ހަބަރު

މަޖިލިސް އިންތިހާބު ހަމަޖެހިފައިވާ ތާރީޙުގައި ބާއްވަން ނަހުލާ ގޮވާލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކަމަށް ކަނޑައަޅާފައިވާ ތާރީހުގައި ބޭއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ގޮވާލައްވައިފި އެވެ.

މި މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކޯޓަށް ހުށަހަޅައިގެން ފަސް ކުރަން ޕީޕީއެމްއާއި ޕީއެންސީއިން މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އަދި އެފަދަ އިޝާރާތެެއް ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ވަނީ ކުރައްވާފަ އެވެ.

އެ އަޑުތަކާއި ގުޅިގެން ގާސިމްގެ އަބިކަނބަލުން ނަހުލާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މަޖިލިސް އިންތިހާބު ފަސް ކުރުން މަދު ބަޔަކު ނަމަވެސް ކުރާ މަސައްކަތަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އިންތިހާބު ބާއްވަން ހަމަޖެހިފައިވާ ތާރީހުގައި އިންތިހާބު ބޭއްވުމަށް ގޮވާލާ ކަމަށާއި، ކޯލިޝަން ސަރުކާރަށް މެޖޯރިޓީ ލިބޭނެ ކަމާއި މެދު ޝައްކު ނުކުރާ ކަމަށެވެ.

ޖުމްހޫރީޕާޓީގެ ސްލޮޓެއްގައި ނަހުލާ މިނިސްޓަރު ކަމަށް ވަޑައިގެންފައިވާ އިރު، އެޕާޓީން ކުރިމަތިލާފައިވާ ބައެއް ދާއިރާތަކަށް އެމްޑީޕިން ކުރިމަތިލާފައިވާ ކެނޑިޑޭޓުންނަށް ތާއިދު ހޯދުމަށް ނަހުލާގެ އިތުރުން ޖޭޕީގެ އިތުރު މިނިސްޓަރުންވެސް ހަރަކާތްތެރިވަމުންދާ ކަން ފާހަގަކޮށްލެވެއެވެ.

ނަހުލާ ކުރެއްވި ޓުވީޓް

މަޖިލިސް އިންތިހާބު ފަސް ކުރަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ވިދާޅުވެފަ އެވެ. އަދި އެކަން އެގޮތަށް ވިޔަ ނުދޭނެ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ. ރައީސް ސޯލިހުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ އިންތިހާބު ފަސް ކޮށްފި ނަމަ 20 މިލިއަން ރުފިޔާގެ ގެއްލުމެއްވާނެ ކަމަށްބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.