ހަބަރު

ރައްޔިތުން މަޖިލީހުގެ 13 ބުރީގެ އިމާރާތަށް ފަރުނީޗަރު ހޯދަނީ

ރައްޔިތުން މަޖިލީހުގެ އާ އިމާރާތަށް ފަރުނީޗަރު ހޯދަން އަނެއްކާ ވެސް ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ މަޖިލީސް އިދާރާގެ އެދުމުގެ މަތިން 13 ބުރީގެ އިމާރަށް ބޭނުންވާ ފަރުނީޗަރާއި ފިޓިންގްސް އަދި ޕާޓިޝަން ސަޕްލައިކޮށް، އަދި ޑެލިވަ ކޮށްދޭނެ ފަރާތެއް ހޯދަން މިނިސްޓްރީން ކުރިން ކުރި އިއުލާނަށް ހުށަހަޅާފައިވާ ބީލަންތައް ބާތިލްކޮށް، ޝަތުރު ހަމަވާ ރާއްޖޭގެ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 500ރ. ގެ ނޮން- ރިފަންޑަބަލް ފީއެއް ދައްކަން ޖެހެ އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި 80،000ރ. ހުށަހަޅަން ޖެހެ އެވެ.

ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 118 ދުވަހަށެވެ. މި މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތްތަކުން ބީލަން ހުށަޙަޅަން ޖެހޭ ތާރީހަކީ މިމަހުގެ 10 ވަނަ ދުވަހުގެ ކުރިންނެވެ.

ރައްޔިތުންގެ މަޖިލީހާއި އިވެގެން ހަދާފައިވާ 13 ބުރީގެ އިމާރާތަކީ 2013 ވަނަ އަހަރު ނިންމި އިމާރާތެކެވެ. މި އިމާރާތް ކޮށްފައިވަނީ 111 މިލިއަން ރުފިޔާ ހަރަދުކޮށްގެން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީއެންސީ) އިންނެވެ. ނަމަވެސް މި އިމާރާތުގެ ބޭނުމެއް އަދި ނުކުރެ އެވެ.