ހަބަރު

އަދާލަތުން ވާދަކުރަން ބޭނުންވާ 13 ދާއިރާ ހިއްސާކޮށްފި

ރިޔާސީ އިންތިހާބު ކާމިޔާބުކުރި ކޯލިޝަންގެ އެއްބަސްވުމާ އެއްގޮތަށް އަދާލަތު ޕާޓީއިން ވާދަ ކުރަން ޝައުގުވެރިވާ 13 ދާއިރާ، އެހެން ޕާޓީތަކާ ހިއްސާކޮށްފި އެވެ.

އަދާލަތު ޕާޓީއިން މިއަދު ބުނީ، 13 ދާއިރާއަށް އެ ޕާޓީއިން ވާދަކުރަން ނިންމީ، މި އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހު ބޭއްވި ކޯލިޝަންގެ މަޝްވަރާ ކޮމެޓީ، 1819 ކޮމެޓީގެ 20 ވަނަ ބައްދަލުވުމުގައި ކުރި މަޝްވަރާގެ އަލީގައި ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން އެ ޕާޓީއިން ވާދަ ކުރަން ޖެހޭނީ 13 ދާއިރާއަށް ކަމަށްވާތީ ކަމަށެވެ. އެ އެއްބަސްވުމުގެ ކޮޕީއެއް "އަވަސް"އަށް ވެސް ވަނީ ލިބިފަ އެވެ.

އެ އެއްބަސްވުމުގައިވާ ގޮތުން ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި އިއްތިހާދުގެ ބައިވެރިން ހިއްސާވާ ހަމައަކީ އެމްޑީޕީއަށް 40 ޕަސަންޓު، ޖުމްހޫރީ ޕާޓީއަށް 25 ޕަސަންޓު، އަދާލަތު ޕާޓީއަށް 15 ޕަސަންޓު އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް 20 ޕަސަންޓެވެ. ހުރިހާ ވުޒާރާތަކާއި ރައިސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މަގާމްތަކާއި ރުހުންދޭ އެންމެހާ މަގާމްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން އައްޔަން ކުރުމުގައި ވެސް އަމަލު ކުރާނީ އެ ހަމައަށެވެ. އޭގެ އިތުރުން އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބާއި 2020 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ޕާޓީތަކުން ވާދަކުރާނެ ދާއިރާތައް ބަހާނީ އެގޮތުގެ މަތިން ކަމަށް އެއްބަސްވުމުގައި ބުނެފައިވެ އެވެ.

އެހެންކަމުން އެއްބަސްވުމާ އޮތް ހަމައަށް ޕާޓީތަކުން އަމަލު ކުރާ ނަމަ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި އެމްޑީޕީ ވާދަ ކުރާނީ 35 ދާއިރާއަށެވެ. އަދި ޖުމްހޫރީ ޕާޓީ ވާދަ ކުރާނީ 22 ދާއިރާއަށެވެ. އަދާލަތު ޕާޓީއަށް 13 ދާއިރާ ލިބޭއިރު މައުމޫންއަށް ލިބޭނީ 17 ދާއިރާ އެވެ.

އާދަލަތުން ޝައުގުވެރިވާ ދާއިރާތައް

  • ކެލާ ދާއިރާ
  • ވައިކަރަދޫ ދާއިރާ
  • ކުޅުދުއްފުށީ އުތުރު ދާއިރާ
  • މަކުނުދޫ ދާއިރާ
  • އިނގުރައިދޫ ދާއިރާ
  • ކާށިދޫ ދާއިރާ
  • މަހިބަދޫ ދާއިރާ
  • މުލަކު ދާއިރާ
  • ނިލަންދޫ ދާއިރާ
  • ގަމު ދާއިރާ
  • ފުވައްމުލައް ދެކުނު ދާއިރާ
  • ފޭދޫ ދާއިރާ
  • މާފަންނު ދެކުނު ދާއިރާ

އެހެން ޕާޓީތަކުން ދައްކާ އެއްބަސްވުމަކީ އެއްބަސްވުމެއް ނޫން ކަމަށް ރޭ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ވިދާޅުވެފަ އެވެ. ޖުލައި 12 ވަނަ ދުވަހު ކޯލިޝަންގެ ބައިވެރިން އެކުވެ މަޝްވަރާކޮށް ނިންމާފައި ވާނީ ރިޔާސީ އިންތިހާބާއި އޭގެ ފަހުން ކުރިޔަށް ދާނެ ގޮތަކާ މެދު ކަމަށެވެ. އަދި އެ ހުށަހެޅުމުގައި އޭނާ އާއި ކެނޑިޑޭޓެއްގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ސޮއި ކުރެއްވި ކަމަށް ހަސަން ވިދާޅުވި އެވެ. ނަމަވެސް އެއީ އެއްބަސްވުމެއް ކަމަށް ނުދެކޭ ކަމަށާއި ގޮނޑިތައް ބަހާނެ ގޮތަކާ މެދު ވެސް އެއްބަސްނުވާ ކަމަށް ހަސަން ވިދާޅުވި އެވެ.

ރޭ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީއިން ކުރިމަތިލާން ޖެހޭނީ 35 ދާއިރާއަށް ކަމަށް އަދާލަތު ޕާޓީ އާައި ރައީސް މައުމޫން އަބްދުލްގައްޔޫމް ދެކޭ ކަމަށެވެ. ނަމަވެސް އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެއީ އެމްޑީޕީއަށް ހައްގު މިންވަރު ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އެއްބަސްވުމާ ހިލާފަށް އެމްޑީޕީއިން ވަނީ 61 ދާއިރާއަށް ކުރިމަތިލާން ބޭނުންވާ ކަމަށް މީގެ ދުވަސްކޮޅެއް ކުރިން ކޯލިޝަންގެ އެހެން ޕާޓީތަކަށް ހުށަހަޅާފަ އެވެ. ނަމަވެސް އެކަމާ އެއްބަސްވީ ހަމައެކަނި ޖުމްހޫރީ ޕާޓީއިންނެވެ. އެހެންވެ، ކޯލިޝަންއާއެކު މަޖިލިސް އިންތިހާބުގައި މަސައްކަތް ނުކުރެވޭނެ ކަމަށް ނިންމައި، ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ފާސްކޮށްފަ އެވެ. އެގޮތަށް ގައުމީ މަޖިލީހަށް ހުށަހެޅުއްވީ ވެސް ރައީސް ނަޝީދެވެ.