރިމަތިލާން ޖުމްހޫރީ ޕާޓީ އެއްބަސްވާ ކަމަށެވެ. އެ ދާއިރާތަކުގެ ތެރެއިން 14 ދާއިރާއަކަށް ކެންޑިޑޭޓުން ނެރުމުގައި ޖުމްހޫރީ ޕާޓީގެ ތާއިދު ލިބޭނެކަން ވެސް އެ ޕާޓީއިން ހާމަކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީއިން އަބަދުވެސް ކާމިޔާބުކުރާ ދާއިރާތަކާއެކު ޖުމްލަ 50 ގޮނޑި ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދު އެބަ އޮތެވެ.

އެމްޑީޕީއިން ކޯލިޝަނަށް ދޫކޮށްލަނީ 27 ދާއިރާ ކަމަށާއި އެ ދާއިރާތަކަކީ ހަމައެކަނި ޖުމްހޫރީ ޕާޓީއަށް ދޫކުރާ ދާއިރާތަކެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޯލިޝަންގެ ބާކީ ތިން ޕާޓީއިން އެ 27 ދާއިރާ ބަހާލުމަކީ އެންމެ މަސްލަހަތު ހުރި ގޮތެވެ.

"އަޅުގަނޑުމެންނަށް ދެން ނެތް މިއަށް ވުރެ ލަސްކުރެވޭކަށް. އެހެންވެ އަޅުގަނޑު ހުށަހަޅަން ބޭނުން މިތަނުގައި ދެއްކުނު ވާހަކަތަކަށް ބަލާފައި އެމްޑީޕީއިން 87 ގޮނޑިއަށް އަޅުގަނޑުމެން ނިކުންނަން ހުށަހެޅުމެއް ހުށަހަޅަން. އެއީ މި ޕާޓީއަށް ވެސް ފައިދާކުރި ގޮތަކީ،" ނަޝީދު ވިދާޅުވި އެވެ.

އަދާލަތު ޕާޓީ އާއި ރައީސް މައުމޫން، އެމްޑީޕީއިން 61 ދާއިރާއަށް ކުރިމަތިލުމާމެދު އެއްބަސްވުމަކީ އެއީ ކުރިން ވެފައިވާ ކޯލިޝަން އެއްބަސްވުމާ ހިލާފު އަދަދަކަށްވާތީ އެވެ. އެ އެއްބަސްވުން މިއަދު "އަވަސް"އަށް ވަނީ ލިބިފަ އެވެ.

އެ އެއްބަސްވުމުގައިވާ ގޮތުން ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި އިއްތިހާދުގެ ބައިވެރިން ހިއްސާވާ ހަމައަކީ އެމްޑީޕީއަށް 40 ޕަސަންޓު، ޖުމްހޫރީ ޕާޓީއަށް 25 ޕަސަންޓު، އަދާލަތު ޕާޓީއަށް 15 ޕަސަންޓު އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް 20 ޕަސަންޓެވެ. ހުރިހާ ވުޒާރާތަކާއި ރައިސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މަގާމްތަކާއި ރުހުންދޭ އެންމެހާ މަގާމްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން އައްޔަން ކުރުމުގައި ވެސް އަމަލު ކުރާނީ އެ ހަމައަށެވެ. އޭގެ އިތުރުން އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބާއި 2020 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ޕާޓީތަކުން ވާދަކުރާނެ ދާއިރާތައް ބަހާނީ އެގޮތުގެ މަތިން ކަމަށް އެއްބަސްވުމުގައި ބުނެފައިވެ އެވެ.

އެހެންކަމުން އެއްބަސްވުމާ އޮތް ހަމައަށް ޕާޓީތަކުން އަމަލު ކުރާ ނަމަ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި އެމްޑީޕީ ވާދަ ކުރާނީ 35 ދާއިރާއަށެވެ. އަދި ޖުމްހޫރީ ޕާޓީ ވާދަ ކުރާނީ 22 ދާއިރާއަށެވެ. އަދާލަތު ޕާޓީއަށް 13 ދާއިރާ ލިބޭއިރު މައުމޫންއަށް ލިބޭނީ 17 ދާއިރާ އެވެ.