ހަބަރު

ދަތުރު ދާ ރަށަކީ އެނބުދޫފަޅުގެ ރަށެއް، އަންނަ އަހަރު ހުޅުވާލާނެ

މާލެ ކައިރީ ދަތުރު ދާ ރަށެއްގެ ގޮތުގައި އެނބޫދޫ ފަޅުގައި ހިއްކި ރަށެއް ހަމަޖައްސައިފި އެވެ. އެ ރަށް އަންނަ އަހަރު ކުރީކޮޅު ހުޅުވާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވި އެވެ.

ސިންހާ އެސްޓޭޓުން އެނބޫދޫ ފަޅުގައި ތަރައްގީ ކުރާ ރައްތަކުގެ ތެރެއިން ދަތުރުދިއުމަށްޓަކައި ހާއްސަ ރަށެއް ހަމަޖައްސާފައިވާއިރު މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ތެރެއިން ވައުދެކެވެ. ގާތްގަނޑަކަށް 3.3 ހެކްޓަރުގެ މި ރަށަށް މާލެއިން ފުރައިގެން 15 މިނެޓުން ފެރީގައި ދެވޭނެ އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ސިންވާ ކުންފުނިން އެ ރަށް ތަރައްގީ ކޮށްދެނީ ޕިކްނިން އައިލެންޑަކުން ލިބެން ހުންނަ ޒަމާނީ ހުރިހާ ލުއިފަސޭހަ ތަކާއެކު ކަމަށެވެ.

"އާއިލާތައް އެކުގައި ގޮސް އުޅެވޭނެ އިންތިޒާމުތައް ހުންނާނެ، މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށްގެންދާ ޖާގަވެސް އޮންނާނެ. ކުޑަކުދިންނަށް ހާއްސަ ކުރެވިފައިވާ ތަންތަނާއި އިންތިޒާމްތައްވެސް ހަމަޖެހިފައި ހުންނާނެ. އަޅުގަނޑުމެން ގަސްތުކޮށްފައިވަނީ އެންމެ ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު އެރަށަށް ދަތުރު ދެވޭ ވަރު ކުރުމަށް،" ރައީސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ، އެނބޫދޫ ފަޅަކީ މިހާރުވެސް ހިއްކާފައި އޮތް ތަނެއް ކަމަށާއި މި ރަށަށް ހުޅުވުމުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ އެތައް މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށެވެ.

"މާލެ ތޮއްޖެހުމަކީ މިއަދު ކުރިމަތިވެފައިވާ މައްސަލަތަކުގެ އަސްލު. މިއީ އެތައް ބައިވަރު ބަލިތަކެއްގެ އަސްލު. އިޖްތިމާއީ ގިނަ މައްސަލަތަކެއްގެ ހަގިގީ މައްސަލައަކީ ހިތްފަސޭހަ ކޮށްލެވޭނެ ގޮތެއް ނެތި ކަންބޮޑުވެފައި ތިބެން ޖެހުން،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، މާލޭ މީހުން ދިރިއުޅެމުން އައި ހާސް ކަމުގެ ތެރެއިން ހިތް އުފާ ކޮށްލާ މުނިފޫހި ފިލުވާލުމަށް މީގެ ކުރިން ގޮސް އުޅުނީ މާލެ މާލެ އާ ކައިރި ފަޅުރައްތަކާއި ފިނޮޅުތަކަށް ކަމަށެވެ. އަދި މާލޭގައި ދިރިރިއުޅޭ މީހުންގެ އިހުސާސްތަކަށް ބެލުމެއް ނެތި، މާލޭ ސަރަހައްދުގެ ހުރިހާ ފަޅުރައްތައް ކުރީ ސަރުކާރުން ވަނީ ނާޖާއިޒު ގޮތުގައިި ވިއްކާ ހުސްކޮށްފަ ކަމަށެވެ.

"އާއިލާއާއި އެކުވެރިންނާއި އޮފީސް މުވައްޒަފުންނާއެކު މަޖާ ކޮށްލުމަށް ދަތުރު ދިއުމަކީ ދިވެހިން، ވަކިން ހާއްސަކޮށް މާލޭގެ ދިރިއުޅޭ މީހުންގެ އުފަލެއް. ނަމަވެސް، މާލޭގެ ދިރިއުޅޭ މީހުންގެ އިހުސާސް ތަކަށް ބެލުމެއް ނެތި އަދި އެކަން ނުކުރަށް އެދި އަޑުއުފުލަމުން ދަނިކޮށްވެސް މި ސަރަހައްދުގެ ހުރިހާ ފަޅު ތަކާއި ފިނޮޅު ތަކާއި ފަޅުރައްތައް ކުރީ ސަރުކާރުން ވަނީ ނާޖާއިޒު ގޮތުގައި ވިއްކާ ހުސްކޮށްލާފަ،" ރައީސް ވިދާޅުވި އެވެ.

ސިންހާ އެސްޓޭޓުން އެނބޫދޫފަޅުގައި ހިއްކާފައިވާ ރަށްތަކުގެ ތެރެއިން ރަށެއް ދަތުރު ދިއުމަށް ހަމަޖައްސާފައިވާއިރު މި ރަށުގައި ޒަމާނީ ވަސީލަަތްތައް ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން، މޫދު ކުޅިވަރުތަކާއި ބާބަކިއު ހެދޭނެ އިންތިޒާމާއި ކުޑަކުދިންނަށް ހާއްސަަ "ކިޑްސް ކްލަބް" އަދި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ޗޭންޖިން ރޫމްތައް ވަނީ ހިމަނާފަ އެވެ.

މި ރަށް ތަރައްގީ ކުރާނެ ގޮތް ޕްލޭނިންގް މިނިސްޓްރީ އިން ދައްކާލާފައިވާ އިރު، ނުނިމި ހުރީ ޑިޒައިންގެ މަސައްކަތަކެވެ.