ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓީއެއްގެ ގޮތުގައި އޮވެ، ދައުލަތުގެ ބަޖެޓަށް ބުރަވާ ފަދަ ބިލުތައް ޖޭޕީން ހުށަހަޅަނީ ނުބައި ނިޔަތެއް އޮވެގެން ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން އަމާޒު ކުރެއްވި ފާޑުކިޔުންތަކަށް ދަނގެތީ ދާއިރާގެ ޖޭޕީ މެންބަރު މުހައްމަދު ނާޒިމް މިއަދު ރައްދު ދެއްވައިފި އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 5000 ރުފިޔާ އާއި 7000 ރުފިޔާއާ ދެމެދުގެ އިނާޔަތެއް ދޭން ނާޒިމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން އޭނާ ވިދާޅުވީ މިހާތަނަށް މަޖިލިހަށް ސަރުކާރުގެ ފަރާތުން ބިލްތައް ހުށަހެޅީ ޖޭޕީއާ މަޝްވަރާނުކޮށް ކަމަށެވެ.
ދެ ޕާޓީންވެސް އެ ގޮތަށް އަމަލުކުރަމުންދާއިރު، އޭގެ މާނައަކީ ޖޭޕީއާ ސަރުކާރާ ދެމެދު ގުޅުންނެތުން ނޫން ކަމަށް ނާޒިމް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ ވަރަށް އެކުވެރިކަމާ އެކުގައި. ކޯލިޝަން ފުރިހަމަ އަށް އެބަ އޮތް. އަޅުގަނޑުމެންގެ ތާއީދު އެބަ އޮތް. ސަރުކާރާ އެކީގައި އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން،" ނާޒިމް ވިދާޅުވި އެވެ.
އެ ގާނޫނުގައި މިހާރު އޮންނަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ ފަރާތަކަށް ކޮންމެ މަހަކު މަދުވެގެން 2000 ރުފިޔާގެ ގެ އިނާޔަތެއް ދޭން ޖެހޭނެ ކަމަށެވެ.
ނާޒިމު ހުށަހެޅުއްވި ބިލުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރެއް އެކުލަވާލައި އެ މީހުން ގިންތި ކުރަން ވާނެ ކަމަށެވެ. އަދި ދަފުތަރުން އެ މީހަކު އުނިކުރާ ދުވަހާ ހަމައަށް އެއިން ކޮންމެ މީހަކަށް ކޮންމެ މަހަކު 5000 ރުފިޔާ އާއި 7000 ރ. އާ ދެމެދުގެ އިނާޔަތެއް ސަރުކާރުން ދޭން ޖެހޭނެ ކަމަށެވެ.
އަދި ނުކުޅެދުންތެރި ކަމުގެ ސަބަބުން ދިގު މުއްދަތަކަށް އެނދުމަތިވެފައިވާ ފަރާތްތަކަށް މަދުވެގެން 9000 ރުފިޔާގެ އިނާޔަތެއް ސަރުކާރުން ދޭން ޖެހޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.
އެ ބިލު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ނާޒިމް ވިދާޅުވެފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބެލެހެއްޓުމަށާއި އެ މީހުންނަށް ބޭނުންވާ އެހީތެރިކަން އެކަށޭނެ ގޮތެއްގައި ލިބިދެވޭނީ އެ މީހުންނަށް މިހާރު ލިބޭ މާލީ އިނާޔަތްތައް އިތުރުވެގެން ކަމަށެވެ.